ޚަބަރު ޝަރުޢީ ދާއިރާ

ޔާމީންގެ މަރު: ކުށް ސާބިތު ނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ ނިޔަތް އޮތް ކަމަށް ބުނެފި

  • ކްރިމިނަލް ކޯޓުން ހުކުމް ކުރީ އިސްމާއީލް ރަޝީދާއި، ހުސައިން ޒިޔާދާއި، ހަސަން ޝިފާޒާއި މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް.
ފަތޯނާ ފާއިޒު ، ދެން އޮންލައިން
ބްލޮގަރ ޔާމީން ރަޝީދު

މީގެ ފަސް އަހަރު ކުރިން ވަރަށް އަނިޔާވެރިކޮށް ވަޅިން ހަމަލާދީ ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލައިގައި ދައުވާ އުފުލި ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ނިޔަތް އެބައޮތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

Ads by STELCO

ޔާމީން މަރައިލިކަމުގެ ކުށް ސާބިތުވި ދެ މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ރޭ ވަނީ ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އެހެން ނަމަވެސް، މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި އަނެއް ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވާކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

އެއީ، މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާނެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ނިޔަތް އެބައޮތް ކަމަށެވެ. އަދި މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުމުގެ މަޚްޟަރު ބަޔާންތަކާ އެކު މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުމުން އެ ރިޕޯޓް ދިރާސާ ކުރުމަށް ފަހު، ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ހަތަރު މީހުންގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރުމާ މެދު ފަހުގެ ނިންމުމެއް ނިންމާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

"އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މި ބާވަތުގެ އަނިޔާވެރި ކުށްތަކުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި މި އޮފީހުން ދެކެމެވެ. އަދި މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން ދެވެން އޮތް އެންމެ ދުރަކަށް މި އޮފީހުން ދާނަމެވެ." ޕީޖީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އިސްމާއީލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާނަކީ ޔާމީން މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވެ، މިކަމުގައި އެންމެ އިސް ދައުރެއް އަދާ ކުރި ދެމީހުން ކަމަށެވެ. އަދި މި ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަކީ މި މައްސަލައިގައި އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަަމަށް ބުނެފައި ވެއެވެ.

ހަމައެހެންމެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައެޅި ހަތަރު މީހުންނަކީ ވެސް ޔާމީން މަރައިލާން ރޭވުމުގައްޔާއި އެކަން ތަންފީޒު ކުރުމަށް އެކި މިންވަރަށް ބައިވެރިވެފައިވާ ބައެއްކަން މައްސަލައިގެ ހެކި ގަރީނާއިން އެނގޭ ކަމަށް ވެސް ޕީޖީއިން ވަނީ ބުނެފައެވެ.

Ads by HDC
  1. ޙުކި

    ދެންް ކުރަންވީނުންް. ނިޔަތާާ މަގްސަދުު ބަލާކަށެއްް ބޭނުމެއްނުވޭޭ. ކޮބާާ ބިޔަަ ބޮޑުު ވައްކަމުންް މިލިއަނުންް ރައްޔިތުންގެެ ފައިސާާ ދިރުވާލިި މީހުންް. ނިޔަތެއްް ނެތްް. ވިސްނުމެއްނެތްް. ފިކުރެއްް ނެތްް. ލަދެއްގެެ ކަންފުޅެއްވެސްް ނެތްް.

    • ޢަލީ

      ޙުކި….ހެޔޮކޮށް ތިޔާބުނީ.