ޚަބަރު

އެމްބިއުލާންސް ނައިސްގެން އަމިއްލައަށް ހޮސްޕިޓަލަށް ދާން އެދުމުން, ޑޮކްޓަރ ނުބަލާނެ ކަމަށް ބުނި: ނިޔާވި ކުއްޖާގެ ބައްޕަ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ.ތިނަދޫން އިއްޔެ ނިޔާވި 3މަހުގެ ތުއްތު ކުއްޖާގެ ހާލު ދެރަވެގެން އެމްބިއުލާންސަށް ގުޅުމުން ، ނައިސް ގިނައިރު ވާތީ ކުއްޖާ ގޮވައިގެން އަމިއްލައަށް ހޮސްޕިޓަލަށް ދާން އެދުމުން ޑޮކްޓަރު އެގަޑީގައި ނުބަލާނެ ކަމަށް އެ ރަށުގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނި ކަމަށް ނިޔާވި ކުއްޖާގެ ބައްޕަ ބުނެފިއެވެ.

Ads by STELCO

ތިނަދޫން އިއްޔެ ނިޔާވީ އުމުރުން ތިން މަހުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ނިޔާވިއިރު ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން ހުރީ ކަރަންޓީނުގައެވެ. އާއިލާއިން “ދެން”އަށް މަޢުލޫމާތު ދިން ގޮތުގައި އެ ކުއްޖާ ކޮވިޑަށް ފައްސިވިތާ ގާތްގަޑަކަށް 15 ދުވަސް ވަނީ ވެފައެވެ.

ކުއްޖާ ނިޔާވުމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ބުނެ ކުއްޖާގެ ބައްޕަ މިއަދު މަޢުލޫމާތު ދިން ގޮތުގައި ކުއްޖާގެ ހާލު ދެރަވެ ކުއްލިޔަކަށް މާ ގިނައިން ބޭރަށް ހިނގަން ފެށުމުން އެމަޖެންސީކޮށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އެމްބިއުލާންސް ފޮނުވަން އެ ރޭ ފަތިހު 4:00 ޖެހިއިރު ގުޅައިފައިވާ ކަމަށެވެ. ހޮސްޕިޓަލަށް ގުޅުމުން އެމްބިއުލާންސް މި ފޮނުވަނީ ކަމަށް ބުނި ކަމަށާއި ކުއްޖާގެ ހާލު ދެރަވެ, އިތުރު ފަރުވާ ބޭނުން ވާތީ އަނެއްކާ ވެސް އޭގެ 5 މިނިޓް ފަހުން ހޮސްޕިޓަލަށް ގުޅި ކަމަށެވެ.

ކުއްޖާގެ ބައްޕަ ބުނީ އެ ގެ ހުންނަނީ ހޮސްޕިޓަލު ކައިރީގައި ކަމުން އެވަގުތު އެމްބިއުލާންސް ނައިސް ލަސްވުމުން, ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް މި ދަނީ ކަމަށް ބުނުމުން, އާއިލާ ތިބީ ކޮވިޑަށް ފައްސިވެ ކަރަންޓީނުގައި ކަމަށް ވާތީ ނުނިކުމެވޭނެ ކަމަށާއި ކުއްޖާ ގެންދަން ޖެހޭނީ ކޮވިޑް ފެސިލިޓީއަށް ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ.

ހޮސްޕިޓަލުން އެހެން ބުނުމުން, އެމީހުން ކޮވިޑަށް ފައްސިވިތާ މިހާރު 16 ދުވަސް ވެފައިވާ ކަމަށާއި އެންމެން ވެސް ކޮވިޑުން ފަސޭހަވެފައިވާ ކަމަށް އެމީހުން ގާތުގައި ބުނި ކަމަށް އޭނާ ބުންޏެވެ. "އަމިއްލަ ދަރި ގޮވައިގެން ހޮސްޕިޓަލަށް ދާން އެދުމުން ވެސް ބުނީ ހޮސްޕިޓަލަށް ގެނަޔަސް ޑޮކްޓަރު އެޓެންޑް ނުވާނެކަމަށް އޭނާ ބުނެފިއޭ, ކުޑަކުދިންގެ ޑޮކްޓަރު އަންނަނީ ހެނދުނު 8 ޖަހާއިރު އޭ" ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

އެހިސާބުން ވެސް ހިތްވަރު އެލުވައި ނުލައި ހޮސްޕިޓަލަށް ގުޅަމުން ދިޔަ ކަމަށާއި އެމްބިއުލާންސަށް އާދެވޭ ވަރުވީ 2 ގަޑިއިރު ފަހުން, އެއީ ހެނދުނު 6:15ގައި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެމްބިއުލާންސްގައި ކޮވިޑް ފެސިލިޓީއަށް ގެންގޮސް އެއްވެސް ފަރުވާއެއް ނުދީ 1 ގަޑިއިރާ 30 މިނިޓު ވެގެން ދިޔަ ކަމަށާއި އެހެން ނަމަވެސް ކުޑަކުއްޖަކަށް ވާތީ, ކޮވިޑް ފެސިލިޓީގައި ތިބި ދެ ނަރުހުން ވަރަށް ހާސްވެ, ހޮސްޕިޓަލަށް ގުޅައި ޑޮކްޓަރަށް ރިޕޯޓް ކުރަމުން ދިޔަ ކަމަށް އޭނާ ބުންޏެެވެ.

