ރިޕޯޓް މީހުން

ތިރީސް އަހަރަށް ވުރެ ގިނަ ދުވަހު ގައުމީ ޚިދުމަތުގައި ދެގޮތެއް ނުވެ އުޅުނު ތަހުމީނާ

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ދެހާސްއަށެއްގައި ތ. ހިރިލަންދޫ ސިއްހީ މަރުކަޒުން ތަހުމީނާ ހުސެންނަށް ވަނީ ތިރީސް އަހަރު ސިއްހީ ޚިދުމަތުގައި އުޅުނުކަން ފާހަގަކޮށް ހަނދާނީ ލިޔުން ދީފައެވެ. މިއަށް ވުރެ ގިނަ އަހަރު ތަހުމީނާ ވަނީ ރަށުގެ އިޖްތިމާއީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ހަރަކާތްތެރިވެފައެވެ. މިއަދު ވެސް ތަހުމީނާގެ ހިތާއި ވިންދާ ގުޅިފައި ވަނީ ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމާއި، ރަށަށް ހެވާއި ލާބަ ހޯދައިދިނުމުގައި ރަށުގެ އެހެން ރައްޔިތުންނާ އެކުގައި މަސައްކަތް ކުރުމާއެވެ. އޭނާއަކީ ރަށުގެ މީހުން ވަރަށް ބަލައިގަންނަ އިހުތިރާމް ކުރާ މީހެކެވެ. އެހައި ގިނަ އަހަރު އުފަން ރަށުގެ އެކި ކަންކަމުގައި ބައިވެރިވެ އުޅުމުގެ ދިގު ދަތުރާ ބެހޭ ގޮތުން އަހަރެން ތަހުމީނާއާ ވާހަކަ ދައްކައިލީމެވެ. މިގޮތުން ތަހުމީނާގެ ވާހަކަ ފެށެނީ ކުޑައިރު ސްކޫލްގައި އުޅުނު ދުވަސްތަކުންނެވެ،

Ads by Hajj Corporation

ޚިދުމަތް ކުރަން ފެށުނު ގޮތް

ތަހުމީނާ ކުޑައިރު ސްކޫލްގައި އުޅުނުއިރު ގްރޭޑްތައް ކަނޑައަޅައިފައެއް ނުހުރެއެވެ. އޮންނަނީ އެއްވަނަ ކްލާހާއި ދެވަނަ ކްލާސް އަދި ތިންވަނަ ކްލާހެވެ. އެގޮތުން ތަހުމީނާ ސްކޫލްގައި އުޅުނު އިރު ވެސް ރަށުގެ އަންހެނުންގެ ކޮމިޓީގައި އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައެވެ. އެއީ ސްކޫލް ނިމެންވާ އިރަށް ފަރިތަ ކުރުވަންވެގެން ސްކޫލް ކުދިން ލައްވައި އޭރުގައި ކުރުވި ކަމެކެވެ. އިޖްތިމާއީ ކަންކަމުގައި އުޅެވެން ފެށުނީ އެގޮތުގެ މަތިން ކަމަށް ތަހުމީނާ ބުންޏެވެ. އަދި ތިންވަނަ ކްލާހުގައި އުޅޭތާ ތިންވަނައަށް ވީ އަހަރު އޭރުގެ ރަށު ކަތީބު ތަހުމީނާ ގާތުގައި ބުނީ މިހެންނެވެ.

'ކަތީބު ބުނީ މިހާރު ދެން ތަހުމީނާ ކިޔަވާނޭ އެއްޗެއް މިސްކޫލަކު ނެތޭ ދެން އެންމެ ރަނގަޅޭ ކެނޑުނަސް'

