ރަށްރަށަށް ބޭނުންވާ އިތުރު 20 އެމްބިއުލާންސް ރާއްޖެ ގެނެސްފި

ރާއްޖޭގެ 20 ރަށަކަށް ފޮނުވާ އެމްބިއުލާންސްތައް މިއަދު މާލެ ގެނެސްފިއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެވިފައިވާ 20 އެމްބިއުލަންސްގެ ދެވަނަ ޝިޕްމަންޓް، ކަސްޓަމްސްއިން މިއަދު ކްލިއަރކޮށް އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފައިވާ ކަމަށެވެ.
މިއީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯއަށް ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން ގެނައި އެމްބިއުލާންސްގެ 2ވަނަ ޝިޕްމަންޓްއެވެ. އެސްޓީއޯއިން ވިދާޅުވީ ބާކީ ހުރި އެމްބިއުލާންސްތައް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށެވެ.
ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން ފުރަތަމަ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މަހުގެ 7ވަނަ ދުވަހުއެވެ.
އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ޚިދުމަތެކެވެ. އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ނުލިބޭކަމުގެ ޝަކުވާ ގިނަ ރަށްރަށުން ކުރެއެވެ. އަދި ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ރަށްރަށަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދެއެވެ. އެމްބިއުލޭންސް ދިޔުން ލަސްވެ ފަރުވާ ނުލިބުމުގެ ސަބަބުން ހިތާމަވެރި ހާދިސާތަކެއް ވެސް ވަނީ ހިނގައިފައެވެ.