ރިޕޯޓް

މަންމަ ވަކިވުމުން ހާދަހާ ދެރަވެޔޭ

ދެން އެމްވީ ، ދެން އޮންލައިން

މައިމީހާ ގެއްލުމުގެ ވޭން އިހްސާސް ކުރެވޭނީ، އެކަން ތަހައްމަލު ކުރަން ޖެހުނު މީހަކަށެވެ. އެ އިހްސާސާއި މަންމަ ނެތް ހަޔާތެއްގެ ފަޅުކަމަކީ ހަޔާތް ނިމިދަންދެން އާވެއާލާވެ ހުންނަ އެކަނިވެރިކަމެކެވެ.މަންމަ ނެތި ދުވަސްތައް ވޭތުވަމުންދާ ވަރަކަށް އެ ވޭނަށް ލުޔެއް ލިބުނު ކަމުގައި ވީނަަމަވެސް، މަންމަގެ ލޯތްބާއި އިހްސާސްތަކަކީ އަބަދުވެސް އެކުއެކީގައި ވާކަންކަމެވެ.

ދަރިފުޅަށް ބަލިވެ އިންކަން މަންމައަށް އެނގުނު ސިކުންތުން ފެށިގެން ކުރިން ދުވަހަކުވެސް މަންމަގެ ސިއްހަތަށް ނުބަލާ މިންވަރަށް އެ މަންމަ ބަލައެވެ. ވީމިންވަރަކުން ބުރަ މަސައްކަތްތަކާ ދުރުވެ ހަށިގަނޑަށް އަރާމު ދެވޭތޯ ބަލައެވެ. އެ މަންމަގެ ހަށިގަނޑުގައި ދަރިއަކުވީތީއެވެ. މަންމަގެ ލެއިން ލޭދީގެން ނުވަމަހާއި ދިހަ ދުވަހު ހަށިގަނޑު ތެރޭގައި ރައްކާތެެރިކަން ދީގެން ގެންގުޅުނު ދަރިފުޅު ދުނިޔެއަށް މަރުހަބާ ކިޔާ ހިނދުކޮޅަކީ މަންމައެއްގެހަޔާތުގައި އަންނާނޭ އެންމެ އުފާވެރި ވަގުތުކޮޅެވެ. އެތައް އެތައް ވޭނެއް އިހްސާސްވި ނަމަވެސް އެ އިހްސާސުން އެއްފަރާތް ކުރުވާ ، މަންމަގެ އިންތިޒާރަކީ އެހާ ރައްކާތެެރިކަން ދީގެން އެހާ ދިގު މުއްދަތުގައި ، އެހާ ވޭނުގައި ގެންގުޅުނު ދަރިފުޅު ގަޔާ ބޮނޑިކޮށް ، ބޮސްދިނުމަށް ކުރެވޭ އިންތިޒާރެވެ.

ދަރިއެއް ލިބޭ ހިސާބުން މަންމަގެ މުޅި ދިރިއުޅުން ބަދަލުވެއެވެ.އަމިއްލަ ނަފްސު ދެކެ ލޯބި ވާ މިންވަރަށް އެހެން އެއްވެސް މީހަކު ދެކެ ދުވަހަކުވެސް ލޯބި ނުވެވޭނެ ކަމުގައި ވިސްނި ވިސްނުން ދަރިއަކު ލިބުމުން ބަދަލުވެއެވެ. ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއް ވެސް އެ ކުއްޖާއަށް ޚާއްޞަކުރެއެވެ. އަމުދުން ދަރިއަކު ބަލި ވެއްޖެނަމަ ފިކުރު ބޮޑު ވެއެވެ. ހާސްވެއެވެ. ދަރިފުޅު ބަލިނުވެ އޭނާ ބަލިވިނަމައީހޭ ވެސް ހިތަށް އަރައެވެ. ސުބުހާނަﷲ އެވެ. ކޮންފަދަ މަތިވެރި ލޯތްބެއްތޯ އެވެ.

މަންމަގެ ހިތްވަރަކީ ހަނގުރާމައިގެ މައިދާނުގައި މުޖާހިދުންގެ ފަރާތުންވެސް ނުފެންނާނެފަދަ ހިތްވަރެކެވެ. އެއީ ދަރިފުޅަށް ޚިދުމަތްކުރުމުގައި ފޫހިނުވި ކަމަނާއެކެވެ. އެއީ އެ ދަރިފުޅުގެ މަސައްކަތުގައި ވަރުބަލިނުވި ކަމަނާއެކެވެ. އެއީ އެދަރިފުޅު ބަލި އެނދެއްގައި އޮތްއިރު ލޮލަށް ނިދިނައިސް އެތައް ރެއެއްގެ ނިދި ގުރުބާންކޮށްލި ކަމަނާއެކެވެ. އަދި ކިއެއްތަ! އެއީ އެކަމަނާގެ ލޯބިވެެރިޔާ އާދެ! އަޅުގަނޑުގެ ބައްޕައާއެކު އެކަމަނާ ހޭދަކުރި ފޮނި ވަގުތުތައްވެސް އަޅުގަނޑުގެ ޚިދުމަތަށްޓަކައި ޤުރުބާންކުރި ކަމަނާއެވެ.

މަންމައަކީ ދަރީގެ އެންމެ ބޮޑު ސަޕޯޓަރެވެ. ދަރިފުޅު ދެކެ އެންމެ ބޮޑަށް ލޯބިވާ މީހާއެވެ. އެެއްޗެހީގައި ހިފުންފަދަ ކުދިކުދި ކަންތަކުން ފެށިގެން އެންމެ ބޮޑެތި ކަންތައްތައް ވެސް ދަސްކޮށްދިނީ އެ މަންމައެވެ. ކެއުން ބުއިން ފަދަ ކުޑަކަމެއްވެސް ނުދަންނަ ނިކަމެތި އިންސާނެއްގެ މަގާމުން މިއަދު އަހަރެން މިއިން ބޮޑު، މުއްސަނދި މަގާމަށް ގެނެސްދިނީ އެ މަންމައެވެ. ނަމަވެސް މަންމަ ނެތި އަހަންނަށް ލިބޭ "ބޮޑުކަމެއް"ނެތެވެ. މުއްސަނދިކަމެއް ނެތެވެ. މަންމަ ނެތް ހަޔާތަކީ މޫސުން ބަދަލުނުވާ ޚަރީފްގެ ހަޔާތެކެވެ .

މިއަދު އަހަންނަށް ހުރިހާ ޚިދުމަތެއް ކޮށްދިން އެ މަންމަ އަހަންނާ ވަކިވެއްޖެއެވެ. އުފާވެރި މޫނަކާއެކު ވަކިވެދިޔައީ އަހަރެން ރޮއްވާފައެވެ. ފުދުންތެރިކަމާ އުފާވެރިކަމުގައި ހުރި މި އިންސާނާ ވޭނީ ހަޔާތެއްގެ ތުންފަތް މައްޗަށް "ބާކީ ކޮށްފައެވެ."

މަންމަ ނެތުމަކީ އިހްސާސަކީ ހަށިގަނޑުގެ ގުނަވަނެއް އުނިކަމުގެ އިހްސާސެކެވެ. އަބަދު މަންމަ ގާތުގައި މަންމަގެ ހިދުމަތުގައި ހުންނަން ފުރުސަތު ލިބުނު ކަމުގައިވީ ނަމަވެސް، މަންމަ ނެތުމުގެ ފަޅުކަމަކީ އެހެން ކަމަކުން ނުވަތަ އެހެން މީހެއްގެ ކިބައިން ފޫބެއްދޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެކަމަނާއަކީ ހަމަ "އެންމެ މީހެކެވެ." އެކަމަނާގެ މަޤާމު ފޫބެއްދޭނެ އެހެން މީހަކު ނުވެއެވެ.

މައިމީހާ ނެތް ދުނިޔެއަކީ ފަޅު ދުނިޔެއެކެވެ. އެ ދުނިޔޭގައި ހޭދަވާ ހަމަ ކޮންމެ ސިކުންތެއްގައި ވަނީ އެކަނިވެރިކަމެވެ. ދަރިފުޅާއޭ ކިޔާފައި މަންމަ ގޮވާލާ އަސަރުގަދަ ގޮވާލުމާއި އެކަމަނާގެ ބަލާލުމުން މޫނުމަތިން ފެންނަ އަޅާލުމާއި ކުލުނު އަދި ލޯބީގެ އަސަރުތައް "މިސްވުމަކީ" ހާދަ ބޮޑު "މިސްވުމެކެވެ." ހާދަ ވޭނީ އިހްސާސެކެވެ. ނަމަވެސް މި ދުނިޔެއަކީ އެއްވެސް މީހަކު އަބަދަށް އުޅެން އޮތް ތަނެއް ނޫނެވެ. މިތާންގައި އޮތީ އައުމާއި ދިޔުމެވެ.

ޔާ ﷲ! މިއަޅާގެ މަންމައަށް ފާފަ ފުއްސަވާ ރަހުމަތް ލައްވާންދޭވެ! މިއަޅާއާއި އެކަމަނާ ދެން ބައްދަލުވާ ތަނަކީ ޖަންނަތުލް ފިރުދައުސް ކަމުގައި ލައްވާންދޭވެ! އާމީން

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!