މާލޭގެ ބާރުހުރި މީހުންނަށް ލ. ގަމުން ހިލޭ 512 ގޯތި ދީފައި އެބަހުރި: އަލީ ހުސައިން
މާލޭގެ ބާރުހުރި ފަރާތްތަކަށް ހިލޭ ލ.ގަމުން 512 ގޯތި ދީފައި އެބައޮތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުން އަތުން އެމީހުންގެ ބިންތައް އެހެން ބަޔަކު ފޭރިގަނެފައިވާ ފަދަ މައްސަަލައެއް ގޮތައް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީގެ ޕާރަލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޝަހީމް (އަނދުން ހުސައިން) ދެއްކެވި ވާހަކަތަކަތާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އަލީ ހުސެއިން މިރޭ ވިދާޅުވީ "ފަލަސްތީނު"ގެ ބާރުހުރި މީހުންނަށް ހިލޭ ލ. ގަމުން ދީފައިވާ 4000 އަކަފޫޓުގެ 512 ގޯތި އެބަ އޮތް ކަމަށެވެ.
"ބާރުހުރި އެހެން މީހުންނަށް ފޮނަދޫ، ތުުސްދޫ، ހިންމަފުށި، ކާށިދޫ އަދި ހަނިމާދޫން ދޫކޮށްފައިވަނީ ކިތައް ގޯތި؟ މާލޭގެ ވެސް ނިކަމެތި މީހުންނަށް އެއިންތާކުންވެސް ގޯތި ލިބިފައި ނެތް" އަލީ ވިދާޅުވިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން ހުސެއިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ފްލެޓެއް ނުވަތަ ބިންކޮޅެއް ނުލިބޭތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި ކޮންމެ ސަރުކާރަކުން ވެސް މާލެ ހިއްކުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެ ތަންތަނަށް ވަޒަންވެރި ކުރުވާއިރު މާލޭ މީހުން ތިބީ ތިބިގޮތަށް ކަމަށެވެ.
"އެހެންވީމަ މިއީ ހަމަ ގާތްގަނޑަކަށް މި ތަނަށް (މާލެ) ދިމާވެފައި މިއޮތީ ފަލަސްތީނަށް ދިމާވެފައި އޮތް ކަހަލަ ކަމެއް. މާލޭގެ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ވަރަށް ބަސްއަހާ ބޭފުޅުން. އެހެންކަމާއެކީގައި ވެރީންގެ ބަސް އަހައިގެން އެ ބޭފުޅުން އެ ތިއްބަވަނީ. ވެރިން ރަނގަޅު ގޮތަށް ކަންކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަގީންކަމާއެކީގައި" ހުސެއިން ވިދާޅުވިއެވެ.
އަނދުން ހުސެއިން އެގޮތަށް ވާހަކަދެއްކުމާއި ގުޅިގެން އެމްޑީޕީ މެމްބަރުން ހިމެނޭ ގޮތަށް ގިނަބައެއްގެ ފާޑުކިޔުންތައް އޭނާއަށް ދަނީ އަމާޒުވަމުންނެވެ.