ޚަބަރު

ޝަހީމުގެ ރައްދެއް ޖަމީލަށް: ޔާމީން މިނިވަން ވާނެކަމަށް ކައިރީގައި ތިބި މީހުން އަބަދުވެސް ޤަބޫލު ކުރި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ: ދައުރު

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވައިފައިވާ ފަސް އަހަރުގެ ހުކުމް ސްޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން އިއްޔެ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ އިސް ވަކީލު، އަދި އެ މަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް، ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ދެއްކެވި ވާހަކަފުޅަށް، ރައީސް ޔާމީންގެ 2018ވަނަ އަހަރުގެ ރަނިންމޭޓް، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލް ވިދާޅުވީ، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ރައީސް ޔާމީންގެ އަރިހުގައި ތިބި ފަރާތްތަކުން ރައީސް ޔާމީން މިނިވަން ވެދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި ނުވާނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް، ކެރިގެން ނިކުމެ ރައީސް ޔާމީން މިނިވަން ކުރެއްވި ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ޝަހީމް ވިދާޅުވީ، އެންމެ ކައިރީގައި ތިބި ފަރާތްތަކުން އަބަދުވެސް ޤަބޫލު ކުރީ ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް ކަމަށެވެ.  އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ތިއްބެވީ އެގޮތަށް ޤަބޫލުފުޅު ކުރައްވައިގެން ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ދުޝްމަނުން ވަގަށް ގޮވިއިރު ވެސް އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ވަގެއް ނޫނޭ ރައީސް ޔާމީނަކީ" ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

އިއްޔެ ރައީސް ޔާމީން މިނިވަންވުމާ ގުޅިގެން ރައީސް ޔާމީންގެ ގެކޮޅު ކައިރީ ހުންނަވައިގެން ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވެސް ޝަހީމް ވަނީ، ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް އަބަދުވެސް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Ads by HDC
  1. އިއްބެ

    ނައިބުރައީސްކަމަށް ދެމީހުންވެސް ފައިނެގީތަ