ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ވާދަނުކުރެވޭ ގޮތަށް ސިޓީ ސަސްޕެންޑުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) އުސޫލުތަކާ އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީ ހިލާފުވި މައްސަލައިގައި އެ ކްލަބް ޔޫއެފާ ޗެމްޕިއަންސް ލީގުން ސަސްޕެންޑްކޮށްފި އެވެ.

Ads by STELCO

ފެއާޕްލޭ ގަވާއިދުގެ ސީރިއަސް މައްސަލަތަކެއް ތުހުމަތު ކުރެވުނު ސިޓީގެ ސަސްޕެންޝަނާ އެކު ކުރިއަށް ދެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމަށް ވާދައެއް ނުކުރެވޭނެ އެވެ. އެކަމަކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމު ކުޅޭނެ އެވެ.

ޔޫއެފާ އިން މި އަދަބު ސިޓީ އަށް ދީފައިވަނީ ކްލަބްގެ އަސްލު ހިސާބުތައް ފޮރުވުމުގެ ގޮތުން ނުބައްދަލު އަގުތަކެއްގައި ސްޕޮންސަރުންނާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށް، ސްޕޮންސަރުން މެދުވެރިކޮށް ކްލަބަށް ހަރަދުކުރިކަން ފަޅާ އެރުމުންނެވެ. އެފްއެފްޕީގެ ގަވާއިދުތަކަށް ފެއްތުމުގެ ގޮތުން އެ ހަރަދުތަކުގެ ތަފްސީލެއް ސިޓީގެ އެއްވެސް ރަސްމީ އެކައުންޓްތަކެއްގައި ހިމަނާފައެއް ނުވެއެވެ.

ސަސްޕެންޝަނުގެ އިތުރުން 25 މިލިއަން ޕައުންޑުން ސިޓީ ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. މި ނިންމުން ކޯޓް އޮފް އާބިޓްރަޓޭޝަން އޮފް ސްޕޯޓްސް(ސީއޭއެސް) ގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ސިޓީ އަށް ލިބޭނެ އެވެ.

އިސްތިއުނާފް މަރުހަލާއަށް ފަހު ސަސްޕެންޝަން ދަމަހައްޓައިފި ނަމަ އަންނަ ސީޒަނާއި 22-2021 ވަނަ ސީޒަނުގެ ނިޔަލަށް އެޓީމަށް ޗެމްޕިއަންސް ލީގުގައި ވާދައެއް ނުކުރެވޭނެ އެވެ. ސިޓީ ސަސްޕެންޑް ކުރުމުން އެޓީމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ލިބިއްޖެ ނަމަ ލީގުގެ ފަސް ވަނަ އަށް ދާ ޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ. އިނގިރޭސި ލީގުގެ ފަސް ވަނައިގައި މިވަގުތު އޮތީ މި ސީޒަނުގައި ލީގަށް ޕްރޮމޯޓްވި ޝެފީލްޑް ޔުނައިޓެޑެވެ.

ސަސްޕެންޝަނާ އެކު ސިޓީން އާއްމުކުރި ބަޔާނެއްގައި ބުނީ ޔޫއެފާގެ ނިންމުމާ މެދު އެ ކްލަބުން މާޔޫސްވެއްޖެ ކަމަށާއި އެކަމަކު އެއީ ހައިރާކަން ލިބުނު ކަމެއް ނޫން ކަމަށެވެ. ސިޓިން ބުނީ މައްސަލަ ކުރިއަށް ގެންދަން އިސްނަގައި، ކޯޓަށް ހުށަހަޅައި މުޅި މައްސަލަ ވަކި ގޮތަކަށް ނިންމީ ވެސް ޔޫއެފާއިން ކަމަށެވެ. އެހެންވެ އެ މައްސަލައިގައި ވީ އެންމެ އަވަހަކަށް ކޯޓަށް ގޮސް އިސްތިއުނާފަށް ލާނެ ކަމަށް ސިޓީން ވަނީ ބުނެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!