އެމްޔޫ ސްޓޯރުން ވިއްކި ޕާސްތާ ސޯސްގައި އޫރުމަސް ހިމެނޭތީ ވިއްކުން ހުއްޓައިލައިފި

އެކި ބާވަތުގެ ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށް މާކެޓް ކުރަމުން އަންނަ އެމްޔޫ ސްޓޯރުން ވިއްކި ޕާސްތާ ސޯސްއެއްގައި އޫރުމަސް ހިމެނޭތީ، އެ ބާވަތުގެ ޕާސްތާ ސޯސް ވިއްކުން ހުއްޓައިލައިފިއެވެ.
މިކަމާ ގުޅޭ ގޮތުން އެ ސްޓޯރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ކެމްޕާގްނާ" ބްރޭންޑުގެ ޕާސްތާ ބޮލޮނައިޒް ސޯސްގައި ހަލާލު ނޫން މާއްދާއެއް ބޭނުންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުމާ އެކު އެ ވިއްކުން ހުއްޓައިލައިފައިވާ ކަމަށެވެ.
ހަލާލު ނޫން މާއްދާއެއް އެކުލެވޭ އެ ބާވަތުގެ ޕާސްތާ ސޯސް އެމްޔޫ ސްޓޯރުން ގަނެފައިވާ ރީޓެއިލަރުންނަށް ވެސް މިކަން އަންގައި، އެ ބާވަތުގެ ސޯސް ވިއްކުން ހުއްޓައިލާން އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެމްޔޫ ސްޓޯރުން ބުނީ އެ ބާވަތުގެ ސޯސް ގަނެފައިވާ ރީޓެއިލަރުންނަށް ރީފަންޑު ކޮށްދިނުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
އޫރުމަސް އެކުލެވޭ އެ ބާވަތުގެ ޕާސްތާ ސޯސް ގަތް މީހުންގެ ކިބައިން އެމްޔޫ ސްޓޯރުން ވަނީ މާފަށް އެދިފައެވެ.