އެހެންވީމާ 1986ވަނަ އަހަރު، ތަހުމީނާއަށް 16 އަހަރުގައި، ސްކޫލުން ކެނޑުމަށް ފަހު އަންހެނުންގެ ކޮމިޓީއާ ރަސްމީކޮށް ގުޅުނެވެ. އަދި އެ ދުވަހުއްސުރެ މިއަދާ ހަމައަށް ތަހުމީނާ ދަނީ ކެނޑިނޭޅި އިޖްތިމާއީ ރޮނގުން ރަށަށް ޚިދުމަތް ކޮށްދެމުންނެވެ. ފުރަތަމަ އުޅުނީ މެމްބަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ސެކްރެޓަރީއެއްގެ ގޮތުގައި އަދި އޭގެ ފަހުން ހަޒާންދާރަކަށެވެ. ދެން އައި އަހަރުތަކުގައި ހަވާލުވި ރައީސްކަން މިހައިރާ ހަމަޔަށް ތަހުމީނަ ގެންދަނީ ފުރަމުންނެވެ. ތިން އަހަރެއްގެ ބްރޭކެއް ނެގުން ފިޔަވައެވެ.

ހެލްތް ވާކަރުކަމުގެ ތެރެއަށް ވެދެވުނު ގޮތުގެ ވާހަކަ ވެސް ތަހުމީނާ ކިޔައިދިނެވެ. އެ ފުރުސަތު ލިބުނީ ތަހުމީނާގެ ބައްޕަ ރަށު ކަތީބު ކައިރިން އެދުނު އެދުމެއްގެ މަތިންނެވެ. ބައްޕަ އެދުނީ ތަހުމީނާއަށް ވަޒީފާއެއް ހޯދައިދިނުމަށެވެ. ކަންދިމާކުރި ގޮތުން އެ ދުވަސްވަރު ރަށުގެ ހެލްތް ވާކަރު ވަނީ ވަރަށް ބޮޑަށް ބަލިވެ ރަށަށް ސިއްހީ ހިދުމަތްތެރިއެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައެވެ. މިދަނޑިވަޅުގައި ޕަބްލިކް ހެލްތުގެ މޯބައިލް ޓީމެއް ކުދިންނަށް ވެކްސިން ޖެހުމަށް ޓަކައި ރަށަށް ޒިޔާރަތް ކުރިއެވެ. މިޓީމަށް ތަހުމީނާ ތައާރަފް ކޮށްދިނުމަށް ފަހު ކަތީބު ޓީމުގެ ފަރާތުން އެދުނީ ތަހުމީނާއަށް ހެލްތް ވާކަރަކަށް ވުމުގެ ފުރުސަތު ދިނުމަށެވެ. އެޓީމު މާލެ ފުރިތާ އެއްމަސް ދުވަސް ފަހުން ތަހުމީނާ މާލެގޮ ސް ކިޔަވަން ފުރުސަތު ލިބުނެވެ. އަދި ހަމަސް ދުވަހުގެ ކޯހެއް ފުރިހަމަ ކުރުމަށްފަހު އަނބުރައި ރަށަށް އައެވެ. އަދި އޭރުއްސުރެ މިއަދު ވެސް ތަހުމީނާއަކީ ހެލްތު ވާކަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަރާތެކެވެ.

ތަހުމީނާ: ޞިއްޙީ ދާއިރާގައި ވެސް ނަން ފަވާލެވޭ ޚިދުމަތްތެރިއެއް

އެ ވަޒީފާ ހަމަޖެހުނަސް ތަހުމީނާއަށް އިޖްތިމާއީ ކަންކަމަކުން ދުރަކަށް ނުދެވުނެވެ. ސަބަބު ވެސް ތަހުމީނާ ވަރަށް ސާފުކޮށް ބުނެދިނެވެ.

'ހެލްތު ވާކަރު ވަޒީފާ ދިންއިރު ވަޒީފާ ބަޔާނުގައި ދިން ފައިލްގައި އޮތީ ކޮމިޓީގައި އުޅެން މަޖުބޫރު ކޮށްފައި.'

އެހެންވީމާ އެ ދުވަހުންސުރެ ގުނަންޏާ މިއަދާ ހަމައަށް ވަޒީފާގައި އުޅޭތާ 33 އަހަރު އަދި އިޖްތީމާއީ ކަންކަމުގައި އުޅޭތާ 34 އަހަރުވީއެވެ.

