ކައުންސިލް އިންތިހާބާ ދިމާކޮށް "ރިސޯޓު ބޯއީސް"ގެ ސަރުކާރާ ދެކޮޅު އިހްތިޖާޖެއް
ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ރިސޯޓުތަކުގައި މަސައްކަތްކުރާ "ރިސޯޓު ބޯއީސް" ސަރުކާރާ ދެކޮޅަށް އިޖްތިހާޖެއް ފަށައިފިއެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން މީސް މީޑިއާގައި ޖަހަމުންދާ ޕޯސްޓުތަކުގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ފަރާތުން ކުރިމަތިލާ އެއްވެސް މީހަކަށް ވޯޓު ނުދޭނެ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އެ މީހުން ބުނަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ނިކަމެތިކަން ލިބޭ ގޮތައް އިސްލާހުތައް ހުށަހެޅުން ކަމަށެވެ.
"މިނިމަމް ވޭޖްގެ ހުވަފެން ދައްކައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީޙުން ގުނބޯ ހައްދަމުން ދިއުމާއި ދެން ވެސް ދެން ވެސް ބައިވަރު ކަންތައްތައް ކިޔާ ހުސްނުވާ ވަރަށް އެބަހުރި. މަޖިލިސް ސުޕަ މެޖޯރިޓީ ލިބި ދެންވެސް ލިބެން އޮތް މެޖޯރިޓީއެއް ލިބި ކަމެއް ނުވާ ބަޔަކަށް ކައުންސިލްގެ މެޖޯރިޓީ ލިބިގެންވާނެ އެއްވެސް ފައިދާއެއް އޮތް ކަމަކަށް ޒަމީރު ގަބޫލެއް ނުކުރޭ." ޕޯސްޓެއްގައި ލިޔެފައިވެއެވެ.
ރިސޯޓެއްގައި މަސައްކަތް ކުރާ އިތުރު މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މަޖިލިސް މެމްބަރަކަށް މަހެއްގެ މައްޗަށް 82،500 ރުފިޔާ ލިބޭއިރު، ރިސޯޓުގައި މަސައްކަތްކުރާ މީހުންގެ އެވަރެޖް މުސާރައަކީ 27،837 ރުފިޔާ ކަމަށެވެ. އެހެންކަމުން އާއިލާއާ ދުރުގައި އަހަރަކު 365 ދުވަހު މަސައްކަތް ކުރާ މީހަކަށް މިހާ ކުޑަ މިންވަރެއް މުސާރައިގެ ގޮތުގައި ލިބުމަކީ އިންސާފެއް ނޫން ކަމަށް އޭނާ ބުނެއެވެ.
ސަރުކާރުގެ ފަރާތުން، ކެނދި ކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. މި ބިލުގައި ބުނެފައި ވަނީ، ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތު ކަމުގައި ހަ މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ.
އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތުން ކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލުކު ރެވިދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ މުއްދަތު ނުވަތަ ޕްރޮބޭޝަން ޕީރިއަޑް ތިންމަހުން ހަ މަހަށް އިތުރުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުމަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންގެ ހައްޤުތައް ނިގުޅައިގަތުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.