ޕީޕީއެމް ޕްރައިމަރީގައި 19،000 އަށް ވުރެ ގިނަ މީހުން ވޯޓުލި: އަދުރޭ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ނެރެން އިދިކޮޅު ޕީޕީއެމުން ހޮވުމަށް ޕްރައިމަރީގައި 19،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު ޕީޕީއެމުން ބޭއްވި ޕްރައިމަރީ 42 ރަށެއްގައި ބާއްވާފައިވާއިރު، މި ޕްރައިމަރީގައި ޖުމްލަ 1،146 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގެ މަންޒަރުތައް ފެނުމުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީ އަށް ލިބުނީ ހައިރާންކަން ކަމަށާއި އެގޮތުން އެ ޕްރައިމަރީ އަކީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ކާމިޔާބު އަދި އެންމެ ގިނަ މީހުން ވޯޓުލީ ޕްރައިމަރީ ކަމަށެވެ.
އެގޮތުން ޕީޕީއެމްގެ ޕްރައިމަރީ ބޭއްވީ 42 ރަށުގައި ކަމަށާއި ނަމަވެސް އެމްޑީޕީން 100 އަށް ވުރެ ގިނަ ރަށުގައި ޕްރައިމަރީ ބާއްވައިގެން ވެސް ވޯޓުލާން ނިކުތީ 23،000 މީހުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑުމެން 42 ރަށުގައި ބޭއްވި ޕްރައިމަރީގައި 19،000 އަށް ވުރެ ގިނަ މީހުން ވޯޓުލައިފި. މިހާ ހިސާބުން އެމީހުން (އެމްޑީޕީ) ގޮތް ހުސްވެއްޖެ. ކަންބޮޑުވެއްޖެ، ވަރަށް ބޮޑުތަނުން މާޔޫސްވެއްޖެ. އަދި މި އިންތިހާބުން ބަލިވާނެކަން ކަށަވަރުކުރެވިއްޖެ" އަދުރޭ ވިދާޅުވިއެވެ.
އެމްޑީޕީން ދައްކަމުންދާ ވާހަކަތަކާ މެދު ކަންބޮޑު ނުވުމަށާއި ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމުން ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.