ރިޕޯޓް

ކުއްލިއަކަށް މުޅި ސަރުކާރުގެ ފޯކަސް "އިންޑިއާ އައުޓް" ހުއްޓުވުމަށް!

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު ސިފަކުރެވެނީ ހަމަ އެންމެ ހޭޝްޓެގަކުންނެވެ. މުޅި ރާއްޖޭގައި މިހާރު އިންޑިއާ އައުޓެއްގެ އަޑު ގަދަވެފައިވާއިރު އިދިކޮޅާއި އެއްކޮޅުން ވެސް ދައްކަނީ މިވާހަކައެވެ. ސޯޝަލް މީޑިއާގައި މަޑުމަޑުން ފެށި ކުޑަކުޑަ ކެމްޕެއިނަކަށް ބޮޑު ސަމާލުކަމެއް ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކެމްޕެއިން ފުޅާވެގެން ދިޔައީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެވަޑައިގެންނެވުމާ އެކުގައެވެ. އޭގެ ފަހުން ރާއްޖޭގެ ރަށްތަކުގައި ވެސް އިންޑިއާ އައުޓު ގޮވާ އަޑު މިވަނީ ގަދަވާން ފަށައިފައެވެ.

Ads by STELCO

އިންޑިއާ ސިފައިން އެބަތިބި

އިންޑިއާ ސަރުކާރާ އެކު ރާއްޖެއިން ގާއިމްކޮށްގެން އުޅޭ ދިފާއީ އެއްބަސްވުންތަކަކާ ގުޅިގެން އިދިކޮޅުން ގެންދިޔައީ ފެށުނީއްސުރެ ވެސް ސުވާލު އުފައްދަމުންނެވެ. އެގޮތުން އުތުރުތިލަފަޅު ތަރައްގީކުރުމުގެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިން ރާއްޖޭގައި ދިގު މުއްދަތަކަށް ގާއިމްވެ ތިބުމުގެ ހުއްދަ ދިވެހި ސަރުކާރުން ދީފައިވާކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އަނެއްކޮޅުން ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޗާޓު އިންޑިއާ ސިފައިންނަށްދިންކަމަށް ވެސް ތުހުމަތު ކުރެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމާ މެދު އެތައް ފަހަރެއްގެ މަތިން ސަރުކާރާ ސުވާލު ކުރެވުނެވެ. ޑިފެންސް މިނިސްޓްރީން އެކަމަށް ޖަވާބު ދެމުން ގެންދިޔައީ އެކި ފަހަރު އެކި ގޮތަށެވެ. އެންމެ ފަހުން ބުނީ އިންޑިއާގެ 75 ސިފައިން ރާއްޖޭގައި ތިބި ކަމަށެވެ. އެހެން ނަމަވެސް އެއީ ހަނގުރާމަމަތީ ސިފައިން ނޫންކަމަށް ސަރުކާރުން ބުންޏެވެ. އެކި ފަހަރު އެކި ގޮތްގޮތަށް ވާހަކަތައް ބަދަލުވަމުން އައިސް ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭކަން ސަރުކާރުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ސަރުކާރުގެ ރައްދު ދެކޮޅު ނުޖެހޭ

އިންޑިއާ އައުޓު ކެމްޕެއިންގެ ފޯރި ގަދަވަމުން ދާއިރު ސަރުކާރުން ދަނީ ދިފާއުގައި ކެމްޕެއިނެއް ފަށައިފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މި މައުޟޫއަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އިދިކޮޅުން ޖަޒުބާތުގައި ޖެހިގެން އުޅެނީ 2018ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް އިންޑިއާއިން ތަކުރާރުކޮށް ގޮވައިލުމުން ކަމަށެވެ. މަބުރޫކު ވިދާޅުވީ އޭރު ދިވެހި ސަރުކާރުން ދިޔައީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ ހިލާފުވަމުން ކަމަށެވެ. އެހެންކަމުން އެއީ ދާހިލީ ކަމެއްކަމަށް ނުދެންނެވޭނެކަމަށް ވެސް މަބުރޫކު ވިދާޅުވިއެވެ. އެހެން ނަމަވެސް އިންޑިއާ ސަރުކާރުން އެގައުމުގެ ކަޝްމީރުގައި ދިރިއުޅޭ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ދުވަހަކުވެސް އަޑު އުފުލައިފައެއް ނުވެއެވެ. ސަރުކާރުން ބުނަނީ އެއީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށެވެ. ދިވެހި ސަރުކާރަށް އެކަން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ ހިލާފެއް ވެސް ނުވިއެވެ.

