އާރަށުގެ މައްސަލައިގެ ޝަރީއަތް ލައިވްކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ.އާރަށުގެ މައްސަލައިގެ ޝަރީޢަތް ލައިވްކޮށް ދައްކައިދިނުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ޝަރީއަތުގެ މަޖިލީހުގައި އެދިއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން ހިންގައިފައިވާ ގއ. ވޮޑުމުލާގެ ޝަރީއަތާއި އަދި މިހާރު ކުރިއަށްދާ ރ.ފުއްގިރި މައްސަލައިގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުން ލައިވްކޮށްފައި ވެއެވެ. ނަމަވެސް އާރަށުގެ މައްސަލައިގެ ޝަރީއަތެއް މިހައިތަނަށް ލައިވް ކޮށްފައެއް ނުވެއެވެ.
މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުން ލައިވްކުރުމަށް އެދުމުން ދައުލަތުން އެކަމާ ދެކޮޅު ހަދައިފައެއް ނުވެއެވެ. ނަމަވެސް އެމައްސަލައިގައި ދެން ދައުވާ ލިބޭ ފަރާތްކަމަށްވާ ޔޫސުފް ނައީމް ވަނީ ޝަރީއަތް ލައިވްކުރުމާ ދެކޮޅު ހަދައިފައެވެ. ޝަރީއަތް ލައިވް ކުރާ ނަމަ އޭނާގެ ބައި ލައިވް ނުކުރުމަށް އެދުމުން ދައުލަތުން ވިދާޅުވީ ދައުވާ ވަކި ނުކުރެވޭނެ ކަމަށެވެ.
ދައުލަތުން އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ސިއްރު މައްސަލަ ނޫން އެހެން މައްސަލަތައް މިހާރު ލައިވްކުރާ ކަމަށެވެ. އެހެންކަމުން ދައުވާ ލިބޭ ފަރާތުން އެދުމަކީ ލައިވް ނުކުރެވޭނެ ސަބަބެއް ނޫންކަމަށް ވެސް ދައުލަތުން ވަނީ ވިދާޅުވެފައެވެ.
މައްސަލަ ބަލާ ގާޒީ މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ މި މައްސަލައިގައި މިހާރު ނުލިބި ހުރި ލިޔެކިޔުންތައް ދައުވާ ލިބޭފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޯޓަށް ހަވާލުކުރަން ޖެހޭނެ ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ދެން ތާވަލުކުރެވިފައި ވަނީ މިމަހުގެ 27ގައެވެ. އެ ދުވަހު އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީ ވުމެވެ. ގާޒީ ވިދާޅުވީ އެ ޝަރީއަތް ލައިވްކުރާ ނަމަ އެ ދުވަހުގެ ކުރިން އެކަން އަންގަވާނެ ކަމަށެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މިމައްސަލައިގައި ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.