ދަރިފުޅުގެ ހާލު ދެރަވެ, އެއްވެސް ފަރުވާއެއް ނުދެވި އޮއްވާ ކުއްޖާގެ ހަރަކާތް ހުއްޓުނީ ހެނދުނު 7:40ގައި ކަމަށް އޭނާ ބުންޏެވެ.

"ކުއްޖާ ނިޔާވި ފަހުން ހެނދުނު 7:43ގައި ހޮސްޕިޓަލްގެ ޓީމެއް ވަރަށް އެމަޖެންސީ ވެލާފަ އެޓެންޑް ވާން އައި އިރު މާ ލަސްވެއްޖެ ، އޭގެ ފަހުން ހޮސްޕިޓަލު ޑޮކްޓަރުންގެ ޓީމެއް ރިކުއެސްޓު ކުރި މަރުވެފަ އޮތް ބެބީގެ ބޮޑީ ސްކޭންއެއް ކުރަން ހޮސްޕިޓަލަށް ގެންދަން ހުއްދައަށް އެދި. މަގޭ ދަރި ދިރި ހުއްޓާ ހޮސްޕިޓަލަށް ނުވައްދާފަ ދެން ނުގެންދެވޭނެއޭ އެއްވެސް ތާކަށް" އޭނާ ކިޔައިދިނެވެ.

އޭގެ ފަހުން ހެނދުނު 10/11 ޖެހިއިރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ގެ ފަރާތުން ގުޅާފައި އާއިލާގެ އެންމެން ކޮވިޑް-19އިން ފަސޭހަވެފައިވާ ކަމަށާއި ކަރަންޓީނުން ރިލީޒްކޮށްފައިވާ ކަމަށް ބުނި ކަމަށާއި އޭގެ ގަޑިއިރެއް ވަރު ފަހުން ހޮސްޕިޓަލުގެ ފަރާތުން ގުޅާފައި ކުއްޖާގެ މޫނު ދައްކަން ގެއަށް ގެންދިޔަޔަސް މައްސަލައެއް ނެތް ކަމަށާއި ކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

ތިން މަހުގެ ތުއްތު ކުއްޖާ މަރުވެގެން ދިޔައީ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާއިން ބުނާއިރު ކުއްޖާގެ މަރާ ގުޅިގެން ހޮސްޕިޓަލުން ވިދާޅުވީ އެ ކުއްޖާ މަރުވެ ދިޔުމުގައި ހޮސްޕިޓަލްގެ އިހުމާލެއް އޮތްކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. ހޮސްޕިޓަލުން "ދެން"އަށް މައުލޫމާތު ދިން ގޮތުގައި އެ ފޯނު ކޯލު އައިސްފައި ވަނީ ކުއްޖާ ބޭރަށް ހިންގާތީ ކަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ބަލާނެ ކަމަށް ވެސް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ. މި މައްސަލައިގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.

Ads by Allied Insurance
  1. ނާނަ

    އެޗްޕީއޭއިން ގުޅަންވެސް އަދި އަވަހެއްނު. ދަރުބާރުގޭގަ ތިބެ ސަރުކާރުގެ ޚަޒާނާ ހުސްކޮށްލައިގެން ތިބި ބައެއް.

  2. ގުރަހަ

    ކުރީ ސަރުކާރުން ވައްކަންކުރީމަ ތި ހޮސްޕިޓަލުން ތިގޮތަށް އަމަލު ތިކުރީ. އެމުޑީޕީ ބަހުން މިބުނީ. ބޭބީގެ މަންމައާއި ބައްޕައަށް ކެއްތެރިކަން ދެއްވާށި އާމީން.

  3. ހިތްހެޔޮ ކުއްޖާ

    ޑޮކުޓަރުކަން ނާރުސްކަން ކިޔަވަންވާނީ ހިތުގައި އިންސާނިއޔާތުކަންވާ މީހުން

    • ށަވިޔަނި

      ދެންއެންމެފަހުން ކުއްވެރިވާނެ އެކަކުވެސް ނުހުންނާނެ ތިބޭނީ ހައްތާ ނުކުޅެދޭމީހުން.

  4. ކަތީބު

    ތިވާނީ ކުރީސަރުކާރުގެ އިހުމާލުންވީކަމަކައް، ތިރީސްފަސްމިލިއަންގެ ވާހަކަ އަލީވަހީދު ބުނީމަވެސް ބުނީ ކުރީސަރުކާރުންނޭ.

  5. ފާރިޝް

    ފަރުވާކުޑަވެއިހުމާލުވެވޭނީތިހާކަންވަރަށް

  6. ޝިިިޝާ

    ޢެންމެ ފަހުން ގޯސްވާނީ މިދުނިޔެ ދޫކޮށް ދިޔަ ތުއްތު ފުރާނަ ތޯއްޗެއް