ޚަބަރު

54 އޮފީހެއްގެ ކައުންޓަރުން ދޭ ހިދުމަތް ރަނގަޅެއް ނޫން

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި ހިނގަމުންދާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން، އާންމުންނާ ސީދާ މުއާމަލާތް ކޮށްގެން ހިދުމަތްދޭ 54 ތަނެއްގެ ކައުންޓަރުތަކުން ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅު ކުރުމަށް ކުރެވެން ހުރި ވަރަށް ގިނަ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

Ads by MWSC

ރައީސް އޮފީހުން މިއަދު ބުނީ ސަރުކާރު އޮފީސްތަކުން ފޯރުކޮށްދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އާންމުންގެ އިތުބާރު ހޯދައި، ތަސައްވުރު ރަނގަޅުކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މުހިއްމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މާލޭގައި ހިންގަމުންދާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން، އާންމުންނާ ސީދާ މުއާމަލާތް ކޮށްގެން ހިދުމަތްދޭ 54 ތަނެއްގެ ކައުންޓަރުތަކުން ހިދުމަތް ދޭ ގޮތާއި، ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި، ހިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަށް ޚިދުމަތް ނުދެވޭ މައިގަނޑު ސަބަބުތައް ދެނެގަނެ، އެ ތަންތަނުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބެލުމަށްޓަކައި ރައީސް އޮފީހުން ސްޕޮޓް އޮޑިޓެއް ހަދާފައިވާ ކަމަށެވެ.

މިއީ ރައީސް އޮފީހުން މިފަދަ އޮޑިޓެއް ހެދި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ މި އޮޑިޓްގައި އޮފީސްތަކުގެ ކައުންޓަރ ސާވިސް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޮޑިޓުން ފާހަގަކުރެވުނު ކަންތައްތަކާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ހިދުމަތް ދިނުމުގެ ކަންކަން މިހާރަށް ވުރެ ރަނގަޅުކުރުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހިއްސާކުރައްވައި ޚިޔާލު ހޯއްދަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މިކަމާ ބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!