އެކަނިމާއެކަނި މުޅި ރަށަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިން ގޮތް

ހެލްތް ވާކަރުކަން ކުރަން ފެށި އިރުގައި ރަށުގައި ހޮސްޕިޓަލެއް ވެސް އަދި މަރުކަޒެއް ވެސް ނެތެވެ. އެހެންވީމާ ތަހުމީނާ މަސައްކަތް ކުރީ ގޭގައެވެ. ނުވަތަ ބަލިމީހުންގެ ގޭގެއަށް ގޮސްގެންނެވެ. ބޭސް ފަދަ ތަކެތި ބަހައްޓަފައި ހުންނަނީ ގޭގައެވެ. އެ ދުވަސްވަރު ތަހުމީނާ ބުނި ގޮތުގައި މަސައްކަތް ކުރީ ވަރަށް ވެސް ދަތި ހާލުގައެވެ. މީހަކު ވިހަން ވެގެން ބަނޑުގައި ރިއްސީމާ ތަހުމީނާއާއި ފޫޅުމައިމީހާ އެކުގައި އެމީހެއްގެ ކައިރިއަށް ދެއެވެ. އަދި މާ ގިނައިރު ވަންޏާ ނުވަތަ ދަތިތަކާ ކުރިމަތި ވަންޏާ ތަހުމީނާ އަތޮޅު ހޮސްޕިޓަލަށް ގުޅައިގެން ބަލިމީހާ ގެންނާށޭ ބުނެފި ނަމަ ޖެހޭނީ އެ މީހަކު ގޮވައިގެން އަތޮޅު ހޮސްޕިޓަލް ހުންނަ ރަށަށް ދާށެވެ.

މިޒަމާނުގައި ލޯންޗް އަދި ފެރީގެ ޚިދުމަތް ލިބުނަސް އެ ދުވަސްވަރު އެ ފަދަ ދަތުރުތައް ކުރީ އަނގަމަތި މަސްދޯނީގައެވެ. އެ ދޯނިތައް ހުންނާނީ ހިޔާ ވެސް ނުކޮށެވެ. އަދި ދަންވަރު ކަނު އަނދިރީގައި ވެސް ގުނާ އަދަދު ނުކުރެވޭހައި ބަލި މީހުން ގޮވައިގެން އެގޮތަށް ދަތުރު ކުރެވިފައި ހުންނާނެ ކަމަށް ތަހުމީނާ ބުންޏެވެ.

ބައެއް ފަހަރު ބަލިމީހާގެ ގޭގައި ނިދައިފައި ވެސް ހުންނާނެ ކަމަށް ތަހުމީނާ ބުންޏެވެ. އޭގެ މިސާލެއް ވެސް ތަހުމީނާ ކިޔައިދިނެވެ. އެއް ދުވަހަކު ކުޑަ ކުއްޖަކު ބޭރަށް ހިންގާތީ އެ ގެއަށް ގޮސް ލޮނު ޕެކެޓް ގިރައިގެން ބޯންދޭންވީ ގޮތް ކިޔައިދީފައި ވެސް ގަޑިން ގަޑިއަށް ނުދެވިދާނެތީ ތަހުމީނާ އެގޭގައި މަޑު ކުރިއެވެ.

ތަހުމީނާ؛ އިޖުތިމާއީ ހަރަކާތެއްގެ ތެރެއިން

މަސައްކަތް ކުރަން ފެށި އިރު އައިވީ ގުޅާ ގޮތް ދަސްކޮށްދީފައި ނުވާތީ، އައިވީ އެއް ގުޅަން ޖެހިއްޖެ ހާލަތުގައި އަތޮޅު ހޮސްޕިޓަލުން އަންނަ ފަރާތަކުން ބަލިމީހާއަށް އައިވީ ގުޅައިދީފައި، ދެން ހަދަންވީ ގޮތް ތަހުމީނާއަށް ކިޔައިދީފައި، އަލުން ފުރައިގެން ދަނީއެވެ. ދެން ފުޅި ހުސްވީމާ ތަހުމީނާ ހޯދަން ބަލިމީހާގެ ގޭ މީހަކު އައީމާ ތަހުމީނާ އަނެއްކާ ވެސް އެމީހަކު ކައިރިއަށް ދަނީއެވެ. މި ޒަމާނާ ބަލާއިރު އެ ދުވަސްވަރު ތަހުމީނާމެން ސިއްހީ ދާއިރާގައި މަސައްކަތް ކޮށްފައި ވަނީ ވަރަށް ވެސް ދަތި އުނދަގުލުގައި އަދި ބުރަކޮށެވެ.

