ވިޔަފާރި

މިދިޔަ މަހު މީރާއަށް 1.81 ބިލިއަން ރުފިޔާގެ އާމްދަނީއެއް

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ޖެނުއަރީ މަހު މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ(މީރާ)އަށް 1.81 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

Ads by Hajj Corporation

މީރާއިން ބުނީ މި އަދަދަކީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 7.4 އިންސައްތައިގެ އިތުރު އަދަދެއް ކަމަށެވެ. ނަމަވެސް، މިއީ މިދިޔަ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ ދަށް އަދަދެކެވެ.

މީރާއިން ބުނީ ޖަނަވަރީ 2020 ގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޑިސެމްބަރު 2018 އާއި އަޅާ ބަލާއިރު ޑިސެންބަރު 2019 ގައި ފަތުރުވެރިން ރާއްޖޭއަށް އައި މިންވަރު 13.6 އިންސައްތައަށް އިތުރުވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ޓެކްސްތައް އިތުރުވެފައިވުމާއި، ޓޫރިޒަމް ލޭންޑް ރެންޓުގެ ފަހު ޑެޑްލައިންގެ ބައެއް ފައިސާ ޖަނަވަރީ 2020 ގައި ލިބިފައިވުން ކަމަށެވެ.

އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ ޖަނަވަރީ މަހުގެ ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުތަކަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އަދަދު މަދުވެފައިވުމާއި، ޖަނަވަރީ 2019 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ އެއް ކަމުގައި ވުންކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ.

ޖަނަވަރީ 2020 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 44.5 އިންސައްތަ ނުވަތަ 807.13 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީއިންނެވެ. އެއީ 35.6 އިންސައްތަ ނުވަތަ 645.04 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 84.93 މިލިއަން ރުފިޔާ، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 69.20 މިލިއަން ރުފިޔާ، އެއަރޕޯޓު ސަރވިސް ޗާޖުގެ ގޮތުގައި 68.68 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 138.13 މިލިއަން ރުފިޔާ ހިމެނެއެވެ.

ޖަނަވަރީ 2020 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 64.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!