ފުލުހުންގެ އަމާޒަކީ ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން: ސީޕީ ހަމީދު
ފުލުހުންގެ އަމާޒަކީ ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ޚިދުމަތްތަކެއް މުޅި ރާޢްޖެއަށް ފޯރުކޮށްދިނުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ހއ. ތުރާކުނުގައި ގާއިމްކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަމުންދާއިރު، ގާނޫނުން ފުލުހުންގެ މަސައްކަތްތައް އިންތިޒާމްވެގެންވާ ގޮތް ވަރަށް ސާފުކޮށް ގާނޫނުގައި ކަނޑައަޅައިފައިވާކަމަށް ވިދާޅުވިއެވެ. އަދި ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށާއި މުޖުތަމައު އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ގާނޫން ބާރުއަޅުއްވާފައިވާކަން ފާހަގަކުރައްވައި، ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައި ވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަށް ފުލުހުންގެ ހިދުމަތް ބަދަކުރަމުން ގެންދިއުމަށްކަމަށް ވިދާޅުވިއެވެ.
މިއަދު ތުރާކުނުގައި ޕޮލިސް ޑެސްކެއް ހުޅުވިގެންދާކަމީ އެއަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ސްޓްރެޓީޖަކް ޕްލޭންގައި ލޯކަލް ޕޮލިސިންގ ކަނޑައަޅައިފައި ވަނީ އަތޮޅުތެރޭގައި ދެވޭ ފުލުހުންގެ ހިދުމަތްތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމުގެ ގޮތުން ކަމަށާއި މިއަދުން ފެށިގެން ހޯރަފުށިން ފުލުހުން އައިސް ދެމުން ދިޔަ ހިދުމަތަށް ނިމުން އައިސް ތުރާކުނުގައި ފުލުހުންގެ ހިދުމަތް ދެވިގެންދާނީ ރައްޔިތުންނާ ކައިރިންކަމަށް ވިދާޅުވިއެވެ.
ހަމައެއާ އެކު، ރާއްޖޭގެ އެހެން ރަށްތަކަށް އަންނަ ބަދަލުތައް ފަދައިން ތުރާކުނުގެ އާންމު މަސްލަހަތާއި ކުށުގެ ވެއްޓަށް ބަދަލުތަކެއް އައުން އެއީ ފުލުހުން ސަމާލުވެ ދުރާލައި ފިޔަވަޅުތައް އަޅަންޖެހޭކަމެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ތުރާކުނަށް ތައާރަފްވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކަށް އޮތް ކަންބޮޑުވުމާއި ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި ފުލުހުން ގާއިމްވެ ތިބުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ ޕޮލިސް ޑެސްކެއް ގާއިމްވެގެން ދިއުމާ އެކު މިފަދަ ޕެންޑަމިކެއް މެދުވެރިވާ ހާލަތެއްގައި ރައްޔިތުންނާއި ކައުންސިލާއި ހެލްތު ސެންޓަރާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ކުރުުމުން ފެށިގެން ރަށުގައި ހިންގާ ކުށުގެ އަމަލުތަަކަށް ފާރަވެރިވި އެކުށްތައް ހުއްޓުވުމަށް އަތޮޅުގައި ގާއިމްވެފައިވާ ފުލުހުން ޓީމުތަކާ އެކު މަސައްކަތްކުރުމާއި ރައްޔިތުންނާ ގާއިމްކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރެވިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.