ފާހަގަ ކޮށްލެވޭ ވާހަކައެއްގެ ގޮތުގައި ތަހުމީނާ ބުނީ ރޯދަ މަހު މީހުން ބަލިވާ ވަރު ގިނަވެފައި ރޯދަ ވިއްލާ ގަޑީގައި މީހުން އަންނަ ވާހަކައެވެ.

'ރޯދަ ވީއްލަން އަތް ޖަހާނެ ކަމެއް ނެތް، އެއް ފަހަރުން އެ ކާން ތައްޓަށް އަޅާ އެތިކޮޅު އެއް ފަހަރުން ހުސްކޮށްލެވޭނެ ކަމަށް. މަދު ރެއެއް ދާނީ ކައިކައި އިނދެފަ ތެދުވެގެން ދާން ނުޖެހޭ'

މި ދާއިރާގައި އެންމެ އުފާވި ދުވަހުގެ ވާހަކަ ވެސް ތަހުމީނާ ކިޔައިދިނެވެ. އެދުވަސްވަރު ކުޑަ ކުއްޖެއްގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްގެން ތަހުމީނާ ކައިރިއަށް ގެނައިއިރު ލޯ މައްޗަށް އޮތީ ހަންގަނޑު ވެއްޓިފައެވެ. އަދި ތަހުމީނާއަށް ލިބިފައި ހުރި އިލްމުގެ ބޭނުން ކޮށް، ފަހާ ވަރަށް ފެޅިއްޖެ ތަނެއް ނަމަ، އަދި ފެހެން ނެތް ހާލަތެއްގައި ބޭނުން ކުރަންވީ ހާއްސަ އުކުޅު ބޭނުން ކުރިއެވެ. އަދި އެގޮތަށް ހެދުމުން ހަފްތާއެއްގެ ތެރޭގައި އެކުއްޖާގެ ބޯ ރަނގަޅު ވުން އެއީ ވަރަށް އުފާވި ކަމެއް ކަމުގައި ތަހުމީނާ ބުންޏެވެ.

ކޮމިޓީގެ މަސައްކަތް

އިޖުތިމާއީ ހަރަކާތްތަކުގައި ފުރަތަމަ އުޅުނީ ޝައުގުވެރިވެގެން ނޫން ކަމުގައި ތަހުމީނާ ބުންޏެވެ. ޝައުގުވެރިކަން އުފެދުނީ ގާތްގަނޑަކަށް 2000ވަނަ އަހަރަށް ފަހުއެވެ. ތަހުމީނާ ކިޔައިދިން ގޮތުގައި ހިރިލަންދޫގެ އަންހެނުންގެ ކޮމިޓީގެ މަސައްކަތްތަކަކީ ވަރަށް ފާހަގަ ކޮށްލެވޭ އަގުހުރި މަސައްކަތް ތަކެކެވެ. އަދި އެ ސަބަބާ ހުރެ ރަށުގެ ފިރިހެނުން ވެސް އަންހެނުންގެ ކޮމިޓީއަށް ވަރަށް އިސްކަންދެއެވެ. ރަށުގެ ގިނަ ކަންކަމުގެ 90% މަސައްކަތް ކޮށްފައި އޮންނާނީ އަންހެނުންކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ހާއްސަކޮށް ކުރީގައި ކޮމިޓީގައި ކުރިން އުޅުނު މީހުންގެ ދުރު ވިސްނުމާއި ބުރަ މަސައްކަތާ ދޭތެރޭ ވިސްނާލިޔަސް ޝުކުރުވެރިވާކަމަށް ތަހުމީނާ ބުންޏެވެ.

