ސަރުކާރުގެ ސްޕީޑް އަދިވެސް ބާރު ކުރަން ޖެހޭ: ނައިބު ރައީސް
ކޮވިޑް-19އާ އެކު ސަރުކާރަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް ސަރުކާރުން ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިޔަ ކަމަށާއި ނަމަވެސް ސަރުކާރުގެ ސްޕީޑް އަދިވެސް ބާރު ކުރަން ޖެހޭ ކަމަށް މި ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް މުޙައްމަދު ރާޝީދަށް ތާއީދު ހޯދުމަށް ޓަކައި ރޭ ށ. ކޮމަންޑޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ސަރުކާރަކުން ރައްޔިތުންނަށް ކޮށްދެން ޖެހޭ ހުރިހާ ކަމެއް މި ސަރުކާރުން ރައްޔިތުންނަށް ޓަކައި ކޮށްދެމުންދާ ކަމަށެވެ. މިކަމުގެ މިސާލަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ ޕްރޮޖެކްޓްތައް ހެކިވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، މުޅި ދުނިޔެ ބަންދުވެ، ދަތި ހާލަތަކަށް ޤައުމު ދިޔައިރު ވެސް، ތަރައްޤީގެ މަޝްރޫއުތައް ރާއްޖޭގައި ކުރިޔަށް ދިޔަ ކަމަށެވެ. އަދި މި ދަތިކަމުގައި ވެސް އެއްވެސް ދިވެހި ރައްޔިތަކަށް ޒަރޫރީ ބޭނުމަށް ދަތި ނުވާނެ ފަދައިން، ސަރުކާރުން ކަންކަން އިންތިޒާމް ކުރި ކަމަށް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް ބޭނުން ވަނީ ހަލުވި ސްޕީޑެއްގައި، ބާރަށް މަސައްކަތްތައް ކުރިޔަށް ގެންދަން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް ކަންތައް ކުރިމަތިވެގެން ދިޔަ ގޮތުން ބޮޑު ބައެއް ޙަޤީޤަތުގައި ވެގެން ދިޔައީ ވަރަށް ދަތި އުދަނގޫ ގޮތަކަށް. އަޅުގަނޑުމެން ބޭނުންވާ ގޮތަށް، އަޅުގަނޑުމެންނަށް މަސައްކަތް ކުރުމަށް ޖާގަ ނުލިބި ދިޔައީ. މުޅި ދުނިޔެ ހުއްޓުމަކަށް އައީ. މުޅި ރާއްޖެ ބަންދު ވެގެން ދިޔައީ." ފައިސަލް ނަސީމް ވިދާޅުވީ، ސަރުކާރުގެ ސްޕީޑް އަދިވެސް ހަލުވި ކުރަން ޖެހޭ ކަމަށެވެ.
އަޅުގަނޑުމެން އަދިވެސް ހިތްހަމައެއް ނުޖެހޭ. އަޅުގަނޑުމެން ޤަބޫލުކުރަނީ މިއަށް ވުރެ އަދިވެސް މާ ބާރަށް ގެންދަން ޖެހޭނެ ކަމަށް ކަންތައްތައް. އެހެންވެ، އަޅުގަނޑުމެން އަދިވެސް ދަންނަވަނީ ސަރުކާރާ އެކު މި މަސައްކަތް ހަލުވި ބާރުމިނެއްގައި ކުރިޔަށް ގެންދަން
ފައިސަލް ނަސީމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރައީސް ޞާލިޙް ވެވަޑައިގެންނެވި ވައުދުތައް ރަނުންރަނަށް ފުއްދަވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީއަށް ވަރަށް ބޮޑަށް އިޙްމާލުވެފައިވާ ކަމަށް ވިދާޅުވަމުން، ވިދާޅުވީ ކުރީގެ ސަރުކާރުގައި އަތޮޅު ތެރޭގެ ރަށްތައް އޮތީ ބާކީ ކުރެވިފައި ކަމަށެވެ.
އިދިކޮޅުން ސަރުކާރުގައި އޮތްއިރު، ވަކި ދިމާލަކަށް ތަރައްޤީ ގެންނަން މަސައްކަތް ކުރި ނަމަވެސް މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިސަރުކާރުން ކަންތައް ކުރާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށާއި ރައްޔިތުންގެ ޝަކުވާތައް މި ސަރުކާރުން ކައިރިން އަޑު އަހާނެ ކަމަށެވެ.
ސަރުކާރުގެ ސްޕީޑް އުޅެނީ ވަރަށް ބާރުކޮށްތޯ