އަދުރޭ ވިދާޅުވަނީ ޓާމިނަލް ޓީއެމްއޭއަށް ދިނުމެކޭ ޖީއެމްއާރަށް އެއާޕޯޓް ދިނުމެކޭ ތަފާތެއް ނެތް ކަމަށް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލްގެ ހިންގުން ޓީއެމްއޭއަށް ދިނުމެކޭ ޖީއެމްއާރަށް ވެލާނާ އެއާޕޯޓް ދިނުމެކޭ ތަފާތެއް ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅެނީ ދައުލަތަށް ބޮޑު ގެއްލުމެއްގައި ކަމަށާއި، އެކަމާއި ގުޅޭ ޖިނާއީ ތަހްގީގު ފަށާފައިވާކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން މިއަދު ވަނީ ބުނެފައެވެ.
ރޭ އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ފަރާތްތަކަށް ބައިއެޅޭ ގޮތަށް ކަމަށާއި މިއީ ނުރައްކާތެރި އަދި މިކަމުގެ އާހިރު ނަތީޖާ ވެސް ވަރަށް ހިތިވާނެ ކަމަށެވެ.
"ސީޕްލޭން ޓާމިނަލް މިހާރު އެދޭން އުޅޭ ބަޔަކަށް ދިނުމެކޭ، ޖީއެމްއާރަށް އެއާޕޯޓު ދިނުމެކޭ ކޮބައިތޯ ތަފާތެއް. ހަމަ އެއްވެސް ތަފާތެއް ނެތް" އަދުރޭ ވިދާޅުވިއެވެ.
ޓީއެމްއޭއިން މިހާރު އޮޕަރޭޓު ކުރަމުންދާ ޓާމިނަލްގެ އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށް ހަމަވާނެއެވެ. އެމްއޭސީއެލުން ކުރިން އެއްބަސްވެފައި ވަނީ ޓީއެމްއޭއިން މިހާރު އޮޕަރޭޓު ކުރަމުންދާ ޓާމިނަލްގެ ސައިޒަށް ވުރެ ބޮޑު އަދަދަކަށެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ ޓީއެމްއޭއިން މިހާރު ވެސް އޮޕަރޭޓު ކުރަމުންދާ ޓާމިނަލްއާ އެއް ސައިޒެއްގެ ސަރަހައްދެއް އާ ޓާމިނަލުން ދިނުމަށެވެ.