ނޫމަޑިއަށް 55 މިލިއަން ޑޮލަރަށްވުރެ ބޮޑު ބަދަލެއް ސަރުކާރުން ދީފައިވޭ: އުޝާމް
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ބަދަލުގެ ގޮތުގައި ލިބުނު މިންވަރު 55 މިލިއަން ޑޮލަރަށް ވުރެ ބޮޑު ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފަ އެވެ. އެ ފައިސާ އެ ކުންފުންޏަށް މިހާރު ވަނީ ދައްކައިފަ އެވެ.
އެކަމާ ގުޅިގެން މެމްބަރު އުޝާމް މިއަދު ވިދާޅުވީ ނޫމަޑިއަށް ސަރުކާރުން ދީފައިވަނީ 55 މިލިއަން ޑޮލަރު ނޫން ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ސިފައިންގެ ފްލެޓްތައް އަޅަން އެމްއެންޑީއެފްގެ ސިފްކޯއިން ނޫމަޑިއަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާގެ ތެރެއިން ސިފްކޯއަށް އަނބުރާދޭން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓްތަކުގައިވާ 92 މިލިއަން ރުފިޔާ ވެސް ދޭން ނުޖެހޭ ކަމަށް ސަރުކާރުން އެ ކުންފުންޏާއެކު ވެފައިވާ ސެޓްލްމަންޓް އެގްރީމަންޓްގައި ހިމަނާފައިވާ ކަމަށެވެ.
"އެހެންވީމަ ނޫމަޑިއަށް ބަދަލުގެ ގޮތުގައި ލިބުނު މިންވަރަކީ 55 މިލިއަން ޑޮލަރަށްވުރެ މާބޮޑު އަދަދެއް. އެމްއެންޑީއެފްގެ ސިފްކޯ ޕްރޮޖެކްޓަކީ ނޫމަޑިއިން އާބިޓްރޭޝަނަށް ހުށައެޅި މައްސަލައާއި އެއްވެސް ގުޅުމެއް އޮތް ޕްރޮޖެކްޓެއް ވެސް ނޫން" އުޝާމް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން ވަކި ހިސާބަކުން އުވާލާފައިވަނީ ނޫމަޑި އިން ކޮންޓްރެކްޓާ ޚިލާފުވި ކަމަށް ބުނެއެވެ. ނަމަވެސް އެކުންފުނިން ބުނެފައިވަނީ އެއްބަސްވުމާ ޚިލާފު ވެފައިވަނީ ސަރުކާރުން ކަމަށެވެ. އެގޮތުން ނޫމަޑިއަށް ރިސޯޓެއް ގާއިމްކުރުމަށް ދިން ރަށެއް އެއްބަސްވުމާ ޚިލާފަށް ސަރުކާރުން ނަގާފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބުނެފައިވެއެވެ.