ޚަބަރު

ވެލާނާ އެއާޕޯޓުގެ އައު ވީއައިޕީ ޓާމިނަލުން ހިދުމަތްދޭން ފަށައިފި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ވީއައިޕީ/ސީއައިޕީ ޓާމިނަލް ބޭނުން ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

އެމްއޭސީއެލްއިން ވިދާޅުވީ، މި ޓާމިނަލް މިއަދު ހެނދުނު 6:00 ގައި ބޭނުންކުރަން ފަށައިފައިވާ ކަމަށެވެ. މިއީ އެއްފަހަރާ 95 މީހުންނަށް ޚިދުމަތް ދެވޭ ގޮތަށް ހަދައިފައިވާ ޓާމިނަލްއެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހަދަން ފެށި މި އިމާރާތަކީ ހަތަރު ބުރީގެ އިމާރާތެކެވެ. މި އިމާރާތުގެ  އެންމެ ތިރީ ބުރިން ހިދުމަތް ދޭނީ ވީވީއައިޕީ ނުވަތަ ގައުމުގެ އެންމެ އިސްވެރިންނަށެވެ. ފުރަތަމަބުރިއާއި ދެވަނަބުރިން ދޭނީ ވީއައިޕީ އަދި ސީއައިޕީގެ ހިދުމަތެވެ. އަދި ހަތަރުވަނަ ބުރި ޚާއްސަ ކުރެވިފައިވަނީ އިދާރީ މަސައްކަތްތަކަށެވެ.

މި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ވީއައިޕީ ޓާމިނަލުން އެއް ފަހަރާ ހިދުމަތް ދެވެނީ 65 މީހުންނަށެވެ. އައު ވީއައިޕީ ޓާމިނަލް ބޭނުން ކުރަންފެށުމުން މިވަގުތު ބޭނުން ކުރަމުން އަންނަ ވީއައިޕީ ޓާމިނަލް ތަޅައިލުމަށް ފަހު އެ ތަނުގައި ވެސް އައު ވީއައިޕީ ޓާމިނަލް ވަރުގެ އިތުރު ޓާމިނަލެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކުރީގެ އަކުއާ ރެސްޓޯރަންޓް ހުރި ތަނުގައި މޫދު ފެންނަ ގޮތަށް ހަތަރު ބުރިއަށް ހެދި އައު ވީއައިޕީ އިމާރާތުގައި ޗެކިން ކުރެވޭނެ ފެސިލިޓީއާއި ކެއުންބުއިމުގެ ހިދުމަތްތަކާއި ފާޚާނައިގެ އިތުރުން ފެން ވެރޭނެ ގޮތާއި ދެ ޖިންސަށް ވަކިން ނަމާދު ކުރެވޭނެ ގޮތްތައް ވެސް ހުންނާނެއެވެ.

ގާތްގަނޑަކަށް 2،000 އަކަފޫޓުގެ މި އިމާރާތުން މިވަގުތު ހިދުމަތްދެނީ އެއް ޕްރައިވެޓް ލޯންޖާ އެކުއެވެ. މި އިމާރާތުގައި ތިން ޕްރައިވެޓް ލޯންޖު ހަދައިފައިވެއެވެ.

ވެލާނާ އެއާޕޯޓު ތަރައްގީކުރަން ހިންގާ މަޝްރޫތަކަށް އެއް ބިލިއަން ޑޮލަރު ހޭދަވާނެއެވެ. އެ މަޝްރޫއުގެ ދަށުން އައު ރަންވޭއާއި އައު ކާގޯ ކޮމްޕްލެކްސްއާއި ފިއުލްފާމާއި ފަސިންޖަރު ޓާމިނަލަކާއި ސީ ޕްލޭން ޓާމިނަލް ވެސް ހަދާނެއެވެ. މި ހުރިހާ މަސައްކަތެއް ނިމި ހިދުމަތް ދޭން ފެށުމުން އެއާޕޯޓުގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުވެގެންދާނެއެވެ. އަދި ހިދުމަތް ދިނުމުގައި މިހާރު ދިމާވާ ލަސްތަކަށް ނިމުމެއް ގެނެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!