އައްޑޫން އިއްޔެ ފައްސިވި މީހުންގެ އަދަދު 100އިން މަތީގައި

އައްޑޫ ސިޓީން އިތުރު 118 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 5،659 މީހުން ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެނީ އެކަކަށެވެ. އައްޑޫން މި ބަލީގައި 15 މީހަކު ވަނީ ނިޔާވެފައެވެ.
އައްޑޫ ސިޓީން މިހައިތަނަށް ޖުމްލަ 46،740 ސުންކު ވަނީ ނަގައިފައެވެ. އަދި ސީދާކޮށް އެއްތާވި މީހުންގެ ގޮތުގައި 263 މީހުން ވަނީ ފާހަގަ ކުރެވިފައެވެ. އިއްޔެ އެ ސިޓީން ނެގުނު ސުންކުތަކުގެ އަދަދަކީ 298އެވެ.
އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.