ދުނިޔެ

ޔޫކޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޔޫކޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްކަމުގައިވާ ޑޭވިސް އަމެސްގެ ގަޔަށް އެތަށް ފަހަރެއްގެ މަތިން ވަޅިން ހަމަލާ ދީ އަވަހާރަކޮށްލައިފިއެވެ.

Ads by WAMCO

އޭނާއަށް ހަމަލާދީފައި ވަނީ ފައްޅިއެއްގައި އޭނާގެ ދާއިރާގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވަމުން ދަނިކޮށް ކަމަށް ހަބަރުތައް ބުނެއެވެ.

އުމުރުފުޅުން 69 އަހަރުގެ ޑޭވިސްއަށް ވަޅިން ހަމަލާދިންކަމުގެ ތުހުމަތުގައި 25 އަހަރުގެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ. އަދި މިމައްސަލައިގައި އިތުރު މީހެއް ހޯދަމުން ނުދާކަމަށް ވެސް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

ޑޭވިސްއަށް ވަޅިން ހަމަލާ ދިނުމާއެކު އޭނާއަށް ވަގުުތުން އިމަޖެންސީ ފަރުވާ ދީފައިވާ ކަމަށާއި އެހެން ނަމަވެސް އޭނާ ވަނީ މަރުވެފައިކަމަށް ޚަބަރުތައް ބުނެއެވެ.

"ކްރައިމް ސީންއަށް ފުލުހުން ވަދެގަނެވުނު އަވަހަކަށް ތުހުމަތު ކުރެވުނު އުމުރުން 25 އަހަރުގެ މީހާ ވަނީ ހައްޔަރުކޮށްފައި. އޭނާގެ އަތުން ވަނީ ވަޅިއެއް އަތުލާފައި" ފުލުހުން ބުނެފައިވެއެވެ.

ޑޭވިސްއަށް ދިން އަނިޔާވެރި ހަމަލާ ދިން ވަގުތު އެތަނުގައި ހުރި ލޯކަލް ކައުންސިލް މެމްބަރެއް ކަމުގައިވާ ޖޯން ލަމްބް ބުނެފައިވާގޮތުގައި އެކި ފަހަރު ވަޅި ހެރުމުގެ ސަބަބުން ޑޭވިސްއަށް ވަނީ ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަށް ދިން މި ކުއްލި ހަމަލާގެ ސަބަބުން މެމްބަރުން ވަނީ ކުއްލި ޝޮކެއްގައި ކަމަށާއި އޭނާގެ އާއިލާއަށް އެ މެމްބަރުން ތައުޒިޔާ ފޮނުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑޭވިސް އަވަހާރަވި އިރު އަނތްބަކާއި 5 ދަރިން އެބަތިއްބެެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!