އޭގެ ފަހުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް އިންޑިއާ އައުޓު ކެމްޕެއިނާ ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ. ވިދާޅުވީ އިންޑިއާ ސިފައިންގެ ޔުނީފޯމު އަޅައިގެން ބަޔަކު ތިއްބަސް އެއީ މިލިޓަރީ ޕްރެޒެންސް ކަމަށް ނުދެންނެވޭނެ ކަމަށެވެ. އިދިކޮޅުން ކެމްޕެއިން ކުރިއަށް ގެންދަނީ މުޅިން އެހެން ބޭނުމެއްގައި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށްކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންޑިއާ އައުޓު ކިޔަން އަދި ކެމްޕެއިން ކުރަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިދިކޮޅަށް ދީފައެވެ.

ރައީސް ނަޝީދާއި އެމްޑީޕީން އިންޑިއާ އައުޓް ޕްރޮމޯޓު ކުރަނީ

ރައްޔިތުންގެ މަޖިލިސް ކަމަށް ވިޔަސް އެމްޑީޕީގެ ބައްދަލުވުމެއް ވިޔަސް އަދި އެޕާޓީގެ ވަޓްސް އެޕް ގްރޫޕެއް ކަމަށް ވިޔަސް މިހާރު ދައްކަނީ އިންޑިއާ އައުޓު ކެމްޕެއިންގެ ވާހަކައެވެ. ދާދި ފަހުން އެމްޑީޕީން ބޭއްވި މާލެ ސިޓީގެ ބައްދަލުވުމުގައި ބޯހިޔާވަހިކަމުގެ މައުޟޫއަށް ވާހަކަ ދެއްކުމަށް އޮތް ނަމަވެސް އެ ބައްދަލުވުމުގައި ހުރިހާ މެމްބަރުން ވެސް ދެއްކެވީ އިންޑިއާ އައުޓު ކެމްޕެއިންގެ ވާހަކައެވެ. ގަރާރު ވެސް ހުށަހެޅީ އިންޑިއާ އައުޓު ކެމްޕެއިން ހުއްޓުވުމާ ގުޅޭ ގޮތުންނެވެ.

ރައީސް ނަޝީދަށް ވެސް ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި އިންޑިއާ އައުޓުގެ ވާހަކަ ދައްކަވައެވެ. އެފަދައިން ނުގޮވޭނެ ކަމަށާއި ރައީސް ޔާމީން ތުރުކުރެއްވި ޓީޝާޓަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ވެސް ރައީސް ނަޝީދު ގޮވައިލެއްވިއެވެ. ހަގީގަތުގައި މިއިން ކޮންމެ ވާހަކައަކާ ގުޅިގެން ލިބެނީ އިންޑިއާ އައުޓު ކެމްޕެއިނަށް ބޮޑު ޕްރޮމޯޝަނެކެވެ. މިހާރު ކޮންމެ ޓީވީއެއްގައި ކޮންމެ އޮންލައިން ނޫހެއްގައި ވެސް އޮންނަނީ އިންޑިއާ އައުޓް ކެމްޕެއިންގެ ވާހަކައެވެ.

އިދިކޮޅުގެ ކެމްޕެއިން މެކުހަށް

އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓު ކެމްޕެއިން މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން މިހާރު އިންޑިއާ އައުޓު ޕެޓިޝަންގައި އޮންލައިންކޮށް ވެސް ސޮއިކުރެވެއެވެ. އަނެއްކޮޅުން ކުރިން މާލޭގައި އެކަނި ކުރިއަށް ގެންދިޔަ މުޒާހަރާ މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ. ކޮންމެ ހަފްތާއަކު އިދިކޮޅު ލީޑަރު ރައީސް ޔާމީން ގެންދަވަނީ ރާއްޖެތެރޭގެ ރަށަކަށް ދަތުރުކުރައްވައި ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. މިއާއެކު އިދިކޮޅުގެ ހަރަކާތާ ގުޅޭ ރައްޔިތުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ކެމްޕެއިން ހަރަކާތްތައް ވެސް ދަނީ ރަށްރަށުގައި އިތުރުވަމުންނެވެ.

އިދިކޮޅުން ބުނާ ގޮތުގައި ރައީސް ޔާމީނާ އެކު ފެއްޓެވި އިންޑިއާ އައުޓު ހަރަކާތް ހުއްޓާނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ފަހުއެވެ. މިސަރުކާރުގައި އިންޑިއާ ސިފައިން ބޭރު ނުކުރެވިއްޖެ ނަމަ 2023ވަނަ އަހަރު ވެރިކަން ބަދަލުކޮށް އިންޑިއާ ސިފައިން ރާއްޖެއިން ބައިލާނެކަމަށް އިދިކޮޅުން ބުނެއެވެ.

ވަޒީރުންގެ ޒިންމާ އަދާނުކުރާކަމުގެ ކަންބޮޑުވުން

މިހާރު އުފެދިގެން މިއުޅޭ މިހާލަތުގައި އެންމެ މުހިންމު ކަމަކަށް ވާންޖެހޭނީ އިންޑިއާ އެއްބަސްވުންތަކުގެ ހަގީގަތް ހާމަކުރުމެވެ. ނުވަތަ އެ އެއްބަސްވުންތައް ރައްޔިތުންނަށް ދެއްކުމެވެ. ދެގައުމެއްގެ ދެމެދުގައިވާ ގުޅުން ދެފުށް ފެންނާނެހެން ސާފުކޮށްދިނުމަކީ ސަރުކާރުން އުފުލަން ޖެހޭނެ މުހިންމު މަސްއޫލިއްޔަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ކޮންމެ ދާއިރާއަކަށް ވުޒާރާއެއް އުފެއްދެވިއެވެ. އަދި އެއިން ކޮންމެ ވުޒާރާއަކަށް ވަޒީރަކު ވެސް އައްޔަން ކުރެއްވިއެވެ. އެހެންކަމުން އެ ދާއިރާއެއްގެ މަސްއޫލިއްޔަތުތައް ވަޒީރު އުފުއްލަވަން ޖެހިވަޑައިގަންނަވައެވެ. އިންޑިއާއާ ބެހޭ ގޮތުން ރާއްޖޭގައި މިހާރު ފަތުރަމުން ގެންދާ ވާހަކަތަކާ ގުޅިގެން ޒިންމާ ނަންގަވަން ޖެހޭ ދެ ވަޒީރުން ވެސް ތިއްބެވީ ހަމަހިމޭނުންނެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މިމައްސަލައިގައި ހިމޭނުން ތިއްބެވުމަކީ އޭގެ ސަބަބުން މުޅި ސަރުކާރަށް ވަރަށް ބޮޑު ޑެމޭޖެއް އައިސްދާނެ ކަމެއްކަމަށް ބެލެވެއެވެ.

ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން އުފެދިފައިވާ މިފަދަ ހައްސާސީ މައްސަލައެއްގައި އެންމެ މުހިންމު ކަމަކަށް ވާންވާނީ ދެފުށް ފެންނާނެހެން އެކަން ހާމަކުރުމެވެ. ވީއިރު ދިފާއީ ދާއިރާއިން ހެދިފައިވާ އެއްބަސްވުމެއް ރައްޔިތުންނަށް ހާމަކޮށްނުދެވިގެން އުޅޭ ސަބަބު ސާފުކޮށް ނުދެވޭކަމީ އޮތް ބޮޑު ކަންބޮޑުވުމެކެވެ. ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި އިންޑިއާ އެއްބަސްވުންތައް ހާމަކުރި ނަމަވެސް އެކޮމިޓީން ވެސް ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމަށް މާގިނަ މަސައްކަތްތަކެއް ކޮށްފައި ނުވާކަމީ ވެސް އޮތް ކަންބޮޑުވުމެކެވެ.

މީގެ އިތުރުން ހާރިޖީ ގުޅުމެއް މުޅިންހެން ހަލާކުވެގެން ދާއިރު އެންމެ ކުޑަމިނުން ހާރިޖީ ވަޒީރު ރާއްޖޭގައި ނުހުންނެވުމަކީ ވެސް ގިނަ ރައްޔިތުންގެ ނަޒަރުގައި ކަންބޮޑުވުމެކެވެ. އުސޫލެއްގެ ގޮތުން ބަލާނަމަ މިހާރު އުފެދިގެން މިއުޅޭ ދާހިލީ ހަނގުރާމަ ފިނިކުރުމުގައި ފޮރިން މިނިސްޓަރުގެ ދައުރު ބޮޑުއިރު، އެކަމަށް ޓަކައި މަސައްކަތްތަކެއް ނުކުރެވުމަކީ ސަރުކާރުގެ ބަލި ފައިކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!