ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 27،000އަށް ވުރެ މައްޗަށް!

ރާއްޖޭގައި ވެސް ފެތުރެމުން އަންނަ ކޮވިޑް-19ގެ އާލަމީ ވަބާއިން ސަލާމަތްވުމަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 27،000އިން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް 396،916 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެއެވެ. އަދި 367،950 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ތިންވަނަ ޑޯޒް (ބޫސްޓާ ޑޯޒް) އެޗްޕީއޭ އިން ޖަހަން ފަށައިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެނެވެ. އެއީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ބޫސްޓާ ޑޯޒް ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުނަށެވެ.