ލައިފްސްޓައިލް ސިއްޙަތު

ގާތުންދޭ ކިރު ފިޔާތޮށި ކުލައިގައި ހުންނަނީ ކީއްވެ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މައްސަރު ކަންތައް ލައިގަތުމާއި، ވިހެއުމާއި ގާތުން ދޭން ފެށުމާ މިއިން ކޮންމެ ކަމަކާ އެކު ވެސް އަންހެނެއްގެ ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މި ބަދަލުތައް އެކި މީހުންގެ ފަރާތުން ފެންނަނީ އެކި މިންވަރަށެވެ. އަދި އެކި ގޮތަށެވެ. އެހެން ނަމަވެސް މިއަންނަ ބަދަލުތަކުގެ ތެރޭގައި އާދަޔާ ހިލާފު ކަމެއް ފާހަގަވާ ނަމަ ސިއްހީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.

Ads by MWSC

ދާދިފަހުން އަލަށް ވިހެއި އަންހެނަކު ވަނީ ޓިކްޓޮކްގައި މިފަދަ އާދަޔާ ހިލާފު ކަމެއް ހިއްސާކޮށްފައެވެ. އެގޮތުން ދަރިފުޅަށް ގާތުން ދޭއިރު ކިރު ފިޔާތޮށި ކުލައިގައި ހުންނަކަމަށް އޭނާ ބުންޏެވެ. އަދި މިކަން ފާހަގަވީ ވިހައިގެން ހަ ހަފްތާ ފަހުން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެކަން އޭނާއަށް އާދަޔާ ހިލާފުކަމަށް ފާހަގަ ނުކުރެވުނު ކަމަށެވެ. ގާތުންދޭ ކިރު ހުންނަން ޖެހޭނީ ވަކި ކުލައެއްގައިކަން އެއްވެސް މީހަކު އޭނާއަށް ސާފު ނުކޮށްދޭކަމަށް ވެސް އޭނާ ބުންޏެވެ.

ޓިކްޓޮކްގައި އާންމުކުރި މި ވީޑިއޯއަށް 10 މިލިއަނަށްވުރެ ގިނަ ވިއުޒް ވަނީ ލިބިފައެވެ.

ގާތުންދޭ ކިރު އާންމުގޮތެއްގައި ހުންނަނީ މަޑު ރީނދޫ ކުލަ، ހުދު ކުލަ ނޫނީ ކްރީމް ކުލައިގައެވެ. ބައެއް ފަހަރު މަޑު ނޫ ކުލައެއްގައި ވެސް ކިރު ހުރެއެވެ. އެހެން ނަމަވެސް ވަރަށް މަދު ހާލަތެއްގައި ގާތުން ދޭއިރު ކިރުގެ ކުލަ ބަދަލުވެދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

އިންޑިއާގެ މުމްބާއީގައި ހުންނަ ބާޓިއާ ހޮސްޕިޓަލްގެ ޕެޑިޓްރީޝަން ޑރ. ނިވިތު ސަމްދާނީ ވިދާޅުވީ ވަރަށް މަދު ހާލަތެއްގައި އޮރެންޖު ނޫނީ ރަތް ކުލައިގައި ކިރުގެ ކުލަ ހުންނަކަމަށެވެ. ބައެއް ފަހަރު ކުލަ ބަދަލުވާން މެދުވެރިވަނީ ކެވޭ އެއްޗެއްގެ ސަބަބުންކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެގޮތުން ބީޓްރޫޓާއި އޮރެންޖު އަދި އޮރެންޖު ކުލައިގައި ހުންނަ މޭވާ ފަނި ބުއިމުން ވެސް މިހެން ދިމާވެދާނެކަމަށް ނިވިތު ވިދާޅުވިއެވެ.

އެހެން ނަމަވެސް ޑޮކްޓަރު ބުނީ ރަތް ނުވަތަ ފިޔާތޮށި ކުލައަކަށް ކިރުގެ ކުލަ ބަދަލުވަނީ އޭގައި ލޭގެ އަސަރު ހުރުމުންނެވެ. މިގޮތަށް ކުލަ ބަދަލުވުމަކީ ރަނގަޅުކަމެއް ނޫންކަމަށް ނެޝަނަލް ސެންޓަރ ފޮ ބައޯ ޓެކްނޮލޮޖީ އިންފޮމޭޝަނުން ވަނީ ބުނެފައެވެ.

ކިރުގެ ކުލަ މިގޮތަށް ބަދަލު ވަނީ "ސެރޭޓިއާ މާސެސެންސް ކޮލޮނައިޒޭޝަން" ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ކަމަށް އެ ސެންޓަރުން ބުންނެވެ. މި ބެކްޓީރިއާގެ ސަބަބުން ބައެއް ކަހަލަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު އޮންނާނެކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

ކްލައުޑް 9 ހޮސްޕިޓަލުގެ ގައިނޮކޮލޮޖީ ޑިޕާޓްމެންޓުގެ ސީނިއާ ކޮންސަލްޓެންޓް ޑރ. ރިތޫ ސެޓީ ވިދާޅުވީ ލޭގެ އަސަރު އެއްވެސް ވަރަކަށް ހުންނަ ނަމަ ކިރުގެ އެގްޒަމިންތަކެއް ހެދުން މުހިންމު ކަމަށެވެ. ބައެއް ހާލަތްތަކުގައި އެފަދަ އަންހެނުންގެ ގައިން ކެންސަރު ބަލި ފެނިފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

މި ބެކްޓީރިއާ ހަށިގަނޑުގައި ހުރި ނަމަ ފެންނާނެ އަލާމާތްތައް:

  • އާދަޔާ ހިލާފަށް އުރަމަތި ބަރުވުން
  • އުރަމަތި ދުޅަވުން
  • ވައްގަނޑު (ނިޕްލްސް) ކުރަކިވުން

މިއިން އެއްވެސް އަލާމާތެއް މާބަނޑު ދުވަސްވަރު އަދި އޭގެ ކުރިން ވެސް ފެނިއްޖެނަމަ ގާތުން ދޭއިރު ލޭގެ އަސަރު ކިރުގައި ހުރެދާނެ ކަމަށާއި އެހެންވެއްޖެ ނަމަ ވަގުތުން ސިއްހީ އެހީތެރިކަން ހޯދަން ޑޮކްޓަރުން އެދެއެވެ. ޑރ. ރިތޫ ވިދާޅުވީ މި ހާލަތުގައި އަންހެން މީހާ ގާތުން ދިނުން ރައްކާތެރި ނޫން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!