ޚަބަރު

ކައުންސިލް އިންތިހާބަށްފަހު ކޯލިޝަން ރޫޅާލާނަން: މެމްބަރު ހަލީމް

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު ވެރިކަން ކުރާ ކޯލިޝަން ރޫޅާލާނެ ކަމަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ކައުންސިލް އިންތިހާބުން އެމްޑީޕީ އަށް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށާއި އެ ކާމިޔާބީއާ އެކުގައި ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ކޮށްދޭނެ ކަމަށެވެ. އެގޮތުން މި އިންތިހާބަށްފަހު ކޯލިޝަނުގެ ސަރުކާރު ނިމުމަކަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

"މި ފަހަރު ލޯކަލް ކައުންސިލް އިންތިހާބު އަޅުގަނޑުމެންނަށް ރަނގަޅަށް ލިބިއްޖެއްޔާ، އިރާދަކުރެއްވިއްޔާ އެންމެ ދުވަހަކު ވެސް ގާސިމް އިބްރާހިމް އާއި، މައުމޫން އަބްދުލް ގައްޔޫމްއާ އެކު، އިމްރާން އަބްދުﷲ އާ އެކު އުޅޭކަށް ނެތިން. އެމީހުންނާއެކު ސަރުކާރަށް ހިންގޭނެ ކަމަކަށް ނުފެނޭ" ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ އެމްޑީޕީ ފިޔަވައި ދެން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ވަޒީރުން ތިބި މިނިސްޓްރީތަކުން މަސައްކަތް ނުކުރެވިދާތަން ފެންނަމުންދާ ކަމަށާއި އެގޮތުން އެމްއާރްއެމްގެ ސްލޮޓުގައި ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަހީދަށް މަސްވެރިންނާއި މެދު ކުރެވުނު ކަމެއްވެސް ނެތް ކަމަށް އޭނަ ވިދާޅުވިއެވެ. އަދި އެކަމަނާއާ މެދުވެސް ވަރަށް އަވަހަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހާއްސަކޮށް އޭޕްރީލް ހަތަރުވަނަ ދުވަހަކީ އެމްޑީޕީގެ ރައްޔިތުންނަށް އުފާވެރި ދުވަހަކަށްވާނެ. އެ ދުވަހު ކޯލިޝަންގެ މޫނުގައި އަޅާނެ ކަމުގެ ޔަގީންކަން ދެން" ހަލީމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!