ޚަބަރު

އެޑިއުކޭޝަންގެ ނިންމުން ގަބޫލެއް ނުކުރަން: އަރަބިއްޔާ ބެލެނިވެރިން

ރައުފާ ރަޝީދު ، ދެން އޮންލައިން

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުން ގަބޫލު ނުކުރާ ކަމަށް އެ ސްކޫލްގެ ޕީޓީއޭއިން ބުނެފިއެވެ.

Ads by STELCO

އަރަބިއްޔާ ސްކޫލްގެ ޕީޓީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަރަބިއްޔާ ސްކޫލުގެ ޢިމާރާތް ހަލާކުވެ، އެ ޢިމާރާތުގެ ތަނބުތައް ފަޅައިގެން ގޮސް އޭގެ ބައިތައް ވެއްޓި ކުދިންގެ ހައްޓަށާއި ފުރާނައަށް ނުރައްކާވާ ހިސާބަށް ތަނުގެ ޙާލަތު ގޮސްދާނެ ކަމަށް ޓަކައި، 2018ވަނަ އަހަރުން ފެށިގެން ސްކޫލުން އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަމުން ދިޔަ ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް ކަމަކަށް އިޖާބަ ދެއްވުމެއް ނެތި، ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތް މަރާމާތު ކުރުމަށް ބަޖެޓު ނެތް ކަމުގެ ބަހަނާ ދެއްކެވުމަށް ފަހު، މިއަދާ ހަމައަށް ވެސް އެޑިއުކޭޝަނުން ޢަރަބިއްޔާގެ ޢިމާރާތް މަރާމާތު ނުކުރައްވައި ލަސްކުރައްވަމުން ގެންދެވިކަމީ ޢަރަބިއްޔާ ސްކޫލަށް
އެޑިއުކޭޝަން މިނިސްޓްރީން ޤަސްތުގައި އިހުމާލުވެލައްވައިފައިވާ ކަމުގެ ސާފު ހެއްކެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި، 2021ވަނަ އަހަރުގެ ކުރީކޮޅު ޢަރަބިއްޔާގެ ޢިމާރާތާ ގުޅޭ ގޮތުން ހެދުނު ވިޝުއަލް (Visual) އެސެސްމަންޓްގައި ދީފައިވާ ލަފަޔަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރެއްވުމެއް ނެތި، ދަރިވަރުން ޢަރަބިއްޔާގެ ޢިމާރާތުން އެހެން ޢިމާރާތަކަށް ބަދަލު ކުރުމުގެ ޢަމަލީ އެއްވެސް މަސައްކަތެއް ނުކުރައްވައި އެކުދިންނަށް މިވަގުތު އެއްވެސް ކަހަލަ ނުރައްކަލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގައި، ދިވެހި އެންމެހައި ރައްޔިތުންގެ ކުރިމަތީގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި އެދުވަހުގެ ހަވީރު ޢަރަބިއްޔާގެ ޕީ.ޓީ.އޭގެ އެކްސްކޯއާ ބައްދަލު ކުރެއްވި ޖަލްސާގައި، މިހާރުން މިހާރަށް ވެސް ޢަރަބިއްޔާގެ ދަރިވަރުން ސްކޫލުގެ ޢިމާރާތުން ނުކުންނަން ޖެހިދާނެ ކަމަށާއި، އެކަމަށް ޓަކައި ޢިއްޒުއްދީން ސްކޫލުން ޖާގަ ހައްދަވައިދެއްވާނެ ކަމުގައި މިނިސްޓަރ ވިދާޅުވުމުން، ޢިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމާމެދު ވަކި ގޮތެއް ނިންމޭނީ ޢަރަބިއްޔާގެ ބެލެނިވެރިންނާ މަޝްވަރާ ކުރުމަށް
ފަހުގައި ކަމަށް ޕީ.ޓީއޭގެ އެކްސްކޯއިން ދެންނެވުމުން، މިނިސްޓްރީން ނިންމަވާނީ ބެލެނިވެރިން ވެސް އެދޭ ގޮތަށް ކަމަށާއި، ބެލެނިވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ފުރުޞަތު ދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީން ޢަމަލުކުރައްވާފައި ވަނީ އެއާ ހިލާފަށް ކަމަށް ޕީޓީއޭގެ ބަޔާނުގައި ވެއެވެ.

އެކަމުން އެޑިއުކޭޝަން މިނިސްޓަރު ދައްކަވާ ވާހަކަފުޅުތަކުގެ ތެދުވެރިކަމާއި އަމާނާތްތެރި ކަމެއް ނެތްކަން ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ ކަމެށާއި ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި މެނޭޖްމަންޓުގެ ފުރިހަމަ އިއްތިފާޤުން އެއްބަސްވެ، ޢިއްޒުންދީން ސްކޫލަށް ޢަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ، ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށާއި، އެކަން އެހެން ކޮށްފި ނަމަ ދަރިވަރުންގެ ކިޔެވުމަށާއި ސުކޫލަށާއި އެންމެހާ ކަންކަމަށް ބޮޑެތި ނުރައްކަލާއި ފޫ ނުބެއްދޭ ވަރުގެ ގިނަގުނަ ގެއްލުންތައް ވާނެކަމަށް ބެލެނިވެރިންނަށް ޔަޤީން ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ދެވަނަ ސިޓީއެއް ރައީސަށް އެރުވުމުން ވެސް އެއަށް ޖަވާބެއް ނުދެއްވައި، ދެން ފެނުނީ ޢަރަބިއްޔާގެ ދަރިވަރުންނާއި ޢިއްޒުއްދީން ސްކޫލުގެ ދަރިވަރުން އެއް ޢިމާރާތެއްގައި، އެއް ވަގުތެއްގައި ކިޔަވާ ގޮތަށް އެޑިއުކޭޝަނުން ނިންމެވި ކަމުގެ ބަޔާން ޢާއްމު ކުރެއްވި ތަން ކަމަށާއި ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ޙައްޤައް ހުރަސް އެޅި، އެކުދިންގެ ޢަރަބި އިސްލާމީ މަންޙަޖުގެ ތަޢުލީމު އެކީއެކަށް ފުނޑުފުނޑު ވެގެން ދާނެހެން އެޑިއުކޭޝަނުން ނިންމައިފައިވާ ނިންމެވުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފައި ވެއެވެ.

އަދި އެއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ނިންމެވުމެއް ނޫން ކަމަށާއި، އެފަދަ އަނިޔާވެރި، ބޭއިންސާފު ނިންމެވުމަކަށް ކިޔަމަންވެ ދަރިވަރުން ޢަރަބި އިސްލާމީ ތަޢުލީމު ފަނާވެ ދިއުމަށް ޖާގަ ދެވެން ނެތް ކަމަށާއި، އެ ނިންމެވުމާ އެއްގޮތަށް ޢަމަލު ކުރެވެން ނެތް ކަމަށް އެ ސްކޫލުގެ ބެލެނިވެރިން ވަނީ ބުނެފައެވެ.

  1. މުޖުތާޒު

    ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ޖަމިއްޔާއިން ނިންމެވު ނިއްމެވުމަށް މަރިހަބާ އާއި ޝުކުރުދަންނަވަން. ޢެޑިޔުކޭޝަނުން ހުރިހާކަމެއްގަވެސް ދައްކަނީ ބުހުތާނު ވާހަކަ
    ޢެޑުޔުކޭޝަން މިނިސްޓަރަކީ ރައްޔިތުންގެ މަޖިލީހުން ފިޔަވަޅު އަޅަންޖެހޭ ބޭފުލޭއް