އެޕޮއިންޓްމަންޓް ހައްދައިގެން މޭޔަރާ ބައްދަލު ކުރުމުގެ ފުރުސަތު ހުޅުވައިލައިފި
ރައްޔިތުންނާ އެކު ބާއްވަވަމުން ގެންދެވި ބައެއް ބައްދަލުވުންތައް ކޮވިޑް-19އާ ގުޅިގެން މެދުކަނޑައިލެވުނު ނަމަވެސް އަދިވެސް އެޕޮއިންޓްމަންޓް އުސޫލުން މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއާ ރައްޔިތުންނަށް ބައްދަލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ މާލޭގައި ވަރަށް ބޮޑަށް ކޮވިޑް-19 ފެތުރެމުންދާތީ، ސިޓީ ކައުންސިލުން ރާވައިފައިވާ ބައެއް ބައްދަލުވުންތައް މެދުކަނޑައިލާން ނިންމަވައިފައި ވާތީ އެކަމާ ގުޅޭގޮތުން އެމަނިކުފާނުގެ ޕަބްލިކް ވައިބާ ގުރޫޕްގައި ލިޔުއްވި މެސެޖެއްގައެވެ.
މޭޔަރު ވިދާޅުވީ އެމަނިކުފާނާ ބައްދަލުކުރަން ބޭނުންވާ މީހުން ރަސްމީ ގަޑީގައި ސިޓީ ކައުންސިލުގެ ބިއުރޯއަށް ގުޅައި އެޕޮއިންޓްމަންޓް ހެދުމުން ބައްދަލުކުރައްވާނެ ކަމަށެވެ.
މަޤާމަށް ވަޑައިގެން މިދިޔަ އަށްމަސް ދުވަހު ވެސް މިގޮތަށް 150އަށް ވުރެ ގިނަ ޢާންމު ފަރުދުންނާ ބައްދަލުކުރައްވައިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވަގުތު އޮތް މިންވަރަކުން ކޮންމެ ހަފުތާއަކު ވެސް ރައްޔިތުންނާ މިގޮތަށް ބައްދަލުކުރުމަށް ވަގުތު ހުސްކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައްޔިތުންނާ އެކި ގޮތްގޮތުން ބައްދަލުކުރައްވައި ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ މާލޭގެ މޭޔަރު ބައެއް ކަންކަން މިވަގުތަށް މެދުކަނޑައިލާން ނިންމެވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބައްލަވައިފައެވެ.
މިގޮތުން ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ބައެއް ކަންކަން މިވަގުތަށް މަޑުޖައްސައިލާން ވަނީ ނިންމަވައިފައެވެ.
މިވަގުތަށް މެދުކަނޑައިލާން ނިންމެވި ކަންކަމުގެ ތެރޭގައި މާލޭ ސިޓީގެ އެކި ދާއިރާތަކަށް މޭޔަރާއި ކައުންސިލުގެ މެންބަރުން ކުރަމުން އައި ޒިޔާރަތާއި، އަވަށު ބައްދަލުވުންތައް ހިމެނެއެވެ. މިފަދަ ޢާންމުންނާއި ގުޅުން ހުރި އެހެން ބައެއް ކަންކަން ވެސް ވަނީ މެދުކަނޑައިލެވިފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ މިސްކިތްތަކަށް ބޭނުންވާ ފަންޑު ހޯދުމަށް ޓަކައި ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ޙަރަކާތްތައް ވެސް ވަނީ ފަސްކުރެވިފައެވެ.
މޭޔަރު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައިވާ ބައެއް ބައްދަލުވުންތައް ވެސް އެ ތާރީޚުތަކުގައި ބޭއްވޭނީ އެލްޖީއޭއިން އަންގާ ގޮތެއްގެ މަތިން އެޗްޕީއޭގެ މަޝްވަރާއާ އެކުގައި ކަމަށެވެ. ކޮވިޑްގެ ޙާލަތާ ގުޅިގެން މި ކަންކަން މިވަގުތަށް މެދުކަނޑައިލެވުނު ނަމަވެސް ޙާލަތު ރަނގަޅު ވުމާ އެކު ކުރިއެކޭ އެއްގޮތަށް ބައްދަލުވުންތަކާއި އެ ނޫން ވެސް ކަންކަން ރާވައިފައިވާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.