މަޝްހޫރު ލަވަކިޔުންތެރިޔާ ޑެސްމަންޑް ޑި ސިލްވާ މަރުވެއްޖެ

ބައިލާ މިއުޒިކުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ސްރީލަންކާގެ ލަވަކިއުންތެރިއާ ޑެސްމަންޑް ޑި ސިލްވާ މަރުވެއްޖެއެވެ.
އޭނާ މަރުވީ އުމުރުން 77 އަހަރުގައި އޮސްޓްރޭލިއާގައެވެ.
ލަންކާގެ ނޫސްތަކުން ބުނެފައި ވަނީ އޭނާގެ ކުއްލި މަރުގެ އަޑު އިވުމުން ބެލުންތެރިން ވަރަށް މާޔޫސްވިކަމަށެވެ.
ޑެސްމަންޑް ޑި ސިލްވާ އުފަންވެފައި ވަނީ 1944ގައި ލަންކާގެ ދެކުނުގެ ރަށެއް ކަމުގައިވާ މަތާރާގައެވެ. ފަސްދޮޅަހުގެ އަހަރުތަކުގައި ނަން ވިދާލި މި ކުޅަދާނަލަވަކިއުންތެރިޔާއަކީ އޭނާގެ މިއުޒިކް ބޭންޑުތަކުގައި ލީޑް ވޯކަލިސްޓެވެ.
ޑެސްމަންޑް ވަނީ 1976ގައި އޭނާގެ އަމިއްލަ ބޭންޑެއް އުފައްދައިފައެވެ. އެ ބޭންޑްގެ ނަމަކީ "ޑެސްމަންޑް އެންޑް ދަ ކްލޭން"އެވެ. އެ ބޭންޑާ އެކު އޭނާ ވަނީ ވަރަށް ގިނަ ގައުމުތަކުގައި މިއުޒިކް ކުޅެފައެވެ. އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޗޫދާ މަނިކެ"އާއި "މަންމަނޯ" ފަދަ ލަވަތައް ހިމެނެއެވެ.
އޭނާ ވަނީ ރާއްޖޭގައި ވެސް ޝޯވ ކުޅެފައެވެ.މީގެ އިތުރުން އިނގިރޭސިވިލާތާއި އެމެރިކާގެ ބައެއް ސިޓީތަކާއި އޯކްލޭންޑް، ދުބާއި، ބަހުރައިން، ނިއު ދިއްލީ، ސިންގަޕޫރު އަދި އޮސްޓްރޭލިއާގެ މެލްބަންގައި އޭނާ ވަނީ ޕާފޯމް ކޮށްފައެވެ.
އޭނާ އޮސްޓްރޭލިއާގެ މެލްބަންގައި ދިރިއުޅޭތާ މިހާރު އެތައް އަހަރުތަކެއް ވެއްޖެއެވެ.