ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 4 ބިލެއް އެޓާރނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.
އެޓާރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ބިލުތަކަކީ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލާއި ފެނާއި ނަރުދަމާގެ ޤާނޫނަށް އިިޞްލާޙުގެނައުމުގެ ބިލާއި ކޯޓުތަކުގެ ޤާނޫނަށް އިިޞްލާޙުގެނައުމުގެ ބިލުގެ އިތުރުން ފަނޑިޔާރުންގެ ޤާނޫނަށް އިިޞްލާޙުގެނައުމުގެ ބިލެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މިބިލުތައް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ އިރު މި ބިލްތައް މަޖިލީހަށް ހުށައަޅާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ލިބިފައިވާ ނަމަވެސް ސަރުކާރުން ހުށައަޅާ ބައެއް ބިލުތައް މަޖިލީހުން ފާސް ނުވެ ދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ސަރުކާރުން ފޮނުވައިގެން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ނަފުރަތުގެ ބިލްގެ މައްސަލަ ބޮޑުވެ އެ ބިލް ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވައިފައެވެ.