ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އެވެ. އީސަ ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރުމާއި، ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓްއެއް ހުށަހަޅަންޖެހޭ ގޮތަށް ހެދުން ހިމެނެއެވެ.
މި އިސްލާހުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ އަމިއްލަ މެމްބަރުންނާއި ސަރުކާރާއި އަދި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ވެސް ބިލުތައް ހުށަހެޅޭނެ ކަމަށާއި އެގޮތުން މަޖިލީހަށް އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާއިރު އޮންނަނީ އެ ހުށަހެޅުނު ގޮތަށް ކަމަށެވެ.
އަދި މަޖިލީހުގެ ވާޖިބަކީ އެ ހުށަހެޅުނު ގޮތާއި މެދު ބަހުސްކޮށް، އެއަށް އިސްލާހު ގެނައުމަށްފަހު ފާސްކުރުން ކަމަށާއި، އެހެންކަމުން ބިލެއްގެ ފުރަތަމަ ކިޔުމަކީ އެއީ އެކަމުގެ އެންމެފަހުގެ ނިންމުން ކަމަށް ވިސްނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ވަޒީފާގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ސަރުކާރުން ހުށަހަޅާފައި އެބަވޭ. ސަރުކާރުން ހުށަހަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ މެމްބަރެއް މެދުވެރިކޮށް. އެ މެމްބަރު އެ ހުށަހަޅުއްވަނީ ސަރުކާރުން އެ ބިލު މިތަނަށް ހުށަހަޅަން ބޭނުންވާ ގޮތަށް. މިތަނުން މި ފާސްކުރަނީ މެމްބަރުން އެކަމާ މަޝްވަރާ ކުރައްވާފައި، ބަހުސް ކުރައްވާފައި އަދި ހިޔާލު ހޯއްދަވާފައި، މުޅި ރާއްޖޭގެ ހުރިހާ ކަންކަމަކަށް ވިސްނަވާފައި، އެކަމުގައި އޮންނަ އެންމެ ރަނގަޅަކަށް" ނަޝީދު ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ އެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ވަޒީފާގެ ޕްރޮބޭޝަން މުއްދަތާއި ބަލިވެގެން ސަލާމް ބުނުމުގެ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ.
އަދި އެ އިސްލާހުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަމަށް ރަނގަޅު ހައްލެއް ހޯދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.