ޚަބަރު

ގިރާވަރު ކައިރިން ބޯޓެއް އޮޔާދާތީ ސަމާލުވާން އެދެފި

ކ. ގިރާވަރުގެ އުތުރު ކަނޑުން "ބަރޯސާ" ނަމަކަށް ކިޔާ ބޯޓެއް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރައްވާ ކަނޑު އުޅަނދުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އެއްވެސް މީހެއް ނެތި މި ބޯޓު އޮޔާދާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރު ކަމަށެވެ.

އެމްއާރުސީސީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓް އޮޔާދަނީ ކ.ގިރާވަރު ކަނޑުން ހުޅަނގަށް ކަމަށާއި އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓަކީ ރާއްޖޭގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ. އަދި މި ބޯޓު އޮޔާދާތީ، ބޯޓުގެ ވެރިފަރާތުން ދަނީ ކަފުޖަހާނެ އެހެން އުޅަނދެއް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި، އެ ސަރަހައްދު މޮނީޓަރ ކުރުމަށް ޓަކައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އުޅަނދެއް ވެސް އެސަރަހައްދަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!