ޚަބަރު

އެމްއެމްޕީއާރުސީގެ ތަޙްޤީޤް އަވަސް ކުރަން ހަތަރު މިލިޔަން ރުފިޔާ ބޭނުން: އޭސީސީ

ރައުފާ ރަޝީދު ، ދެން އޮންލައިން
އޭސީސީ ރައީސް މަރިޔަމް ޝިއުނާ/ ދެން އިމޭޖްސް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަޙްޤީޤް އަވަސްކުރަން އިތުރު 4 މިލިއަން ރުފިޔާއާއި އިތުރު 12 މުވައްޒިފުން ބޭނުންވާ ކަމަށާއި އެ ބަޖެޓު ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީގައި އެދެން ނިންމައިފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު ލަސްކަން ގަބޫލުކުރައްވާ ކަމަށާއި މައްސަލައިގެ ތަޙްޤީޤް ލަސް ވަނީ، މުވައްޒިފުންނާއި ވަސީލަތްތައް ލިބުމަށް ދަތިވުމުންނާއި ކޮވިޑް-19ގެ ސަބަބުން ކަމަށެވެ.

ޝައުނާ ވިދާޅުވީ، އެމްއެމްޕީއާރުސީއާ ގުޅުންހުރި 338 ފަރާތެއްގެ މައްސަލަ ބަލަންޖެހޭ ކަމަށެެވެ. ޝިއުނާ ވިދާޅުވީ އެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ނިމިފައި ވަނީ 38 މައްސަލަ ކަމަށާއި ނުނިމި 223 މައްސަލައެއް އެބަހުރި ކަމަށެވެ. ޝައުނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ އެ ހުރިހާ މައްސަލަތަކެއްގެ ތެރެއިން ކޮންމެ މައްސަލައަކަށް އެވްރެޖްކޮށް އަށް މަސްދުވަސް ހޭދަވާ ކަމަށެވެ. އަދި މައްސަލަ އަވަސްކުރަން މުވައްޒިފުންނާއި ބަޖެޓް ބޭނުންވާކަމަށް ޝައުނާ ވިދާޅުވިއެވެ.

"ދައުލަތުން އެމްއެމްޕީއާރުސީގެ މައްސަލަ ރަނގަޅު ސްޕީޑެއްގައި ނިންމަން ބޭނުންވާ ނަމަ، އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭނުންވޭ. ނުލިބޭ ނަމަ ތަކުރާރުކޮށް އެއް ވާހަކައެއް ދައްކަން ޖެހޭނީ، މި މައްސަލައެއް ނުނިމޭނެ." ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، އެ ޕްރޮޕޯސަލްއާ ބެހޭ ގޮތުން މަޝްވަރާކުރަން ފިނޭންސް މިނިސްޓްރީއާ އެކު ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން އަދި އޭސީސީ ގުޅިގެން ހިންގާ އެމްއެމްޕީއާރުސީގެ ތަޙްޤީޤަކީ، ރިސޯޓް ހަދަން ދޫކުރި ރަށްތަކުގެ އިކްޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ރުފިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!