އަންކިތާ ވެސް ޑިސެމްބަރުގައި ކައިވެނި ކުރަން ތައްޔާރުވަނީ

މިދުވަސްކޮޅު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ ބޮލީވުޑްގެ ބައެއް ތަރިން ކައިވެނި ކުރަން އުޅޭ ވާހަކައެވެ. ގިނަ ބަޔަކު މަޝްހޫރު ދެ ތަރިއެއްގެ ކައިވެންޏަށް އިންތިޒާރު ކުރަމުން ދިޔަ ކަމުގައި ވިޔަސް، ކައިވެނި ކުރަން ތައްޔާރު ވެފައިވާ މަޝްހޫރު އެކްޓަރުންގެ އިތުރުން ޓީވީ ސީރީޒްތަކުގައި ހަރަކާތްތެރިވާ ބައެއް އެކްޓަރުން ވެސް އަންނަނީ އަލަތު ކައިވެންޏަށް ތައްޔާރުވަމުންނެވެ.
އެގޮތުން ނަން ފާހަގަ ކޮށްލެވޭ އެކަކީ ގިނަ ބައެއްގެ ހޫނު ތަރުހީބެއް ކުރިން ވެސް އަދި މިހާރު ވެސް ލިބެމުންދާ މަޝްހޫރު ސީރީޒް "ޕަވިތުރަ ރިޝްތާ"ގެ ލީޑް އެކްޓްރެސް އަންކިތާ ލޯކަންޑޭއެވެ.
ލޯބިވެރިޔާ ވިކީ ޖެއިންއާ އެކު ގިނަ ދުވަސްތަކަކު އުޅުމަށް ފަހު މިހާރު އަންކިތާ ތައްޔާރު ވަމުން ދަނީ ޑިސެމްބަރު މަހު ކައިވެނި ކުރުމަށެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އަންކިތާއާއި ވިކީގެ ކައިވެނީގެ ކުރިން އެމީހުންނަށް ބާއްވާ ހަފްލާތަކަށް މިހާރު ވެސް އެ ދެމީހުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އަންކިތާގެ އެކުވެރިން ދަނީ އޭނާއަށް ބެޗްލޮރެޓް ޕާޓީ ވެސް ބާއްވަމުންނެވެ.
އަންކިތާއާއި ވިކީ ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ނަމަވެސް، އެދެމީހުން ކައިވެނި ކުރާ ދުވަހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.