"މިޔަހެލި" ސޯޝަލް އިނޮވޭޝަން ކޭމްޕް: އުފެއްދުންތެރިކަމުގެ ރޮނގުން އީޖާދީ ފަސް މީހުން މޮޅުވި
މިއަހަރުގެ 'މިޔަހެލި' ސޯޝަލް އިނޮވޭޝަން ކޭމްޕް 2021 ނިންމުގެ ރަސްމިޔާތުގައި ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މޮޅުވި 5 ޚިޔާލުގެ ބައިވެރިންނަށް އިނާމު ހަވާލު ކޮށްފިއެވެ.
މިފަހަރުގެ ކޭމްޕްގައި 18 އަހަރާއި 30 އަހަރާ ދެމެދުގެ 30 ޒުވާނުން ވަނީ ބައިވެރިވެފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ 'މިޔަހެލި' ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލެވިފައި ވަނީ އއ، އދ، ވ އަދި ކ އަތޮޅުގެ ޒުވާނުންނަށް އެކަންޏެވެ.
ބައިވެރިން ތަމްރީންކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީގައި، މީހުން ދުނިޔެ އަދި ފާގަތިކަމަށް ޓަކައި އުފެއްދުންތެރިކަމުގެ ރޮނގުން އީޖާދީ ޚިޔާލުތައް ވަނީ ހުށަހަޅައިފައެވެ.
ޖަޖުންގެ ޕެނަލް އަކުން ބެލުމަށް ފަހު، ޖުމްލަ 10 ޚިޔާލުގެ ތެރެއިން ހޮވިފައިވާ 5 ހައްލަކީ؛
▪︎ 1 ވަނަ: ހިތްވަރު – ފްރީލާންސަރުންނަށް އެމީހުންގެ ޚިދުމަތްތައް ދައްކައިލައި އަދި ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު މި ޚިދުމަތްތައް ހޯދޭނެ ގޮތް މަގުފަހިކޮށްދޭނެ ޕްލެޓްފޯމެއް، އަދި ފަންނުވެރިންނަށް ބަރޯސާވެވޭވަރުގެ އާމްދަނީއެއް ލިބޭނެ ރަނގަޅު ފުރުސަތުތަކާއި ވަސީލަތްތައް ހޯދައިދިނުމަށް ވާރޗުއަލް މާކެޓްޕްލޭސްއެއް އުފެއްދުން
▪︎ 2 ވަނަ: ހުނަރުވެށި – އާންމުންނަށް ޕްރޮފެޝަނަލް ސްކިލްސް ދަސްކޮށްދީ މިފަދަ ތަމްރީނު ހޯދޭނެ ޕްލެޓްފޯމެއް
▪︎ 3 ވަނަ: އިރުވައި – އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އާންމުންނަށް ފަސޭހައިން އަދި އަތްފޯރާ ފަށުގައި ފޯރުކޮށްދިނުން
▪︎ 4 ވަނަ: ފަހި ކާނާ – ދުޅަހެޔޮ ޞިއްޙަތެއްގައި މުޖުތަމަޢުތައް ބިނާކުރުމަށް ޓަކައި ދުޅަހެޔޮ ކާނާ ފޯރުކޮށްދިނުން
ކޭމްޕްގެ ބައިވެރިއެއްކަމަށްވާ އައިޝަތު އަޖުފާން ބުނި ގޮތުގައި ލޮކްޑައުންތަކަށް ފަހު މިފަދަ ކޭމްޕަކަށް އައިސް އެއްގޮތް ޚިޔާލުގެ އެހެން ޒުވާނުންނާ ވާހަކަ ދައްކާލަން ލިބުމަކީ ވަރަށް ރަނގަޅު ފުރުޞަތެކެވެ. "ބައިވެރިންގެ ވަރަށް ރަނގަޅު ޚިޔާލުތަކެއް އެބަހުރި. އަދި މީގެ އިތުރުން މި ޚިޔާލުތައް ޙަޤީޤަތަކަށް ވާން މާލީ އެހީތެރިކަން ދޭނެ ފަރާތްތައް ވެސް ތިބޭނެ. ހުރިހާ ބައިވެރިންނަށް ވެސް ބުނެލަން ބޭނުން ވަނީ މޮޅުވިޔަސް ނުވިޔަސް ތި ޚިޔާލުތައް ދޫކޮށްނުލާ ކުރިއަށް ދާށޭ."