ތަހުމީނާގެ ޚިދުމަތް ރަށުގެ އެންމެން ބަލައިގަނޭ

ފާހަގަ ކޮށްލެވޭ މަސައްކަތްތަކަށް ބަލައިލާ އިރު 1981ވަނަ އަހަރު ކޮމިޓީއިން ވަނީ ހޮޓާ ހިންގަން ފަށައިފައެވެ. އަދި ލިބޭ ލާރި ރަށު އޮފީހަށް ޖަމާ ކޮށްގެން ޖަނެރޭޓަރެއް ހޯދާ، ރަށަށް ކަރަންޓު ލިބޭނެ ގޮތް އަންހެނުން ވަނީ ހަދައިދީފައެވެ. 1997ގައި ރަށުގައި ހިންގަން ފެށި ޕްރީސްކޫލް މިއަދު ވެސް ކޮމިޓީއިން ދަނީ ހިންގަމުންނެވެ. ރަށުގެ ބަނދަރު ހެދުމުގައި ގިނައިން ހަރަދުކޮށްފައި އޮތީ ރަށުގެ އަންހެނުންނެވެ. އަދި ރަށު ސްކޫލްގައި ގްރޭޑް އަށެއް އުފެއްދުމަށް މަސައްކަތް ކުރީ ވެސް އަންހެނުންނެވެ. ވިހެއުމުގައި އަންހެނުންނަށް ދަތިތައް ދިމާވާތީ އަންހެނުން އިސްނެގި ނެގުމެއްގެ ސަބަބުން ސަރުކާރުން ރަށަށް ސިއްހީ މަރުކަޒެއް ދިނެވެ. އަދި ރަށުގައި މަސްތުވާ ތަކެތީގެ މައްސަލަ އަށަގަތަ ނުދިނުމަށް ޓަކައި ކޮމިޓީގެ އިމާރާތެއް ހިލޭ ސާބަހަށް ދޭނެ ކަމަށް ބުނެ ސަރުކާރަށް ޕޮލިސް ސްޓޭޝަންއެއް ގާއިމް ކުރަން ވެސް އެދި އެކަން ވެސް ކޮމިޓީއިން ކާމިޔާބު ކުރިއެވެ. މިހުރިހާ ވާހަކައެއް ކިޔައިދެމުން ތަހުމީނާ ބުންޏެވެ.

'މިރަށު އަންހެނުންނަކީ ހަމަ ފިސާރި ކަނބަލުން'

ކުރިއަށް އޮތް ތަނަށް ވެސް އެތަކެއް ތަފާތު ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް ތަހުމީނާ ބުންޏެވެ. މި މަސައްކަތް ދޫކޮށްލާ ކަހަލަ ހިޔާލެއް ނެތް ކަމަށާއި އަދި މި މަސައްކަތަށް ވަރަށް ހިތް ޖެހި ގަޔާވެފައިވާ ކަމުގައި ތަހުމީނާ އިތުރު ކޮށްލިއެވެ.

އާއިލާގެ ހިތްވަރުދިނުމާއި އެއްބާރުލުން

ތަހުމީނާގެ ކެރިއަރުގައި އާއިލާއާ ވަށައިގެން އުޅޭ ގާތް މީހުންގެ އެއްބާރުލުން ލިބޭތޯ ކުރި ސުވާލުގެ ޖަވާބުގައި ތަހުމީނާ ބުނީ މިހެންނެވެ

'ތިރީސްތިން އަހަރަކީ ކުރު މުއްދަތެއް ނޫން. ދެ ދާއިރާގައި މަސައްކަތް މި ކުރަނީ. ހެނދުނު ވަޒީފާއަށް ގޮސް، މެންދުރު ފަހު އަދި ހަވީރު އިޖްތިމާއީ ހަރަކާތް ރާވައިގެން ރޭގަނޑު ހަރަކާތް ހިންގައިގެން އުޅޭއިރު އާއިލާގެ، ފިރިމީހާގެ، މައިންބަފައިންގެ، ދަރިންގެ އެއްބާރުލުން ނުލިބޭ ނަމަ އަޅުގަނޑު ކިހިނެތް މި މަސައްކަތް ކުރާނީ'

