ކޮވިޑަށް ޓެސްޓުކުރަނިކޮށް ކުޑަކުއްޖެއްގެ ނޭފަތުން ލޭއައި މައްސަލަ އެޗްޕީއޭއިން ބަލަނީ
ކޮވިޑަށް ޓެސްޓުކުރަން ސުންކު ނެގި ކުޑަ ކުއްޖެއްގެ ނޭފަތުން ލޭ އައި މައްސަލަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބަލަމުން އަންނަކަމަށް އެއޭޖެންސީން ބުނެފިއެވެ.
އެ ކުއްޖާ ކޮވިޑަށް ޓެސްޓު ކުރީ މާލޭގެ ސޯޝަލް ސެންޓަރުންނެވެ. އެކުއްޖާގެ މަންމަ ވަނީ ފޮޓޯއާ އެކު ކަން ހިނގާ ދިޔަގޮތް ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އެގޮތުން އޭނާ ބުނީ ކުއްޖާގެ ނޭފަތުން ލޭ އައިސް މާސްކާއި މޫނު މަތީގައި ހޭކިފައި ހުރިތަން ފެނުނީ ސުންކު ނަގައިގެން ގެއަށް އައި ފަހުން ކަމަށެވެ. އެކުއްޖާގެ އުމުރަކީ ހަ އަހަރެވެ.
ނޭފަތުން ލޭ އަންނާތީ އެކުއްޖާ ޑޮކްޓަރަށް ދެއްކި ކަމަށާއި އެއީ ސުންކު ނެގި އިރު ޓެސްޓު ކުރަން ބޭނުންކުރާ ކަފަބުރު މާ އެތެރެއަށް ކޮއްޕާލުމުން ލިބުނު އަނިޔާއެއްކަމަށް ޑޮކްޓަރު ބުނިކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. އޭނާ ބުނި ގޮތުގައި ކުއްޖާގެ ނޭފަތުން ލޭ މަނާ ނުވެ ގިނަ ވަގުތުތަކެއް ހޭދަވިއެވެ.
މިކަމާ ގުޅިގެން އެޗްޕީއޭގައި ސުވާލު ދެންނެވުމުން އެއޭޖެންސީން ބުނީ އެ މައްސަލަ މިހާރު އެޗްޕީއޭއިން ބަލަމުން އަންނަ ކަމަށެވެ. އަދި އެފަދަ ކޮންމެ މައްސަލައެއް ފެންމަތިވި ނަމަވެސް އެޗްޕީއޭއިން އެކަމެއް ބަލާނެ ކަމަށާއި، އެ އުސޫލުގެ ދަށުން އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް އެ އޭޖެންސީން ބުންޏެވެ.
މިމައްސަލައިގައި މިހައިތަނަށް އެއްވެސް ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެއެވެ.