ތިނަދޫގެ ކުރީގެ މެޖިސްޓްރޭޓްގެ މަސްތުވާތަކެތީގެ މައްސަލަ ބެލޭނެ ކަމަށް ނިންމައިފި
ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުގައި ހުންނަވަނިކޮށް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ކުރީގެ ގާޒީ ގދ. ތިނަދޫ/ ގާކުރެލި އިބްރާހިމް ރަޝީދުގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
އިބްރާހިމް ރަޝީދުގެ މައްޗަށް ޕީޖީ އޮފީހުން ދައުވާކުރީ 2017 ވަނަ އަހަރުގައެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2016ވަނަ އަހަރުގެ މެއި މަހުގެ 28ވަނަ ދުވަހުގެ ރޭ، މަގުމަތިން އޭނާ ހުއްޓުވަން އުޅެނިކޮށް އޭނާ އެއްލައިލި ކަމަށް ބުނާ ރަބަރު ޕެކެޓަކުން 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައިގައެވެ.
އިބްރާހިމް ރަޝީދު ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން އޭނާ ވިދާޅުވެފައި ވަނީ ފަނޑިޔާރަކަށް ފާރަލުމަކީ ފަނޑިޔާރެއްގެ މަސައްކަތާއި ޒާތީ ކަންކަމަށް އަރައިގަތުން ކަމަށާއި ފުލުހުންނަށް އެފަދަ ކަމެއް ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މީގެ އިތުރުން އިބްރާހިމް ރަޝީދު އެއިރު ވިދާޅުވީ އޭނާ ހައްޔަރުކޮށް ބަލައިފާސްކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމައިފައި އޮއްވައި އަދި އެ ނިންމުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނުނިންމައި އޮއްވައި އޭނާ ގާނޫނާ ހިލާފަށް ބަލައިފާސްކޮށް ހޯދި ހޯދުންތަކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.