ރިޕޯޓް

ހެޔޮ ނުވާނެ! ތިހެން ނުކިޔަބަލަ!

ދެން އެމްވީ ، ދެން އޮންލައިން

''ބިޓު މެސެޖުކޮށްފައި އިނީ ދެން އެއްކޮށް އުޅޭކަން ބޭނުމެއް ނޫނޯ ، މަ އެގަޑީގަ ކަޑަވެގެން އަތުގައި އިން ފޯނު ހޫރުވާލެވުނީ''

Ads by STELCO

އަޅެ ހެޔޮ ނުވާނެއެވެ. ތިހެން ނުކިޔަބަލާށެވެ. ބޮލަށް ވެސް އުނދަގޫ ވޭ ނޫން ހެއްޔެވެ؟ އަޅުގަނޑުމެންގެ މާދަރީ ބަސް ، ދިވެހި ބަހަކީ ފުރިހަމަ ބަހެކެވެ. ރީތި ބަހެކެވެ. ގިނަބަސްތަކުގައި ނުހުންނަ ރީތި ކަމެއް ކަމުގައިވާ ބަހުގެ އެކި ދަރަޖަތައް އެބަހުއްޓެވެ. ޅެންވެރިކަމުގެ އެކި ޒާތުތައް އެބަހުއްޓެވެ. ރައިވަރާ ބަންޖާއި، ކާ ފަރިހި ފަދަ އެތައް ވައްތަރަކެވެ. ކޮންމެ ވައްތަރެއްގައި ވެސް ތަފާތު ރީތި ކަމެއް އެބަހުއްޓެވެ. ހަމަ އެފަދައިން ހުރުން ، އިނުން އަދި އޮތުން ބޭނުން ކުރެވޭ ފުރިހަމަ ޤަވާޢިދެއް އެބައޮތެވެ. ތަފްސީލަށް ބަލާލަމާ ހެއްޔެވެ؟

''ހުރުން'' ބޭނުން ކުރާ އެއް ހާލަތަކީ އެއްބާވަތެއްގެ ގިނަތަކެތި އެއްކޮށް ހުންނަ އިރުގައެވެ. މިސާލަކަށް މާތައް ހުރީ ފޮޅި ފަރިވެފައެވެ. ''ހުރުން'' ބޭނުން ކުރާ އިތުރު ހާލަތްތައް މިސާލާއެކު ބަޔާން ކޮށްލަމެވެ.

  • ރަށެއްގައި ނުވަތަ ގެއެއްގައި އުޅޭ އެންމެ ފިރިހެނަކަށް ނިޞްބަތް ކުރާއިރު: މުޙައްމަދު ހުރީ މާލޭގައެވެ.
  • އެތައް ބާވަތެއްގެ ގިނަ ތަކެތި އެއްކުރުމުން : ނުދޮވެ ހުރި އޫތަކާއި ސަމުސާތައް މޭޒުމަތީ އެބަހުއްޓެވެ.
  • އޭގެ ޒާތުގައި ނުވަތަ އަމިއްލަ ބާރުގައި ހުންނަ ތަކެއްޗަށް: ގަޑި ހުރީ ފާރުގައެވެ. ތެލި ހުރީ އުނދުން މަތީގައެވެ.
  • އިންސާނުންގެ ކިބައިގައި ހުންނަ މަޢުނަވީ ސިފަތަކަށް: ހެޔޮލަފާ ކުދިންގެ ކިބައިގައި ކިޔަމަންތެރިކަމުގެ ސިފަ ހުންނާނެއެވެ.
  • އިންސާނުން އަދި ހަތަރެސްފައި ހުންނަ ދިރޭ ތަކެތި ދެފައި މަތީގައި ވާ ޙާލަތުގައި: ބަކަރި ހުރީ ގަހަށް މުޑި ނަގައިގެންނެވެ.

އިނުން ބޭނުން ކުރާ ހާލަތްތައް:

  • ރަށެއްގައި ނުވަތަ ގެއެއްގައި އުޅޭ އެންމެ އަންހެނަކަށް ނިޞްބަތް ކުރާއިރު:ދޮންތަ އިންނަނީ ކޮޅުނބުގައެވެ.
  • އިންސާނުން ފިޔަވައި ދެފައި ހުންނަ ދިރޭއެއްޗިއްސަށް: ކޮތަރު އިނީ ކޮށީގައެވެ.
  • ހަތަރުފަޔަށްވުރެ ގިނަފައި ހުންނަ ދިރޭއެއްޗިއްސަށް: ގަމީހުގައި ކުރަތްޕެއް އެބަ އިނެވެ.
  • މީހުންނާ ކައިވެނި ކުރުމަށް: ޢަބްދުﷲ އިނީ ޚަދީޖާއާއެވެ.
  • އަންހެނުން މާބަނޑު ވުމުން: އާމިނަތު އިނީ ބަލިވެއެވެ.
  • ގަސްގަހުގައި އަޅާ ތަކެތީގެ ތެރެއިން އެންމެ އެއްޗެއް ގަހުން ވަކި ނުވެ އިންނައިރު:ގަހުގައި ފޮޅިފައި އިން ފިނިފެންމާ ހާދަ ރީއްޗެވެ.

އޮތުން ބޭނުން ކުރެވޭ ގޮތްތައް:

  • އަނެކައްޗެއްގެ ބާރުގައި އޮވެވޭ ތަކެއްޗަށް: މުޙައްމަދުގެ އަތުކުރީ ރީތި ގަޑިއެއް އެބައޮތެވެ.
  • ދިރޭ ތަކެތީގެ ތެރެއިން ފައި ނުހުންނަ ތަކެއްޗަށް: ފާރުގައި އޮތީ ދުވެދުވެ އޮތް ނަންނުގައްޗެކެވެ.
  • ދިރޭ ތަކެތީގެ ތެރެއިން ހަތަރުފައި ހުންނަ ތަކެއްޗަށް:ބުޅާ އޮތީ މީދަލަށް ފާރަ ލައިގެންނެވެ.
  • ގަހުން ވަކިކުރެވިފައިވާ ތަކެތީގެ ތެރެއިން އެކައްޗަށް: ފޭރު އޮތީ ފީވެ ހަލާކުވެފައެވެ.
  • ތަންތަނުގައި އޮށޯވެގެން ނުވަތަ ގުދުވެގެން ތިބުމަށް:ޙަސަންބެ އޮތީ ޖޯލީގައެވެ.

ހުރުން، އިނުން ، އޮތުންގެ ޤަވާޢިދަކީ އުނދަގޫ ޤަވާޢިދެއް ނޫނެވެ. ޢާއްމުކޮށް އެންމެން ވެސް ދަންނަ އެއްޗެކެވެ. ވީމާ، ހުރުން ، އިނުން ، އޮތުން ފެޝަންކޮށް ނުލައްވާށެވެ! ''ސޭޓޫ! މި ހަރުގައި މިއިން ސެންޓް ފުޅި ދީބަލަ!'' އެއް ނޫނެވެ. ސެންޓް ފުޅިއަކީ އޭގެ ޒާތުގައި ހުންނަ އެއްޗެކެވެ. ވީމާ ހުންނާނީ އެވެ. އަޙުމަދު މިފަހަރު ހުޅުމާލޭގައި ''ހުރީ'' އެވެ. އޭނާ ޖޯލި ފައްޗެއްގައި އިށީނދެ ''އިނީ''އެވެ. އިރުކޮޅަކުން ތެދުވެލާފައި ދެން ގުދަށް ''އޮތީ''އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!