ޚަބަރު

ނަޝީދު ބޭނުންވަނީ ޕީޕީއެމް މެމްބަރުންގެ ސިކުނޑިތަކާއި ކުޅެ މާޔޫސްކޮށްލަން: އަދުރޭ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ވަނީ ޕީޕީއެމް މެމްބަރުން ސިކުނޑިތަކާ ކުޅެ މާޔޫސްކޮށްލަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ އިން ކައުންސިލް އިންތިޚާބުގައި 60 އިންސައްތަ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ކަމަށްވާ އަނަސް އަބްދުއްސައްތާރަށް 12،000 ވޯޓު ލިބޭނެ ކަމަށާއި އަނަސްއާ ވާދަކުރާ ކެންޑިޑޭޓަށް 1500 ވޯޓު ވެސް ނުލިބޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދުގެ ވާހަކަތަކައް ރައްދު ދެއްވައި ރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑުތަނުން ބަލިވާނެކަން އެމްޑީޕީ އަށް މިހާރު ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު އެފަދަ ވާހަކަތައް ދައްކަވަނީ ޕީޕީއެމްގެ މެމްބަރުންގެ ސިކުނޑިތަކާއި ކުޅެ މާޔޫސްކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

"އެއްގޮތަކަށް ވެސް ހިތްވަރު ބަލި ނުކުރައްވާތި، އެއްގޮތަކަށް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާތި. އިރާދަކުރެއްވިއްޔާ މިފަހަރު މާލޭގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރާނީ ޕީޕީއެމުން" އަދުރޭ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް ޕީޕީއެމުން ނެރުމަށް ނިންމާފައިވާ ކެންޑިޑޭޓަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. ރޭގެ ޖަލްސާގައި މުއިއްޒުއަށް ތައުރީފް ކުރައްވައި އަދުރޭ ވިދާޅުވީ، އެބޭފުޅާ އަކީ މީގެ ކުރިން ވެސް ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ޑރ. މުއިއްޒު އަކީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ ބޭފުޅެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!