ޚަބަރު

އިމްރާން ކަހަލަ ނާތަހުޒީބު ބާޣީ އަކަށް މިނިސްޓަރުކަން ދޭކަށް ނުޖެހޭ: މުސްތަފާ

ހޯމް މިނިސްޓަރު އިމްރާން ކަހަލަ ބާޣީ އަކަށް މިނިސްޓަރުކަން ދޭކަށް ނުޖެހޭ ކަމަށް ތިމަފަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ އިއްޔެ ކުރެއްވި ޓްވީޓުތަކެއްގައި ވަނީ އިމްރާން އަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކާފައެވެ. އޭނާ ވިދާޅުވީ އިމްރާން ކާހަލަ ނާތަހުޒީބު ބާޣީ އަކަށް ވެރިކަން ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރާކަމަށެވެ.

"މިއީ އެމްޑީޕީގެ ސަރުކާރެއް. އިމްރާން ކަހަލަ ބާޣީއަކަށް ހޯމް މިނިސްޓަރުކަން ދޭކަށް ނުޖެހޭ. މަ ޗިސް ޗިސް ކިޔާފަ ޓްވީޓުކުރިއަކަށް ނުވާނެ މުހައްމަދު ނަޝީދު. ބާޣީން ބޭރު ކުރޭ. ވެރިކަން ނިކަން ފިސާރި ކެރިގެން ކޮށްބަލަ."

މުސްތަފާ ވިދާޅުވީ މާފުށިން ހައްޔަރުކުރި ޓޫރިސްޓުގެ ގަޔަށް ފުލުހުން އަތްލައި ހެދުމުން ވެސް އިމްރާންނަށް އެކަން ވީ ރަނގަޅު ކަމަކަށް ކަމަށާއި އެވަރުގެ ބޭފުޅަކަށް މިނިސްޓަރުކަން ދޭން ހެޔޮނުވާނެ ކަމަށެވެ.

"ހަރުކަށި ވިސްނުމާއި ދެކޮޅަށް އަޅަ ފިޔަވަޅު އެންމެ ފުރަތަމަ އަޅަން ޖެހެނީ ހޯމް މިނިސްޓަރު އިމްރާންގެ މައްޗަށް. މި ރާއްޖޭގައި ހިންގާ ހުރިހާ ނުބައި ނުލަފާ ކަމެއް ހިންގަނީ އިމްރާން." މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ އިތުރަށް ވިދާޅުވީ މީގެ ދެ މަސް ކުރިން 1400 ހަރުކަށި ފިކުރުގެ މީހުންން ރާއްޖޭގައި ތިބި ކަމަށް އިމްރާން ވިދާޅުވެފައިވާއިރު އެ މީހުން މޮނިޓަރު ކޮށް ހޯދިފައި ނުވުމަކީ މިނިސްޓަރު އިމްރާން ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!