ޚަބަރު

ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުން: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުންކަމަށް ރައީސް އިބްރާހިމް ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މިހެން ވިދާޅުވެފައިވަނީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ "ކޮމާންޑަރސް ކޮންފަރެންސް 2020" އިފްތިތާޙުކޮށްދެއްވުމަށް ބަންޑާރަކޮށީގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ މަޝްރަހުގައި ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވަނީ އެކަމަށް ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް، ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުންދިވެހި ޢަސްކަރިއްޔާ އިތުރަށް ތަރައްޤީކުރުމަށްޓަކައި، ސިފައިންނަށް ބޭނުންވާނެ ފަންނީ އަދި ޢަސްކަރީ އާލާތްތަކާއި، ވަސީލަތްތަކާއި އުޅަނދުފަހަރު ހޯދުމަށް، ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތާ އެންމެ ބޮޑަށް ލާމެހިފައިވާ ބަޔަކީ، އެ ޤައުމެއްގެ ސިފައިންކަމުގައެވެ. އެހެންކަމުން ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަކީ، މެދުކެނޑުމެއް ނެތި އަބަދު ކުރަންޖެހޭ ކަމެއްކަމަށް ފާހަގަކުރައްވާ، އެ މަޤްޞަދުގައި ސިފައިންގެ ހުރިހާ ކޮމާންޑަރުން އެއްތަންކޮށް، މިފަދަ މަހާސިންތާއެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި އުފާކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.

މަހާސިންތާއާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅުދައްކަވަމުން، މަހާސިންތާގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު ވަނީ މި މަހާސިންތާގައި ހުށަހެޅިގެންދާ ދިރާސާ ކަރުދާސްތަކާ މެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން ޤައުމީ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ޤައުމީ އެއްބައިވަންތަކަމާއި ޞުލްޙަ މަސަލަސްކަން ނެގެހެއްޓޭނެ ފަދަ ނިންމެވުންތަކަކަށް އަމާޒު ހިފުމަށާއި، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންތައްތަކަށާއި، ބައިނަލްއަޤްވާމީ މަޝްރަހުގައި ދިމާވާ ނުރައްކާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށައެޅުމަށް ރައީސް ވަނީއެދިވަޑައިގެންފައެވެ.

އަދި ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑުގައި، މިހާރު އަންނަނީ ލާމަރުކަޒީ ކުލަތައް ޖެހެމުންކަމަށާއި، މިމުހިންމު ބަދަލާއެކު، ކޮމާންޑަރުންގެ ވިސްނުންވެސް އެމިސްރާބަށް އަމާޒުކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ދިވެހި ސިފައިން ވަމުންދާ ޤުރުބާނީއަށް، މި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ. އަދި ސިފައިންގެ ޚިދުމަތަކީ، އިނާމަކުން މުދަލާއި ފައިސާއިން ނުވަތަ ތަޢުރީފުގެ ބަސްތަކަކުން، އޭގެ އަގު ވަޒަންކުރެވޭނެ ކަންކަމެއް ނޫންކަމުގައި ވިދާޅުވެ ސިފައިންވަމުންދާ ޤުރުބާނީއަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!