ހުޅުމާލޭގައި އިސްލާމީ މަރުކަޒެއް ގާއިމްކުރުމުގެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީވިލާތުން އެއްބަސްވެއްޖެއެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވްޝޯލްއާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާދިއްތަ ދުވަހު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ހުޅުމާލޭގައި ތަރައްގީކުރާ އިސްލާމީ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ވަނީ ހުށަހަޅައިފައެވެ. މި ހުށަހެޅުމާ ގުޅިގެން ތުރުކީން ވަނީ އެކަމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވައިފައެވެ.
މިމަޝްރޫއާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ހުޅުމާލޭގެ އިސްލާމީ މަރުކަޒު ވެގެންދާނީ އިސްލާމީ އެއްބައިވަންތަކަމުގެ އިތުރުން ރާއްޖެއާއި ތުރުކީގެ އަޚުވަންތަކަން ރަމްޒުކޮށްދޭ ތަނަކަށްކަމަށެވެ.
"ތުރުކީގައި މިދާއިރާގެ މާހިރުން ތިއްބެވުމާ އެކު، ފޯރުކޮށްދޭ އެހީތެރިކަމުގެ ފައިދާ އެތައް ގޮތަކުން ރާއްޖެއަށް ކުރާނެކަމާ މެދު ޝައްކެއް ނުކުރަން" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ކުރިއަށް ގެންދާ އެޕްރެހެންޝިޕް ޕްރޮގުރާމަށް ތުރުކީން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެގައުމުން ވަނީ އެއްބަސްވެފައެވެ. ޝާހިދު ވިދާޅުވީ މީގެ ސަބަބުން އަންހެނުން ބާރުވެރި ކުރުވުމަށާއި ވަޒީފާ އަދާނުކުރާ ޒުވާނުންގެ އަދަދު މަދުކުރުމަށް އެހީވެދޭނެކަމަށެވެ.
ރާއްޖެއާއި ތުރުކީއާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މިހާރު މުޅި ދުނިޔެ ތަހައްމަލުކުރަމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ހުރިހާ ގައުމުތަކުން އެކީގައި މަސައްކަތް ކުރުން އިތުރަށް މުހިންމުވެފައިވާ ކަމަށެވެ. އަދި ހާއްސަކޮށް އިސްލާމީ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ މުހިންމުކަމުގެ މައްޗަށް ޝާހިދު އަލިއަޅުއްވައިލެއްވިއެވެ.
ޝާހިދު ވަނީ 2025ވަނަ އަހަރު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ބައްދަލުވުން ތުރުކީގައި ބޭއްވުމަށް އެގައުމުން ހުށަހަޅައިފައިވާ ހުށަހެޅުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަން އިއުލާން ކުރައްވައިފައެވެ. އަދި އެހެނިހެން ދާއިރާތަކުން ވެސް ތުރުކީއަށް ދޭންޖެހޭ އެއްބާރުލުން ރާއްޖެން ދޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.