ޚަބަރު ސިޔާސީ

މަހާޖައްރާފުން ފައިދާ ނަގަން އެނގުނީ ރައީސް ޞާލިހުގެ ސަރުކާރަށް: އާޒިމް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގަތް މަހާޖައްރާފުގެ ފައިދާ ނަގަން އެނގުނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދާއިރު އެކަންކަން ކުރިއަށް ގެންދަނީ ރައީސް ޔާމީންގެ ދުރު ވިސްނުންފުޅުގެ ސަބަބުން އޭރު ގަތް މަހާޖައްރާފުގެ ބޭނުން ކޮށްގެންކަމަށް އިދިކޮޅުން ބުނަމުން ދާތީ އެކަމަށް އާޒިމް ވަނީ ރައްދު ދެއްވައިފައެވެ. އެގޮތުން އާޒިމް ވިދާޅުވީ އެމްޓީސީސީގައި މަހާޖައްރާފުގެ އިތުރުން ވެސް ހެވީ ވެހިކަލް އެބަ ހުރިކަމަށެވެ.

450އާ ގާތްކުރާ އަދަދަކަށް ހެވީވެހިކަލް ހުރިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މަހާޖައްރާފަކީ ވެސް ހިދުމަތްތެރި އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް މަހާޖައްރާފަށް ހިންގޭނީ އެންމެ ޕްރޮޖެކްޓެއް ކަމަށާއި މިހާރު ވެސް އެމްޓީސީސީން ކުރިއަށް ގެންދާ އަނެއް 69 ޕްރޮޖެކްޓު ހިންގަނީ ދެން ހުރި އުޅަނދުތައް ބޭނުންކޮށްގެންކަމަށް އާޒިމް ވިދާޅުވިއެވެ.

"މަހާޖައްރާފު ވެސް އެއޮތީ. އަޅުގަނޑުމެންގެ މުވައްޒަފުންނަށް އެންމެ މަސައްކަތެއް ކުރެވޭނީ މިގަޑީގައި ވެސް. އަނެއް 69 މަސައްކަތް ކުރިއަށް ގެންދަނީ ދެން ހުރި އިކުއިޕްމެންޓްސްތަކުން" އާޒިމް ވިދާޅުވިއެވެ.

މަހާޖައްރާފު ގަތީ 2017ވަނަ އަހަރުކަން ފާހަގަކުރައްވަމުން އާޒިމް އިތުރަށް ވިދާޅުވީ އެއަހަރާއި 2018ވަނަ އަހަރު އަދި ޖެހިގެން އައި 2019ވަނަ އަހަރު ވެސް މަހާޖައްރާފު އޮތުމަކުން އެމްޓީސީސީއަށް ފައިދާ ވެފައިނުވާ ކަމަށެވެ. މަހާޖައްރާފު އޮވެގެން އެކަނި އެމްޓީސީސީއަށް ފައިދާވާ ނަމަ އެ އަހަރުތަކުގައި ވެސް ފައިދާ ވީސްކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޓީސީސީއަށް މިއަދު ފައިދާވަމުން މިދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވިސްނުންފުޅުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އޮޅުވައިލައިގެން ވާހަކަ ނުދެއްކުމަށާއި އެއާޕޯޓާއި ހޮސްޕިޓާތައް އަޅަނީ މަހާޖައްރާފުން ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

"މަހާޖައްރާފަކީ ހަމައެކަނި ތަނެއް ހިއްކާ އެއްޗެއް. ހަމަ އެގޮތަށް ހިއްކާ އޮންނާނެ ދޭތި އަޅުގަނޑުމެން އަތުގައި. އެހެންވީމަ ޖުމްލަ ތިނެތިން އަޅުގަނޑުމެން ހިއްކަމުން މިދަނީ" އާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މަހާޖައްރާފު ގަތުމާ އެކު ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ދުވެލި ހަލުވި ވެގެންދިޔައެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމަށް އަހަރުތަކެއް ވޭތުވެގެން ދިޔަ ނަމަވެސް މަހާޖައްރާފު ބޭނުންކޮށްގެން ދެވަނަ ފިޔަވަހީގައި އެއަށް ވުރެ ބޮޑު ބިމެއް ހިއްކަން ހޭދަވަނީ ތިން ހަފްތާއެވެ.

ށ. ކޮމަންޑޫއާއި އެރަށާ އެއް ފަޅެއްގައި އޮތް މަތިކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ގެންދަނީ މަހާޖައްރާފު ބޭނުންކޮށްގެންނެވެ. އިދިކޮޅުން ބުނަމުންދަނީ ކޮމަންޑޫ ދާއިރާގެ ތަރައްގީ އެހައި ހަލުވި މިނުގައި ގެނެވެނީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅުގެ ސަބަބުންކަމަށެވެ.

  1. މުންތާޒު

    މީ ކޮރަޕްޓް ސަރުކާރެއް ކަން އާޒިމްވެސް ގަބޫލުކުރޭ. ޥަޒީފާގެ ދަހިވެތިކަކުފަ ތިހުރީ.

  2. މަހާ

    ތިބުނީ ޔާމީނު ގެނައި މަހާޖައްރާފުގެ ވާހަކަތަ؟

    • ޔާމީނު ކިހާރަނގަޅު މަހާޖައްރާފް މަހާޖައްރާފް އެހެންވީމައޭ ރައީސް ޔާމީނަށް މިޤައުމު އެދިގޮވަނީ .