ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މަހަކު 750 ޑޮލަރު ނެގޭ ގޮތަށް ބަދަލުކޮށްފި

ކުރިއެކޭ އެއްގޮތަށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މަހަކު 750 ޑޮލަރު ނެގޭ ގޮތަށް ބީއެމްއެލްއިން އުސޫލު ބަދަލުކޮށް ކުރީގެ ނިންމުން އަނބުރާ ގެނެސްފި އެވެ.
ބީއެމްއެލްއިން އިއްޔެ ނިންމި އުުސޫލުގެ ދަށުން މިއަދުން ފެށިގެން ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންނަށް ދެން މަހަކު ގިނަވެގެން ނެގޭނީ 125 ޑޮލަރެވެ. އަދި އެއީ 10 ޑޮލަރުގެ ފީއަކާއެކު އެވެ.
ނަމަވެސް މިއަދު ބީއެމްއެލްއިން ބުނީ ކުރިއެކޭ އެއްގޮތަށް 750 ޑޮލަރު ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށް އަނެއްކާވެސް ނެގޭނެ ކަމަށެެވެ.
އެގޮތުން ބީއެމްއެލްގެ ވެބްސައިޓުގެ ފޮރިން ލިމިޓް ޕޯޓަލްގައި ރަޖިސްޓްރީވެ ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސްތަކާއި އޭޓީއެމްތަކުން 750 ޑޮލަރާ ހަމައަށް ޓްރާންސެކްޝަންތައް ހެދޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން އިއްޔެ ބުނީ ކުރިން ބޭރުގައި ދިރިއުޅޭ ފަރާތްތައް ހިމެނޭ ގޮތަށް ބޭރުގެ އޭޓިއެމްތަކުން ޑޮލަރު ލިމިޓް ކުޑަކުރީ ރާއްޖެއިން ބޭރުގައި ދިރިވެސް ނޫޅޭ އެތައް ބައެއްގެ ކާޑު ބޭނުންކޮށްގެން ފައިސާ ނަގާތީ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ބީއެމްއެލްއަށް އަމާޒުވި އެވެ.
