ޚަބަރު

ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ވަނީ ހިތާނުކޮށްފައި: ޔުނިސެފް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށް، ޔުނިސެފުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

Ads by Sosun Fihaara

އެ ޖަމިއްޔާ އިން އިއްޔެ އާއްމުކުރި ދިރާސާގައި ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ އެންމެ ގިނައިން ހިތާނުކޮށްފައިތިބީ މިހާރު އުމުރުން 45 - 49 އަހަރުވެފައި ތިބި އަންހެނުން ކަމަށެވެެ. އެ އުމުރުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު ފަހުގެ ޖީލްތަކުގައި ހިތާނުކުރުން އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައިވާކަމަށްވެސް ބުނެފައިވެއެވެެ.

އެހެންވެ، މިއީ ކުރިން ރާއްޖޭގައި އާއްމު އަދި މިހާރު މަދުވެފައިވާ ސަގާފަތެއްކަން އެނގެ އެވެ.

އާބާދީ އާއި ސިއްހަތާ ގުޅޭގޮތުން މީގެ ކުރިން ރާއްޖޭގައި ހަދާފައިވާ ގިނަ ދިރާސާތަކުން ހޯދާފައިވާ މައުލޫމާތުތަަކަށް ބަލައި ޔުނިސެފުން ތައްޔާރުކުރި ރިޕޯޓުގައި ބުނާގޮތުން ހިތާނުކުރި ގިނަ މީހުން އެކަންކޮށްފައިވަނީ އެ މީހުންގެ އުމުރުން ފަސް އަހަރު ނުފުރެނީހެވެ. އެކަމަކު ބައެއް މީހުން، އުމުރުން 5-9 އަހަރާ ދެމެދު ހިތާނުކޮށްފައިވާކަމަށް އެ ދިރާސާ އިން ދައްކަ އެވެ.

ހިތާނުކޮށްފައިވާ، އުމުރުން 15-24 އަހަރާ ދެމެދުގެ ޒުވާނުންގެ އުމުރުފުރާއަށް ބަލާއިރު، ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ހިތާނުކޮށްފައިވަނީ ޑޮކްޓަރެއް ނުވަތަ ނަރުހެއް ލައްވަ އެވެ. އެކަމަކު ދިވެހި ބޭސްވެރިން ލައްވައި ވެސް އެކަން ކުރި މީހުން ގިނަ އެވެ.

އެންމެ ގިނައިން ހިތާނުކޮށްފައިވަނީ މާލެ ސަރަހައްދާއި ދެކުނުގެ އަތޮޅުތަކުގައި ކަމަށް ދިރާސާގައި ބުނެފައިވެއެެވެ.

އެ ދިރާސާގައި ބައިވެރިވި އުމުރުން 15 އަހަރާއި 49 އަހަރުގެ މީހުންގެ ތެރެއިން އަންހެނުން ހިތާނުކުރުމަކީ ދީނީކަމެކަމަށް ދެކެނީ އެންމެ 10 ޕަސެންޓް މީހުންކަމަށް ބުނެފައިވެއެެވެ.

އަންހެން ކުދިން ހިތާނުކުރުމުގެ ސަގާފަތާ ގުޅޭގޮތުން އަންހެނުންނާއި ޒުވާން ކުދިން ދެކޭ ގޮތާ މެދު އެ ދިރާސާގައި ބަލާފައި ވާއިރު، އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 66 ޕަސެންޓް ގަބޫލު ކުރަނީ އެއީ ހުއްޓުވަން ޖެހޭ ކަމެއްގެ ގޮތުގަ އެވެ.

އަންހެން ކުދިން ހިތާނުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ މީހުންގެ ތެރެއިން މި އުމުރުފުރާގެ އެންމެ ދޮށީ މީހުންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ތައުލީމީ ފެންވަރު ދަށް މީހުން ކަމަށް ދިރާސާގައި ބުނެފައި ވެ އެވެ.

ދާދިފަހުން އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދުނު މައްސަލައެއްވެސް ފެންމަތިވެއެެވެ. ނަމަވެސް ފަހުން ހެލްތު މިނިސްޓްރީން ވަނީ އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީވެސް ބާތިލްކޮށްފައެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!