އެންމެ ފުރަތަމަ ކިޔަވައިގެން މާލެއިން ރަށަށް އަނބުރާ އައި އިރު ބައްޕަ ހުރީ ސިއްހީ ޚިދުމަތް ދިނުމަށް ޓަކައި ކޮޓަރިއެއް ތައްޔާރުކޮށް ބޮޑު މޭޒެއް ބަހައްޓައިދީފައެވެ.

ތަހުމީނާ މިކަހަލަ ބުރަ ދިރިއުޅުމެއް އުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ މި ހުރިހާ މަސައްކަތަކަށް ވަގުތު ހުސްކުރާ އިރު ގޭގައި ނުކުރެވިފައި ހުންނަ ކަންތައް ބައެއް ފަހަރު ހުރެދާނެ ކަމަށެވެ. މިސާލަކަށް ފިރިމީހާއަށް ކާންދޭ ގަޑީގައި ނާދެވިފައި ނުވަތަ ގޭގައި ކުރަން ޖެހޭ އެހެނިހެން ކަމެއް ކުރަން ޖެހޭ ގަޑީގައި ނާދެވިދާނެއެވެ. ނަމަވެސް ދުވަހަކު ވެސް އާއިލާ އެއްވެސް މީހެއްގެ ފަރާތުން ޝަކުވާއެއް އައިސްފައި ނުވާކަމުގައި ތަހުމީނާ ބުންޏެވެ.

'ދަރިންވެސް ޝަކުވާއެއް ނުކުރާނެ. މަންމަ އުޅެނީ މިހެންކަން ގަބޫލު ކޮށްގެން ތިބޭނީ"

ދުވަހަކު ވެސް ތަނެއްގައި މަސައްކަތެއް ކުރަންވެގެން ހުއްޓާ މަންމަ ވެސް ބައްޕަ ވެސް ގުޅާފަ ނޫނީ ހޯދަން މީހަކު ފޮނުވާފައެއް ނުހުންނާނެ ކަމަށާއި ދަންވަރު ވެސް ތަހުމީނާގެ ދަރިފުޅަކު ރޯތީ ވެސް ތަހުމީނާ ހޯދަން ގޮސްފައި ނޯންނާނެކަމުގައި ތަހުމީނާ ވަރަށް އުފަލާ އެކުގައި ފާހަގަ ކުރެއެވެ.

ތަހުމީނާގެ އާއިލާ:އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ

ފިރިމީހާގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެއްބަނޑު އެއްބަފާ ކުދިންގެ ފަރާތުން ލިބޭ އެހީ ވެސް މި ފުރުސަތުގައި ތަހުމީނާ ފާހަގަ ކޮށްލިއެވެ.

ހާއްސަ ޝުކުރު

ތަހުމީނާ ބުނީ އެންމެ ކުރީއްސުރެ މިހުރިހާ ފުރުސަތެއް ތަހުމީނާއަށް ދިން ބޮޑު ދޮންބެއަށް ވަރަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށެވެ. އެއީ އޭރުގެ ރަށުގެ ކަތީބު މޫސާ ހުސެންފުޅެވެ. މިޚިދުމަތުގައި ތަހުމީނާ ދެމިހުރި ދިގު މުއްދަތަށް ބަލައިލާ އިރު ވެސް ދިމާވި ހުރިހާ ހާލަތްތަކުގައި ވެސް ބޮޑު ދޮންބެ ތަހުމީނާ އަދި ކޮމިޓީގެ ފަރާތުން ރަށަށް ލިބިފައިވާ ރަނގަޅު ކަންކަން ފާހަގަ ކޮށް މަސައްކަތުގައި ދެމިހުރުމަށް ހިތްވަރުދޭ ކަމުގައި ތަހުމީނާ ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!