މޮޅުވި ޓީމުތަކުގެ ޚިޔާލުތަކަށް އަމަލީ ސިފަގެނައުމަށް ޓަކައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފައިސާގެ އެހީތެރިކަން ލިބޭނެއެވެ.
ޔޫ.އެން.ޑީ.ޕީއާއި އުރީދޫ މޯލްޑިވްސްގެ އިތުރުން، 2019ވަނަ އަހަރުން ފެށިގެން 'މިޔަހެލި' ބާއްވަމުން ދަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެއްބާރުލުމާ އެކުގައެވެ.
މީގެ އިތުރުން މި އަހަރުގެ ކޭމްޕް ބާއްވައިފައި ވަނީ ޔޫތު ކޯ ލެބް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ އެއްބާރުލުމާއި، އޮސްޓްރޭލިޔާގެ ސަރުކާރާއި ޔޫރަޕިޔަން ޔޫނިއަން (އީ.ޔޫ.)ގެ މާލީ އެހީތެރިކަމުގެ ދަށުންނެވެ.
"މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިސާދު އާރާސްތުކުރުމަށް ޓަކައި ތަފާތު އައު އީޖާދުތައް ހޯދާ ފަރާތްތަކާއި އުފެއްދުންތެރިން އައި އިޖްތިމާޢީ ވިޔަފާރިތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށް އޮސްޓްރޭލިޔާ އަބަދުވެސް އޮންނާނީ ތައްޔާރަށް. މި މަސައްކަތުގެ ތެރެއިން، 2016 ވަނަ އަހަރުގައި މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ތަޢާރަފްވި ހިސާބުން ފެށިގެން ޔޫ.އެން.ޑީ.ޕީއާއި އެހެނިހެން ހިއްސާދާރުން ގުޅިގެން މި ކޭމްޕް ބޭއްވޭތީ ފަޚުރުވެރިވަން." އޮސްޓްރޭލިޔާއިން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރ އަމެންޑާ ޖުވެލް ވިދާޅުވިއެވެ.
"ޑިމޮކްރެޓިކް އަދި ސިވިކް ކަންކަމާއި އިޖްތިމާޢީ ބަދަލުތަކުގައި ޒުވާނުންގެ އަމަލީ ބައިވެރިކަން އޮތުމަކީ އީ.ޔޫ އަބަދުވެސް އައްބާރުލުންދޭ ކަމެއް. އަދި މިއީ އީ.ޔޫގެ ޒުވާނުންގެ ސްޓްރެޓެޖީގެ ބައެއްވެސްމެ. މިގޮތުން އަހަރެމެންގެ އަމާޒަކީ ޒުވާނުން ބޭނުންވާ ރިސޯސަސް އެމީހުންނަށް ފޯރުކޮށްދީ މުޖްތަމަޢުއަށް އަގުހުރި ފައިދާތަކެއް ގެންނަ ބަޔަކަށް އެމީހުންވުމުގެ ފުރުޞަތު މަގުފަހިކުރުން. މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕްގެ ޒަރިއްޔާއިން އަހަރެމެން މިދަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ މައްސަލަތައް ހައްލުކުރަން ޒުވާނުންގެ ޚިޔާލު ހުރި ގޮތަށް އަޑުއަހަމުން. މިއީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާ އެކު އީ.ޔޫ ކުރަމުންދާ މަސައްކަތުގެ ބައެއް." އީ.ޔޫއިން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ މިޝަންގެ ޑެޕިއުޓީ ހެޑް، ތޯރސްޓެން ބާރގްފްރީޑް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ ބާރުވެރިކަމާއި މުޖްތަމަޢުގެ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް އީ.ޔޫއާއި ޔޫ.އެން.ޑީ.ޕީ ކުރަމުންދާ މަސައްކަތަށް ވެސް އަލިއަޅުވައިލައިފައެވެ.
