ޚަބަރު

ޖަމީލް، ނަޝީދަށް: ދައުލަތަށް ގެއްލުން ވިޔަސް ޓީއެމްއޭ އަށް ވަކާލާތުކުރުން އޯކޭތޯ؟

ދެން އެމްވީ ، ދެން އޮންލައިން

ދައުލަތައް ގެއްލުން ވިޔަސް ސީޕްލޭން ޓާމިނަލް މައްސަލާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓީއެމްއޭ އަށް ވަކާލާތު ކުރުމަކީ އެމަނިކުފާނެގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެއާޕޯޓް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް)އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ހިންގުމަށް ކުޑައަގެއްގައި ޓީއެމްއޭއަށް ދިނުމަށް ތާއިދު ކުރެވޭ ގޮތަށް މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކާއި ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ނަޒާހާތްތެރިކަމަށް ވަކާލާތުކުރެއްވި މަޖިލިސް ރައީސް ނަޝީދު ސިރިއްޔާތުގައި ޓީއެމްއޭއާ ބައްދަލުކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

"ދައުލަތަށް ގެއްލުންވިޔަސް ޓީއެމްއޭ އަށް ވަކާލާތުކުރުން އޯކޭ؟ ރައީސް އޮފީހާއި އޭޖީގެ ބޭފުޅުން ހަމަޖެހިފައި. ކޮރަޕްޝަނަށް ދަހިވެތިވީމާ ޤައުމީ މަޞްލަޙަތާއި ނަޒާހާތްތެރިކަން ނުފެންނާނެ." ޖަމީލް ވިދާޅުވިއެވެ.

ނަޝީދު ގެންދަވަނީ ފުލުފުލުގައި ޓާމިނަލް އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވާ ގޮތުގައި ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައިވާ ނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށެވެ. އަދި ދެވަނަ ރަންވޭ ހުޅުވާ އެއާޕޯޓު ބާރަށް ހިނގަން ފެށުމަށް ދިވެހި ސަރުކާރާއި ޓީއެމްއޭ އާއި ދެފަރާތް އެއްބަސްވެވޭ ގޮތަކަށް ސީޕްލޭން ޓާމިނަލްގެ ކަންތައް ނިންމުން ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!