ޚަބަރު

މާލޭގައި ދިރިއުޅޭ މީހުންނަށް ކުލީގެ 70 ޕަސަންޓު ދިނުމަށް ގޮވާލާ ގަރާރެއް

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ތަނަވަސްކަން ކުޑަ ފަރާތްތަކަށް ކުލީގެ 70 ޕަސަންޓް ދެއްކުމަށް ދައުލަތުގެ މައްޗަށް ލާޒިމްކޮށް ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

Ads by Sosun Fihaara

ޖާބިރު ހުށަހެޅުއްވި ގަރާރު ބަލައިގަނެ ބަހުސްއަށް ވަނީ ހުޅުވާލާފައެވެ.

މި ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، މާލެއަށް ޖަމާ ކުރުމުގެ ސަގާފަތެއް މާ ކުރީއްސުރެން ވެސް އޮތުމުން، މާލޭގައި ދިރިއުޅޭން ގިނަ އަދަދެއްގެ މީހުނަށް މަޖުބޫރު ވެފައިވާ ކަމަށެވެ. ރާއްޖޭގެ ގިނަ މީހުން އުޅެނީ މާލޭގައި ކަމަށްވީއިރު، އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުންދަނީ ކުއްޔަށް ކަަމަށާއި ކުލީގެ އަގު ވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ ތެރެއިން މާލޭގައި ދިރުއުޅޭ މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބުމާ ހަމަޔަށް ފާތުވެގެންދާ ދުވަސްތަކުގައި ކުލީގެ ގޮތުގައި އެ ފަރާތްތަކުން ހަރަދު ކުރަން ޖެހިފައިވާ ފައިސާގެ އަދަދު އިންސާފުވެރިކަމާއެކު ބަލައި، އެ އަދަދުގެ 70 އިންސައްތަ ސަރުކާރުން އެ ފަރާތްތަކަށް ލިބިގެން ދާނެ ގޮތުގެ ހަރުދަނާ އިންތިޒާމްތަކެއް މިހާރުން މިހާރަށް ހަމަޖައްސަވައި އެމަގުން އަމަލު ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރުމަށް،" ގަރާރު ހުށަހަޅުވަމުން ޖާބިރު ވިދާޅުވިއެވެ.

ޖާބިރުުގެ ގަރާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ތާއީދެއް ނުކުރެއްވި އެވެ. ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، މި ގަރާރުގައި ބުނެފައިވާ ކަމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދެވެ. އަދި މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި 20،000 ހައުސިން ޔުނިޓްގެ އެޅުމަށް 600 މިލިއަން ރުފިޔާ ހިމަނާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!