ކުރީ އަހަރުތަކެކޭ އެއްފަދައިން، 6 ވަނަ މިޔަހެލި ކޭމްޕްގެ ވެސް މަޤްޞަދަކީ މުޖްތަމަޢުގައި ފައިދާ ކުރަނިވި މަސައްކަތް ކުރުމަށް ޒުވާނުންނަށް އެއްބާރުލުން ދިނުމެވެ.
މިޔަހެލި އަކީ މުހިންމު އިޖްތިމާއީ ކަންކަމަށް ބޭނުންވާނެ ފަދަ ޓެކްނޮލޮޖީ ހިމެނޭ އަދި ނުހިމެނޭ އިޖްތިމާއީ އީޖާދުތައް އުފެއްދުމަށް އީޖާދުކުރާ މީހުންނާއި، މެންޓަރުން އަދި ޚިޔާލުތައް އެއްތަނަކުން ގުޅުވައިލަދޭ ގޮތަށް ހިންގާ މަންސައެކެވެ.
މިއަހަރުގެ ކޭމްޕްގައި އީޖާދީ ޚިޔާލު ހޯދީ؛
1. ދުނިޔެއަށް ޓަކައި އުފެއްދުންތެރިކަން: މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާއި އޭގެ ސަބަބުން ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކަށް ހައްލުތައް ހޯދުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭ ޝިއާރެކެވެ. މި ޝިއާރުގެ ދަށުން ހުށަހެޅޭނީ ޓެކްނޮލޮޖީގެ އެހީގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލު ކުރެވިދާނޭ ގޮތްގޮތާއި ސާރކިއުލާރ އެކޮނޮމީ އަދި ވޭސްޓް-ޓު-ވެލްތް ހައްލުތައް ބޭނުންކުރަން ފެށިދާނޭ ގޮތްގޮތާއި ތިމާވެއްޓަށް ރައްކާތެރިވުމާއި ތިމާވެއްޓާއި ރައްޓެހި ވިޔަފާރިތައް ފަށާ އާންމު ކުރާނޭ ގޮތްގޮތެވެ.
2. މީހުންނަށް ޓަކައި އުފެއްދުންތެރިކަން: މިއީ މިހާރު ހުރި އިޖްތިމާއީ ކަންކަމަށް ހައްލުތައް ހޯދައި، އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭ ޝިއާރެކެވެ. މި ޝިއާރުގެ ދަށުން ހުށަހެޅޭނީ ޒުވާނުންގެ ބާރު އަދި ހިތްވަރު ވިސްނައިދީ އެއްބައިވަންތަ، ވަރުގަދަ މުޖްތަމައެއް ބިނާކުރެވިދާނޭ ގޮތްގޮތާއި މުޖްތަމައުގައި އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އަސާސީ ބޭނުންތަކާއި ވަސީލަތްތައް ފޯރުކޮށްދެވިދާނޭ ގޮތްގޮތާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުޖްތަމައުން އެކަހެރިކުރެވިފައިވާ ފަރާތްތަކުގެ ދިރިއުޅުން ފަސޭހަކޮށް އިތުރު މަގުތައް ފަހިކޮށްދެވިދާނޭ ގޮތްގޮތެވެ.
3. ފާގަތިކަމަށް ޓަކައި އުފެއްދުންތެރިކަން: މިއީ އާންމު ދިރިއުޅުމުގެ ކަންތައްތައް ފަސޭހަކޮށްދޭނެ ހައްލުތައް ހޯދައި، އެކަށޭނަ މަސައްކަތުގެ މާހައުލެއް ޕްރޮމޯޓްކުރުމަށް ކުރެވިދާނޭ މަސައްކަތްތަކާ ބެހޭ ޝިއާރެކެވެ. މި ޝިއާރުގެ ދަށުން ހުށަހެޅޭނީ ލިބޭ ފުރުސަތްތައް އިތުރުކޮށް އާންމު ދިރިއުޅުން އިތުރަށް ރަނގަޅުކުރާނޭ ގޮތްގޮތާއި ލިބެން ހުރި ވަސީލާތްތައް ބޭނުންކޮށްގެން ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ ހޯދުމުގެ މަގުތައް އިތުރުކުރާނޭ ގޮތްގޮތާއި ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާނޭ ގޮތްގޮތެވެ.
