ރިޕޯޓު

އަނެއްކާވެސް "މާލެ"، "ރާއްޖެތެރެ" ބަހުސް ފެށުނީތަ؟

މީގެ އަހަރެއްހާ ދުވަސްކުރިން މީސްމީޑިއާގެ މައި ދެ މަންސަ ކަމަށްވާ ޓްވީޓަރ އަދި ފޭސްބުކްގައި އެތައް ދިވެހިންނެއް ބަހުސް ކުރަމުން ދިޔައީ، "މާލެ މީހާ" އާއި ރާއްޖެތެރޭ މީހާ" މައުޟޫއުއަށެވެ. އެއްބަޔަކު އަޑު އަހަރުކޮށް ވެރިރަށް މާލެއަކީވެސް ރާއްޖޭގެ ރަށެއް ކަމަށްބުނެ ބުނަމުންދިޔައީ، މާލެ މީހާ ރާއްޖެތެރޭ މީހާއެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް މަދު ބަޔަކު ނަމަވެސް، މާލެ މީހުންނާއި ރާއްޖެތެރޭ މީހުން ކިޔޭނެ ކަމަށް ބުނަމުން ދިޔައެވެ.

ވެރިރަށް މާލޭއަކީ ޖާގައިގެ ދަތިިކަމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ތަނެކެވެ. ރާއްޖޭގެ ވެރިކަމަށް އިސްވާ ކޮންމެ ވެރިއަކުވެސް މާލެއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ވަރަށް މަސައްކަތް ކުރެއެވެ. ނަަމަވެސް މިކަމަށް އަދި އަދަށްދާންދެންވެސް ހައްލެއް ނުލިބެއެވެ. މާލޭގައި އާއިލީ މައްސަލައެއް ހިނގައިގެން މީސްމީޑިއާގައި އެކަން ވައިރަލް ވެއްޖެނަމަ، ހުރިހާ މައްސަލައަކަށް ވާނީ މާލޭގައި ދިރިއުޅެމުންދާ މާލެ ނޫން އެހެން ރަށްރަށަށް ނިސްބަތްވާ މީހުންނެވެ.

މާލޭގައި ދިރިއުޅުއްވާ “ބޭފުޅުންގެ” ތެރެއިން މަދު ބަޔަކު ދެކޭ ގޮތުގައި ރާއްޖެތެރޭގައި ދިރިއުޅޭ މީހުންނަކީ ވަރަށް ދަށު ފަންތީގެ މީހުންނެެވެ. ހަގީގަތަކީ މާލެ ކަހަަލަ "ކޮންކުރީޓް ޖަންގައްޔެއް" ގައި އުޅެން އަންނާނީ އިތުރުގޮތެއް ނެތުމުންނެވެ. ދަރިންނަށް ރަނގަޅު ތައުލީމަކާ ތަރުބިއްޔަތެއް ހޯދައިދިނުމަށްޓަކައެވެ. މާލެ އައިސް ގޮޅިއެއް ވަރު ކޮޓަރި ގަނޑެއްގެ ތެރޭގައި އާއިލާއެކީ ދިރިއުޅެނީ އިތުރު ގޮތެއް ނެތިގެންނެވެ. ރަށްފުށުގެ އަރާމު ދިރިއުޅުން ދޫކޮށްލާފައި މާލެ ގަނަ ތެޅެން އަންނަ ރާއްޖެތެރޭ މީހުން ދެރަ ކޮށްލުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ބަސްފޮތުގައި "ރާއްޖެތެރެއަކީ" ވެރިކަން ކުރާ ރަށް ނޫން އެހެން ރަށްރަށް ކަމަށް ލިޔެފައި އޮތް ނަމަވެސް، އެހެނޭ ކިޔާފައި މި ކުޑަ ގައުމުގައި ދެބައެއް އުފެއްދުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ދިވެހި ރާއްޖެއަށް އުފަން މީހުންނަކީ ދިވެހިންނެވެ. ކޮންމެ ތާކު އުޅުނު ކަމުގައިވެސް އަހަރެމެންނަކީ ދިވެހިންނެވެ. އެހެންކަމުން މާލެ މީހާ ރާއްޖެތެރޭ މީހާގެ ބަހުސް ނިންމާލަން މިހާރު ލަސްވެއްޖެއެވެ.

މާލެއަކީ ވެސް ހަގީގަތުގައި ރަށެކެވެ. ތަފާތަކީ މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވުމެވެ. ރާއްޖޭގެ ވެރިކަމަށް އިސްވާ ކޮންމެ ވެރިއެއް ވެސް ހާއްސަ ސަމާލުކަމެއް ދީގެން މާލެ ތަރައްގީ ކުރަނީ، ހަމައެކަނި މާލޭގެ ރަށްވެެހިކަން އޮންނަ މީހުންގެ ފައިދާއަކަށް ނޫނެވެ. އެކަން ކުރަނީ މިގައުމުގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ފައިދާއަށާއި ލާބައަށެވެ. ހަގީގަތަކީ މިއަދު މާލެ އަކީ ކޮންމެ ދިވެއްސެއްގެ ވެސް ތަނެއް ކަމެވެ. މާލެއަކީ ހަމައެކަނި މާލޭގައި ރަށްވެހިކަން އޮންނަ މީހުންގެ ތަނެއް ނޫނެވެ. "މާލޭ މީހުންނޭ" އަދި "ރާއްޖެތެރޭ" މީހުންނޭ ކިޔައިގެން ވާހަކަދައްކަވާ ބޭފުޅުން ފަހަރެއްގައި، މާލެ އަކީ ވެސް ރާއްޖެތެރޭގެ ރަށެއްކަން ހަނދާން ނެތުނީކަމަށް ވެދާނެއެވެ. މީގެ 20 ވަރަކަށް އަހަރު ކުރީގެ ފޮޓޯއެއް ބަލައިލައިފިނަމަވެސް މާލެ ސިފަވާނީ އާދައިގެ ރަށެއްގެ ގޮތުގައެވެ.

މާލޭ މީހުންނޭ" އަދި "ރާއްޖެތެރޭ" މީހުންނޭ ކިޔައި ތަފާތުކުރާ ތަފާތުކުރުންތައް ނައްތާލަންވެއްޖެއެވެ. އަޅުގަނޑުމެންގެ މެދުގައި ޒަމާނުއްސުރެ އޮތް އެކުވެރިކަން އިތުރަށް ވަރުގަދަކުރަން ވެއްޖެއެވެ. ކުރިން އޮތް އެއްބައިވަންތަކަން އަލުން އިޔާދަކުރަން ލަސްވެއްޖެއެވެ. މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެއްސެއް ކަމަކު އެކި ބޭނުންތަކުގައި މާލޭގައި ވަޒަންވެރިވެގެން އުޅޭ އަތޮޅުތެރޭގެ މީހުންނަށް ކުޑައިމީސް ބަސްތައް ބުނެގެން ނުވާނެއެވެ. މާލޭގައި ދިރިއުޅޭ ބައެއް މީހުން އެހެން ރަށްތަކުގެ މީހުންނާއި ދިމާލަށް "ރާއްޖެތެރޭ" މީހުންނޭ ބުނާއިރު އަޅުގަނޑުމެން އެންމެންނަކީވެސް ހަމަ ދިވެހިރާއްޖެއަށް ނިސްބަތްވާ ރާއްޖެތެރޭގެ މީހުންނެވެ. އެއްބައިވަންތަ އަދި އެކުވެރި ދިވެހިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!