ޚަބަރު

އުސައިން ބޯލްޓަށްވުރެ ބާރަށް ދުވާ މީހެއް؟

ދެން އެމްވީ ، ދެން އޮންލައިން

އުސެއިން ބޯލްޓަށް ވުރެ ބާރަށް ދުވާ މީހެއްގެ ވީޑިިއޯއެއް ޓްވިޓާގައި ވައިރަލްވާން ފަށައިފިއެވެ. ޑީޕީ ސަތީޝް ނަމަކަށް ކިޔުނު ނޫސްވެރިއަކު އާންމު ކުރި މި ވީޑިއޯ އިން ފެނިގެންދަނީ އިންޑިއާގެ ދެކުނުގެ އަވަށެއް ކަމަށްވާ ކަރްނެތާކާ އޮތް ބަފަލޯ ދުއްވުމުގެ މުބާރާތެއްގައި މީހަކު ދުވާ މަންޒަރެވެ.

Ads by Sosun Fihaara

28 އަހަރުގެ ސިރިނަވާސާ ގޮއުދާ މި މުބާރާތުގައި 142.5 މީޓަރ ދުވެފައިވަނީ އެންމެ 13.62 ސިކުންތުން ކަމަށް ވީޑިއޯ އާންމުކުރި ނޫސްވެރިޔާ ބުނެފައިވެއެވެ. އެހެންކަމުން 100 މީޓަރ އެންމެެ 9.55 ސިކުންތުން ނިންމައި އުސެއިން ބޯލްޓަށްވުރެ ވެސް ބާރަށް ދުވެފައިވާ ކަމަށް އެ ނޫސްވެރިޔާ އިތުރަށް ބުނެފައިވެއެވެ. ބޯލްޓް 100 މީޓަރ ދުވެފައިވަނީ 9.58 ސިކުންތުންނެވެ.

ސިރިނަވާސާ ގޮއުދާ މި ބަފަލޯ ދުއްވުމުގެ މުބާރާތުގައި ދުވެފައިވަނީ ބަފަލޯއަކާއެކު ޗަކަފެންގަނޑެއްގެ ތެރޭގައެވެ. ބައެއް މީހުން ބުނާގޮތުގައި ސިރިނަވާސާގެ އެ ހަލުވި ސްޕީޑްގެ ފުރަގަހުގައިވަނީ މި ދެ ކަންތަކެވެ. އަދި ސިރިނަވާސާ ގެ ހަގީގީ ސްޕީޑް އެނގިގެންދާނީ ބަފަލޯއާ ނުލާ ހިކިފަސް ތަނެއްގައި ދުވުމުން ކަމުގައިވެސް މި މީހުން ބުނެއެވެ.

އުސެއިން ބޯލްޓް އަކީ ދުނިޔޭގައި ހުރި އެންމެ ބާރަށް ދުވާ ދުވުންތެރިޔާއެވެ. 200 މީޓަރާއި 100 މީޓަރުގެ ދުނިޔޭގެ ރެކޯޑްވެސް އޮންނަނީ ބޯލްޓް އަތުގައެވެ. އެއީ 100 މީޓަރު 9.58 ސިކުންތުން ނިންމައި އަދި 200 މީޓަރު އެންމެ 19.19 ސިކުންތުން ނިންމައިގެނެވެ. މި ދެ ރެކޯޑް ވެސް ހަދާފައިވަނީ 2009 ވަނަ އަހަރު ބާރލިން ގައި އޮތް ވޯރލްޑް އެތްލެޓިކް ޗެމްޕިއަންޝިޕްގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!