"މިޔަހެލީގެ މަޤްސަދަކީ ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން އާލާކޮށް މުޖްތަމަޢުގައި ހުރި މައްސަލަތަކަށް އައު ހައްލުތަކެއް ހޯދައިދިނުން. އިޤްތިސާދީ އަދި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ޓަކައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމު. މި އަހަރުގެ މިޔަހެލި ބައިވެރިންގެ ވެސް ވަރަށް އަގުހުރު ޚިޔާލުތަކެއް އެބަހުރި. މިގޮތުން މިއަހަރު މޮޅުވި ފަރާތްތަކަށް ތަހުނިޔާ ކިޔަން އަދި އުންމީދަކީ މިޚިޔާލުތައް ޙަޤީޤަތަކަށް ވާތަން ފެނުން." އުރީދޫ މޯލްޑިވްސް ގެ ބްރޭންޑް އަދި މާރކޮމްސް މެނޭޖާރ ނޫރާ ޒާހިރު ވިދާޅުވިއެވެ.
''ދިވެހިރާއްޖޭގެ ޒުވާނުން ކުރިމަތިލާންޖެހޭ ތަފާތު ގޮންޖެހުންތައް އެބަހުރި. ޒުވާން ފިރިހެނުންގެ އާބާދީގެ 20 އިންސައްތަ އަދި ޒުވާން އަންހެނުންގެ އާބާދީގެ 26 އިންސައްތައަށްވުރެ ގިނަ މީހުންނަކީ މިވަގުތު މަދަރުސީ ތައުލީމް ހާސިލްކުރާ ނުވަތަ ވަޒީފާ އެއް އަދާކުރަމުންދާ ބައެއް ނޫން. އަދި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ވަނީ މިމައްސަލަތައް އިތުރުވެ ޒުވާނުންގެ މެދުގައި ނުތަނަވަސްކަމާއި މުޖަތަމަޢުއިން ބާކީވުމުގެ އިޙްސާސްތައް އިތުރުވެފައި. ނަމަވެސް ޒުވާނުންގެ އާބާދީގެ މި 47 އިންސައްތައެއްހާ މީހުންނަކީ 'ޑިމޮގްރަފިކް ޑިވިޑެންޓްގެ' ' ފައިދާ ނަގައި ދެމެހެއްޓެނިވި ތަރައްޤީއާއި އިޖްތިމާޢީ ކުރިއެރުން އިތުރުކުރުމުގެ އަގުހުރި ފުރުޞަތެއް. މިގޮތުން ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް އެމީހުންގެ ކިބައިގައި ވިޔަފާރިވެރިކަމުގެ ހުނަރުތަށް އާލާކުރުމަށް ޓަކައި އެކި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކޮށް ޒުވާނުންނަށް ދިމާވާ މައްސަލަތައް ހައްލުކުރަން ޔޫ.އެން.ޑީ.ޕީއިން އޮތީ ތައްޔާރަށް. މިގޮތުން މިކަން ކުރެވޭނީ ވިޔަފާރިގެ ދާއިރާއިން ޒުވާނުން އިސްނެގުމަށް ބާރުވެރިކޮށް ސޯޝަލް އިނޮވޭޝަން ޤައުމީ ފެންވަރެއްގައި ކުރިއަރުވައިގެން." މިޔަހެލީގެ ޕާޓްނަރުން ދިން އެއްބާރުލުމަށާއި ބައިވެރިންގެ ހައްލުތަކަށް ޝުކުރު އަދާކުރަމުން ޔޫ.އެން.ޑީ.ޕީގެ ރިސިޑަންޓް ރެޕްރެސެންޓޭޓިވެ އެންރީކޯ ގަވޭލިޔާ ވިދާޅުވިއެވެ.
އަދި މީގެ އިތުރުން އޭނާ ވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޓަކައި މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕްގެ ހިއްސާ ވެސް ފާހަގަކުރައްވައިފައެވެ.