ކޮވިޑުން ރައްކާތެރިވުމަށް އެންމެ ރަނގަޅީ އެން95 މާސްކް
ދުނިޔޭގެއެކި ކަނކޮޅުތަކުގައި ކޮވިޑް-19ގެ އައު ވޭރިއަންޓު، އޮމިކްރޮން ވޭރިއަންޓު ފެތުރެމުން ދާއިރު މި ބަަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ގިނައެވެ.
ކޮވިޑުގެ އައު ރާޅާކާ ދުނިޔެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި މި ބަލިން ރައްކާތެރިވުމަށް އެޅުމަށް އެންމެ ރަނގަޅީ ކޮންކަހަލަ މާސްކެއްތޯ ކުރާ ބަހުސް ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ސައިންސްވެރިން މިހާރު ދިރާސާ ކުރަމުންދަނީ މި ބަލިން އެންމެ ބޮޑަށް ރައްކާތެރިވެވޭނީ ކޮންވައްތަރެއްގެ މާސްކެއް އެޅުމުންތޯއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ފޮތި މާސްކުން ކޮވިޑް-19އިން ރައްކާވުމަށް އެކަށީގެންވާ ރައްކާތެރިކަން ނުލިބެއެވެ.
ވަރަށް ގިނަ މީހުން ރީތި އެތައް ޑިޒައިނަކަށް މިހާރު ވެސް ދަނީ ފޮތި މާސްކު ފަރުމާކުރަމުންނެވެ. އަދި ގިނަ މީހުން މި މާސްކް އަޅާ ސަބަބަކީ ފޮތި މާސްކު އަޅަން ފަސޭހަވެފައި އަދި ޒަމާނާ އެއްގޮތައް ހަދައިފައިވާ ފޮތި މާސްކު ލިބޭތީއެވެ. ކުޑަކޮށް އުނދަގޫކަމެއް ހުއްޓަސް އަނެއް ބައި މީހުން އަޅަނީ އެން95 މާސްކާއި އެ ނޫން ވައްތަރުތަކުގެ ޑިސްޕޮސިބަލް މާސްކްތަކެވެ. އެއީ އޭގެން ލިބޭ ރައްކާތެރިކަން އިތުރުކަމަށް ދެކޭތީއެވެ.
ކޮވިޑުން އެންމެ ބޮޑަށް ރައްކާތެރި ވެވެނީ ކޮން ކަހަލަ މާސްކަކުންތޯ ސައިންސްވެރިން ދިރާސާތައް ހަދަމުންދާއިރު އެންމެ ފަހުގެ ދިރާސާއިން ބުނަނީ ފޮތި މާސްކުން އެކަށީގެންވާ ރައްކާތެރިކަން ނުލިބޭ ކަމަށެވެ. ފޮތި މާސްކް އަޅާތާ ފުރަތަމަ 20 މިނިޓް ތެރޭ އޭގެން ރައްކާތެރިކަން ލިބުނަސް އޭގެ ފަހުން ރައްކާތެރިކަން ނުލިބޭކަމަށާއި 20 މިނިޓް ފަހުން ފޮތި މާސްކް ފޫއަޅުވައިލައިފައި ވައިރަސް އެމީހާގެ ހަށިގަނޑަށް ވަނުމުގެ ފުރުސަތު ބޮޑުކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.
ތަޖުރިބާކާރުންނާއި ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި ކޮރޯނާވައިރަހުން ސަލާމަތްވުމަށް އެންމެ ބޮޑު ރައްކާތެރިކަމެއް ލިބެނީ އެން95 މާސްކުންނެވެ. ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ބުނާ ގޮތުގައި ބަލި ޖެހިފައިވާ މީހަކު މާސްކް ނާޅާ އާއްމުންގެ ތެރެއަށް ނުކުމެއްޖެނަމަ އޭނާއާ ހަ ފޫޓު ކައިރީގައި ތިބި ގިނަ ބަޔަކަށް 15 މިނިޓް ތެރޭގައި ބަލި ޖެހުން އެކަށީގެންވެ އެވެ.
