ޚަބަރު

ކޮވިޑާ ގުޅިގެން ތިނަދޫގައި ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު ހިންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19ގެ ވޭދަނަތައް އިތުރުވުމާ ގުޅިގެން މިހާރު މޮނިޓަރިން ހާލަތުގައި އޮތް ގދ. ތިނަދޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު ހިންގައިފިއެވެ.

Ads by MWSC

ތިނަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ތިނަދޫން ކޮވިޑް-19 ގެ އައު ވޭރިއަންޓަށް ބަޔަކު ފައްސިވެ ބަލިޖެހޭ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ އެޗްޕީއޭއިން ރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާތީ، ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތިނަދޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމަވައިފައިވާ ކަމަށެވެ.

އެގޮތުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން ން، ރޭގަނޑު 09:00އިން ފެށިގެން ފަތިހު 04:00އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާއްމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން، ޕާޓީތަކާއި ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން، އެއްފަހަރާ 3 (ތިނެއް) މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި ޢާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުން، އަދި ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި، ގިނަ ބަޔަކު ބައިވެރިވެގެން ކުރިއަށްގެންދާ ކަސްރަތުގެ ޙަރަކާތްތައް ހިންގުން ހުއްޓައިލުން، ފިހާރަތަކުން ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޢާއްމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތްދިނުން، ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ޙާޟިރުވެގެން ކިލާސްތައް ކުރިޔަށް ގެންދިއުން ހުއްޓައިލުން، ޝިފްޓް ޑިއުޓީ އަދާކުރާ އޮފީސް(ކުންފުނި ތަކުގައި ވެސް ވީހައި ވެސް މަދު މުވައްޒަފުން ބޭނުންކުރުމާއި ޒަރޫރީ ބޭނުންތަކަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގައި އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެ ކައުންސިލުން ވަނީ އަންގައިފައެވެ.

މީގެ އިތުރުން މަސްވެރިކަންކުރާ އުޅަނދުތަކަށް ކައުންސިލުން ދޫކުރާ ޚާއްސަ ހުއްދައިގެ ދަށުން މަހަށް ފުރުން، އުޅަނދުތަކުގައި ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ފަރާތެއް ހުރި ނަމަ ލަސްނުކޮށް ކައުންސިލް/ހޮސްޕިޓަލަށް އެންގުން، ތިނަދޫއަށް މުދާ ހިފައިގެން އަންނަ އުޅަދު ފަހަރާ އަދި އެހެން ރަށްރަށަށް ޒަރޫރީ ބޭނުންތަކަށް ކާބޯތަކެތި، ފެން، ގޭސް އުފުލާ އުޅަނދުތައް ކުރިއާލައި ތިނަދޫ ހެލްޕް ޑެސްކްގެ ހުއްދަ ހޯދުން، ތިނަދުއަށް މުދާ ހިފައިގެން އަންނަ އެއްވެސް އުޅަނދަކުން ބާލާ މުދާތައް އޭގެ ވެރިވަރާތުން ގެންދިއުމުގައި އެޗްޕީއޭގެ މިންގަޑާއި އެއްގޮތަށް އަމަލުކުރުން، ޑެލިވަރީގެ ޚިދުމަތްދޭ ފަރާތްތަކުން އެއްވެސް ގޯއްޗެއްގެ ތެރެއަށް ނުވަނުމާއި ދޮންވެލި ނަގާ ފަރާތްތަކަށް ދޫކުރާ ޚާއްޞަ ހުއްދައިގެ ދަށުން އެކަމުގައި ޙަރަކާތްތެރިވުން ވެސް ހިމެނެއެވެ.

އަދި ޓެކްސީ ކުރުމަށް އެޗް.ޕީ.އޭއިން އެކުލަވައިލައިފައިވާ އުޞޫލާ އެއްގޮތަށް ޓެކްސީދުއްވާ ފަރާތްތަކުން ޢަމަލުކުރުން، ތިނަދުއާއި ކާޑެއްދޫއާ ދެމެދު ޕަސެންޖަރުން އުފުލާ ސްޕީޑް ބޯޓް، ލާންޗްތައް އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ޙަރަކާތްތެރިވުމާއި ތިނަދުއިން ފުރާ ނުވަތަ އަންނަ ޕަސެންޖަރުން ފިޔަވައި އެހެން ފަރާތްތައް މި އުޅަނދުތަކުގައި ނުއުފުލުމާއި ފަޅުވެރިންނާއި ސްޕީޑް ބޯޓް، ލާންޗް ދުއްވާފަރާތް ކާނޑެއްދުއަށް ނޭރުމަށް ވެސް ތިނަދޫ ކައުންސިލުން ވަނީ އަންގައިފައެވެ.

ކޮވިޑް-19އަށް ފައްސިވާ މީހުން ގިނަވާތީ ތިނަދޫ މޮނިޓަރިންއަށް ލައިފައި ވަނީ މި މަހުގެ 23ވަނަ ދުވަހުއެވެ. ތިނަދޫގެ އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތިނަދޫން މިހާރު 1,361 މީހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 161 މީހުން އެބަތިއްބެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!