ބަލި ޖެހިފައިވާ މީހާއާއި އޭނާއާ ކައިރީގައި ތިބި މީހުން ތިބީ ފޮތި މާސްކް އަޅައިގެން ނަމަ ބަލި ނުޖެހި ހުރި މީހާއަށް ބަލި ޖެހުމުގެ ފުރުސަތު އޮންނަނީ 27 މިނިޓް ތެރޭގައެވެ. ބަލި ޖެހިފައިވާ މީހާ މާސްކް ނާޅާ ހުރި ނަމަ އަދި އޭނާ ކައިރީގައި ހުރި މީހާ ފޮތި މާސްކެއް އަޅައިގެން ހުރި ނަމަ 20 މިނިޓް ތެރޭގައި އޭނާއަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
އަދި ބަލި ޖެހިފައިވާ މީހާ މާސްކް ނާޅާ ހުރެފައި އޭނާއާ ކައިރިއަށް އާދެވޭ މީހާ ހުރީ ސާޖިކަލް މާސްކެއް އަޅައިގެން ނަމަ އޭނާގެ ގަޔަށް ބަލި ޓްރާންސްމިޓްވާން 30 މިނިޓެއްހާއިރު ނަގާނެއެވެ. އަނެއްކޮޅުން ބަލި ޖެހިފައިވާ މީހާއާއި ނުޖެހޭ މީހާ ވެސް ތިބީ އެން95 މާސްކް އަޅައިގެން ނަމަ ބަލި ޖެހިފައިވާ މީހާގެ ގައިން ބަލި ނުޖެހޭ މީހާގެ ގަޔަށް ބަލި އަރަން 25 ގަޑިއިރު ނަގައެވެ.
އެމެރިކަން ކޮންފަރެންސް އޮފް ގަވަންމެންޓަލް އިންޑަސްޓްރިއަލް ހައިޖީނިސްޓްސް (އޭސީޖީއައިއެއްޗް)އިން އިރުޝާދު ދޭ ގޮތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ބަލި ޖެހިފައިވާ މީހުން އަބަދުވެސް އެން-95 މާސްކް އަޅައިގެން އުޅުމެވެ. ބަލި ޖެހިފައިވާ މީހުންގެ ޚިދުމަތުގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުންނަށް މި މާސްކުން 100 ޕަސެންޓް ރައްކާތެރިކަން ނުލިބުނަސް އެމީހުންނަށް ވެސް މި މާސްކް އަޅައިގެން އުޅޭ ނަމަ ބަލި ޖެހޭ މިންވަރު މަދުވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
އޭސީޖީއައިއެޗުން ބުނި ގޮތުގައި ފޮތި މާސްކް ބޭނުން ކުރެވޭނީ ހަމައެކަނި ހިޔާކޮށްފައިވާ ތަންތަނުގައި އެހެން މީހުންނާ ދުރުގައި އުޅޭ ވަގުތުތަކުގައެވެ. އެއީ އެއްވެސް ގޮތަކުން އެމީހާއަށް ވައިރަސް ވާސިލުނުވާނެކަން ޔަގީންކުރުމަށް މިފަދަ ތަންތާނގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. ބޭރު ތެރެއަށް ނުކުންނައިރު އަދި މީހުން ގިނައިން އުޅޭ ހިސާބުތަކަށް ދާއިރު ފޮތި މާސްކް އެޅުން ބުއްދިވެރި ނޫންކަމަށް އެ ފަރާތުން އިރުޝާދު ދީފައި ވެއެވެ.
އެން95 މާސްކަށް ފަހު ދެން އެންމެ ބޮޑަށް ރައްކާތެރިކަން ފޯރުކޮށްދެނީ ސާޖިކަލް މާސްކުންނެވެ. ސައިންސްވެރިން އިރުޝާދުދެނީ ފޮތި މާސްކް އަޅަން ކޮންމެހެން ބޭނުން ނަމަ ސާޖިކަލް މާސްކް ހަދައިފައިވާ މޮޑެލް ބަލައި އެގޮތަށް މާސްކް ފަހައިގެން ބޭނުން ކުރުމަށެވެ.